ޕޮޗެޓީނޯގެ ކޯޗުކަމުގައި ޕީއެސްޖީ ފުރަތަމަ މޮޅު ހޯދައިފި

ޕޮޗެޓީނޯގެ ކޯޗުކަމުގައި ޕީއެސްޖީ ފުރަތަމަ މޮޅު ހޯދައިފި

ޢަލީ ޝަހީމް

މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ފުރަތަމަ މޮޅު ރޭ ހޯދައިފި އެވެ. ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބްރިސްޓާ ވާދަކޮށް ޕީއެސްޖީ މޮޅުވީ 3-0 އިންނެވެ.

ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ މި މަހުގެ ދެ ވަނަ ދުވަހު ޕީއެސްޖީއާ ހަވާލުވީ ތޯމަސް ޓުޗެލް މަގާމުން ވަކިކުރުމުންނެވެ. ޓީމާ ހަވާލުވިތާ މާގިނަ ދުވަހެއް ނުވެ އާޖެންޓީނާ އަށް އުފަން ޕޮޗެޓީނޯ ޕީއެސްޖީ ގޮވައިގެން ފުރަތަމަ މެޗަށް ނުކުތީ މިދިޔަ ބުދަ ދުވަހު އެވެ. އެކަމު ލީގުގައި ސެއިންޓް އެޓިއެންއާ ދެކޮޅަށް ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ 16 ވަނަ މިނެޓުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މޮއިސް ކީން އެވެ. އެވަޓަންގެ ލޯނު އުސޫލުން ޕީއެސްޖީ އަށް ބަދަލުވި އިޓަލީގެ ފޯވާޑް މިހާރު ވަނީ މި ސީޒަނުގައި އެ ކްލަބަށް 14 ލީގު މެޗުގައި ނުވަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ޕީއެސްޖީގެ ފަހު ދެ ލަނޑު ފަހު 10 މިނެޓުގައި ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީ އާއި ޕަބްލޯ ސަރާބިއާ އެވެ. ޕީއެސްޖީ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ފޯވާޑް ނޭމާ ނުލަ އެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި 40 ޕޮއިންޓާ އެކު އޮތް ލިޔޯނުން ރޭ ރަށުން ބޭރުގައި ރެންސްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން ވީ އެއްވަރެވެ. ލީގުގެ ތިން ވަނައިގައި އޮތް ލިލް އިން ރޭ ވަނީ ރަށުން ބޭރުގައި 1-0 އިން ނިމްސް ބަލިކޮށްފަ އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އާއި ތިން ވަނައިގައި އޮތް ލިލް އަށް 39 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް މޮނާކޯ އާއި ފަސް ވަނައިގައި އޮތް ރެންސް އިން ވަނީ 33 ޕޮއިންޓް ހޯދައިފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.