އީގަލްސް އިން ފުރަތަމަ މޮޅު ހޯދިއިރު ޓީސީން ވެލެންސިއާ ހިފަހައްޓައިފި

މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ކްލަބް އީގަލްސް އިއްޔެ މޮޅުވިއިރު ރޭ ކްލަބް ވެލެންސިއާ މޮޅުވިޔަނުދީ ޓީސީ ސްޕޯޓްސް ކްލަބުން ހިފަހައްޓައިފި އެވެ.
އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެ 3-2 އިން އީގަލްސް މޮޅުވިއިރު މިއީ ލީގުގައި ކުރިއަށް ދިއުމަށް އެޓީމުން ހޯދި ބޮޑު ހިތްވަރެކެވެ. ލީގުގައި ފުރަތަމަ ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބުނުއިރު އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ރިޒުވާން (ރިޒޭ) އަށް ބޮޑު އަނިޔާއެއްވެ މި ސީޒަނުގައި ދެން ކުޅެވޭނެކަމުގެ އުއްމީދު ވަނީ ކުޑަވެފަ އެވެ.
First win for @clubeagles1989 in this season's Dhivehi Premier League! pic.twitter.com/n270OpJ0Ho
— Fahuminet (@fahuminet) January 9, 2021
އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްގެ ފުރަތަމަ ގޯލު ހައިޝަމް ހަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ޔެމަންގެ ފޯވާޑް އޮސާމާ އަމްބަރު އެވެ. ދެ ވަނަ ހާފުގައި އީގަލްސްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓުގައި ބޮލުން ހަންނަ ފުރަތަމަ ގޯލު ޖެހިއިރު އޭނާގެ ދެ ވަނަ ލަނޑު ޒައިން ޒަފަރުގެ އެހީތެރިކަމާ އެކު ޖެހީ 77 ވަނަ މިނެޓުގަ އެވެ. ތިން ގޯލުގެ ފަހަތުގައި އޮވެ ޔުނައިޓެޑް ވިކްޓްރީ އިން ވަނީ މެޗުގެ ފަހުކޮޅު ދެ ގޯލު ޖަހައި އެއްވަރުކުރުމާ ގާތަށް ޖެހިލާފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 90 ވަނަ މިނެޓުގައި ބައްސާމް މުހައްމަދު (ބައްކު) ޖެހިއިރު ދެ ވަނަ ގޯލު އޭގެ އިރުކޮޅެއް ފަހުން ޖެހީ އިސްމާއީލް އީސާ (މެސީ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ގޯލު ޖެހި ހަންނަ އެވެ.

އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އިއްޔެ ހަވީރު ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ލީގުގައި ރޭ ޓީސީ އިން ވެލެންސިއާ ހިފެހެއްޓި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާ ނުލެވުނު ނަމަވެސް ދެ ވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް އެޓޭކުތައް ފެނުނެވެ. މެޗުގެ ފުރަތަމަ ގޯލު 60 ވަނަ މިނެޓުގައި ޖެހީ ވެލެންސިއާގެ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަސް އެއްފަހަރުން ޖަހައި ދަގަނޑޭ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ވެލެންސިއާ އިން ލީޑުގައި އޮތް ނަމަވެސް ޓީސީން ވަނީ ކުޅުން ރަނގަޅުކޮށް ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ޓީސީން އުފެއްދި ދެ ހަމަލާއެއް ކީޕަރު މުހައްމަދު ޝަފީއު ހުށިޔާރުކަމާ އެކު މަތަކުރިއިރު އޭގެފަހުން ކަސިއުސް ސްޓެވާޓަށް ފައުލްކުރިކަމަށް ބުނެ ޓީސީގެ ބެންޗުން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފަ އެވެ. ޓީސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ ކަސިއުސް އަށް އޭރިޔާ ތެރެއިން ކުރި ފައުލަކަށް 77 ވަނަ މިނެޓުގައި ދިން ޕެނަލްޓީއަކުން މުހައްމަދު އައްޒާމް އެވެ. މެޗުގެ ފަހުކޮޅު ވެލެންސިއާ އިން ކުރިއަށް ޖެހިގެން މޮޅެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ދަނޑުމަތީގައި ލީޑަޝިޕް ދައްކަމުން އަންނަ ޓީސީގެ އައްޒާމް އެވެ.
Mohamed Azzam salvaged a point for @TC_Fraternity after @AliAshfaq07 scored the opener for @clubvalencia79 in the hour mark. pic.twitter.com/LDVlILkJkP
— Fahuminet (@fahuminet) January 9, 2021
އިއްޔެގެ މެޗުތަކަށް ފަހު އީގަލްސް ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ފުރަތަމަ ފަސް މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓްރީ މިހާރު އޮތީ ތާވަލުގެ ފުލުގަ އެވެ. ވެލެންސިއާ 11 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ހަ ޕޮއިންޓާ އެކު ޓީސީ އޮތީ ފަސް ވަނައިގަ އެވެ.
ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރާއިރު މިރޭ ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާނެ އެވެ.
Advertisement


Leave a Reply