ޓީސީ އިން ފަހު ވަގުތު ޔުނައިޓެޑް ވިކްޓްރީއާ އެއްވަރުކޮށްފި

Advertisement

ޓީސީ އިން ފަހު ވަގުތު ޔުނައިޓެޑް ވިކްޓްރީއާ އެއްވަރުކޮށްފި

ޢަލީ ޝަހީމް
ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ މޮޅުވާން ދަނިކޮށް މެޗުގެ ފަހު މިނެޓުގައި ޓީސީ ސްޕޯޓްސް ކްލަބުން ނަތީޖާ 1-1 އިން އެއްވަރުކޮށްފި އެވެ.

ފަހު ވަގުތު މުހިއްމު ދެ ޕޮއިންޓް ގެއްލުމާ އެކު ޔުނައިޓެޑް ވިކްޓްރީ އިން ލީގުގައި ފުރަތަމަ މޮޅު ހޯދަން ކުރާ އިންތިޒާރު މިވަނީ ދިގުވެފަ އެވެ. އަނެއްކޮޅުން މިރޭ ލިބުނު ޕޮއިންޓަކީ ޓީސީ އަށް ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ޓީސީ މިހާރު ފަސް ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގައި އޮތްއިރު ޔުނައިޓެޑް ވިކްޓްރީ އޮތީ ދެ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

Advertisement

މެޗަށް ނުކުތް ޓީސީ ޓީމުގައި ސަސްޕެންޝަނަށް ފަހު ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވަނީ ހިމަނައިފަ އެވެ. މިރޭ އެޓީމުގެ ކުރި ބެލެހެއްޓީ މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމަށް ކުޅުނު ބިދޭސީ ފޯވާޑް ސްޓެވާޓް މެލްކޮމް ކަސިއުސް އެވެ. ޓީމާ ނުގުޅޭތީ ލީގުގެ ފުރަތަމަ ތިން މެޗުގައި ކަސިއުސް ފެނިފައެއްނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ޔުނައިޓެޑް ވިކްޓްރީ އިންނެވެ. މި ހާފުގައި އެޓީމުގެ ބިދޭސީ މިޑްފީލްޑަރު އަނަޓޯލީ ވްލަސިޗެވް ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ތިރީ ކަނަށް އަމާޒުވި ނަމަވެސް ޓީސީ ގޯލްކީޕަރު އަޒަދް އެލްމަދިން ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އޭގެފަހުން އަނަޓޯލީ ފޮނުވާލީ ދެ ވަނަ ހިލޭޖެހުން ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މި ހާފުގައި ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ޔުނައިޓެޑް ވިކްޓްރީގެ އަލީ ހައިޝަމް (ޗުމްޕު) އަށެވެ. އިސްމާއީލް އީސާ (މެސީ) ހުސްކޮށްލާފައި ޗުމްޕު އަށް ދިން ބޯޅަ އޭނާ ކޮންޓްރޯލް ކުރުމަށް ފަހު ކީޕަރު ގައިމަތިން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. ޓީސީ އިން ނުރައްކާތެރި ހަމަލާއެއް ފުރަތަމަ ހާފުގައި އުފައްދާފައި ނުވާއިރު، އެޓީމުން ގޯލާ އަމާޒުކޮށް ދެ ހަމަލާ ވެސް ފޮނުވާލީ ފޯވާޑް މެލްކޮމް ކަސިއުސް އެވެ.

މިރޭގެ މެޗުގައި ޓީސީގެ ލަންކާ ޑިފެންޑަރު ބޯޅަ ހިފައިގެން. އެޓީމުން ޕޮއިންޓެއް ހޯދީ ފަހު ވަގުތު ޖެހި ގޯލުން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި މުހައްމަދު އާރިފް (ބަކާ) ގޯލަށް ފޮނުވާލި ހަމަލާ ޓީސީގެ ސްރީ ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލާސް ވަނީ ބްލޮކްކޮށްފަ އެވެ. މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަރަޓް އަދްޒިނިއަޒޯވް އެވެ. އޭރިޔާ ބޭރުން އީސަ ނަގައިދިން ޖެހުން މަރަޓް ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރަމުން ދިޔަ ޓީސީ އިން މެޗުގެ ފަހުކޮޅު ކުޅުނީ މުޅި ޓީމު ކުރިއަށް ޖެހިގެންނެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ތެރޭގައި ފޯވާޑް މެލްކޮމް އަށް އޭރިޔާ ތެރެއިން ލިބުނު ބޯޅަ ކައިރީގައި ހުރި ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިޔާ ކައިރިން ނައްޓާލާފައި ފޮނުވާލުމުން އަމާޒުވީ ކީޕަރު އަތަށެވެ. ހިތްވަރު އެލުވާނުލައި ކުޅެމުންދިޔަ ޓީސީ އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލިބުނު ކޯނަރެއްގަ އެވެ. އަބްދުލްވާހިދު އިބްރާހީމް (ވާޑު) ނަގައިދިން ކޯނަރު އޭރިޔާ ތެރޭ ހުހަށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ.

ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ޓީސީ ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ. އާދީއްތަ ދުވަހު ހަވީރު މާޒިޔާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރާއިރު އެރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *