އަހަރެންގެ އުއްމީދަކީ ޔޫރަޕްގައި ކުޅޭ ސްޓައިލަށް މާޒިޔާ ކުޅުވުން: ވިޑަކޮވިޗް

އަހަރެންގެ އުއްމީދަކީ ޔޫރަޕްގައި ކުޅޭ ސްޓައިލަށް މާޒިޔާ ކުޅުވުން: ވިޑަކޮވިޗް

ޢަބްދުﷲ އަޝްރަފް

މާޒިޔާގެ ކޯޗެއްގެ ގޮތުގައި ހުންނައިރު އިސްކަންދޭނެ އެއް ކަމަކީ  ޔޫރަޕްގައި ފުޓްބޯޅަ ކުޅޭ ސްޓައިލަށް މާޒިޔާ ކުޅުވުން ކަމަށާއި، އެކަން ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް މާޒިޔާގެ ކޯޗުކަމުގެ މަގާމާ އަލަށް ހަވާލުވި ސާބިއާގެ ރިސްޓޯ ވީޑަކޮވިޗް ބުނެފިއެވެ.  ކުރިން ސާބިޔާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ވިޑަކޮވިޗް މިހެން ބުނެފައިވަނީ މާޒިޔާގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމަށްފަހު އިއްޔެ މީޑިއާ އާ ވާހަކަދައްކަމުންނެވެ.

މާޒިޔާ އަށް އާ ކޯޗަކު ގެނެސްފައި މިވަނީ ކުރިން އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) މަގާމުން އިސްތިއުފާ ދިންތާ ހަފްތާއެއްވެސް ނުވަނީހެވެ. މި ސީޒަނުގައި ބޮޑު ކާމިޔާބެއް ހޯދައިދިނުމުގެ އަޒުމުގައި ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމާއި މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުވި ނިޒާމްބެ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާދިނީ ލީގުގައި ވެލެންސިއާ އާ ދެކޮޅަށް މާޒިޔާއިން ކުޅުނު މެޗުގައި ޓީމުގެ ފަރާތުން ފެނުނު ދަށް ކުޅުމަށް އިޝާރާތްކުރުމަށްފަ އެވެ.

ސާބިއާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި 2006 ވަނަ އަހަރު ކޯޗިންގ ކެރިއަރ ފެށި ވިޑަކޮވިޗް ވަނީ އަހަރެއްހާ ދުވަހު އެ މަގާމުގައި ހުރުމަށްފަހު ސްޕެއިންގެ ކްލަބެއް ކަމަށްވާ ރެއާލް މުރުސިއާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް އެއް އަހަރު ދުވަހު މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން ސްޕެނިޝް ލީގުގައި މިހާރު ކުޅެމުން އަންނަ ކާޑިޒް އާއި ރެއާލް ބެޓިސްގެ ބީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ދުވަސްތަކެއް ވަންދެން އުމުރުން 51 އަހަރުގެ ވިކަޑޮވިޗް މަސައްކަތްކޮށްފައިވާއިރު އޭނާ ވަނީ އުތުރު އެމެރިކާ ސަރަހައްދުގެ ގައުމެއް ކަމަށްވާ ހޮންޑިއުރާސްގެ ކްލަބަކަށްވެސް ކޯޗުކަން ކޮށްދީފަ އެވެ.

މާޒިޔާއާ ވިކަޑޮވިޗް ހަވާލުވުމުގެ ކުރިން އޭނާގެ އެންމެ ފަހު މަންޒިލަކަށްވީ ފިލިޕީންސް އެވެ. އެގޮތުން ފިލިޕީންސްގެ ސެރެސް އަށް ތިން އަހަރު ދުވަސްވަންދެން ވިޑަކޮވިޗް އިރުޝާދުދީފައިވާއިރު އޭނާ ވަނީ އެ ތިން އަހަރުވެސް އެ ޓީމަށް ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި 2017 ވަނަ އަހަރު އޭނާ ވަނީ އޭއެފްސީ ކަޕްގައި ސެރެސް އަށް އާސިއާން ޒޯންގެ ޗެމްޕިއަންކަން ހޯދައިދީގެން ފުރަތަމަ ފަހަރަށް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރުމުގެ ފުރުސަތު ސެރެސް އަށް ހޯދައިދީފައެވެ. ޗެމްޕިއަންސް ލީގުގެ ކޮލިފައިންގެ ފުރަތަމަ ބުރުގައި އޮސްޓްރޭލިއާގެ ކުލަބެއްގެ މައްޗަށް ކުރި ހޯދައިގެން ދެވަނަ ބުރާ ހަމައަށް ސެރެސްއަށް ދެވުނު ނަމަވެސް އެ ބުރުގައި ޗައިނާ ގެ ކުލަބެއްގެ އަތުން ބަލިވެ އެ ޓީމަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލުނެވެ. ވިޑަކޮވިޗް ހުރީ ސެރެސް އާ އެކު ހޯދި ވަރުގެ ކާމިޔާބީއެއް މާޒިޔާއަށް ހޯދައިދިނުމުގެ އުއްމީދުގަ އެވެ.

“މާޒިޔާ އާއެކު މަސައްކަތްކުރަން ފުރުސަތު ލިބުމަކީ އަހަރެންނަށް ލިބުނު ޝަރަފެއް. އަދި މިއީ އަހަރެންގެ ކޯޗިންގ ކެރިއަރުގެ ކުރިމަގަށްޓަކައިވެސް އަހަރެން ކުރިމަތިލާ ވަރަށް މުހިއްމު ޗެލެންޖެއް. އަހަރެން އުއްމީދުކުރަނީ މާޒިޔާ އާއެކު އަހަރެން މި ހޭދަކުރާ ދުވަސްތަކަކީ ކާމިޔާބު ދުވަސްތަކަކަށް ވާނެ ކަމަށް. އަދި މާޒިޔާ އަށް އިތުރު ޓްރޮފީތައް ހޯދައިދެވޭނެ ކަމަށް.” މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށްފަހު މީޑިއާ އާ ފުރަތަމަ ފަހަރަށް ވާހަކަދައްކަމުން ވިޑަކޮވިޗް ބުންޏެވެ.

“އަހަރެން ގަބޫލުކުރާ ގޮތުގަ ސައުތު އީސްޓް އޭޝިއާގެ ގިނަ ގައުމުތަކަކުގެ ކްލަބްތަކަކީ ވަރަށް އެއްވަރުގެ ކްލަބްތަކެއް. އަހަރެންގެ ވިސްނުންހުރީ އަހަރެން ފިލިޕީންސްގައިވެސް މަސައްކަތްކުރި ފަދައިން ޔޫރަޕިއަން ސްޓައިލް މާޒިޔާގައި ކުޅޭ ފުޓްބޯޅައަށްވެސް ގެންނަން. އަހަރެން އުއްމީދުކުރަނީ އަހަރެންނަށް އެކަން ވާނެކަމަށް.” މާޒޔާގެ ކޯޗު ކަމާއި ހަވާލުވި ދެވަނަ ބިދޭސީ ކޯޗު ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗްގެ އުއްމީދުތައް މަތީގައި ހުއްޓަސް އޭނާ ގަބޫލުކުރާ ގޮތުގައި ކާމިޔާބީއަށް ވާސިލްވުމަށްޓަކައި މަސައްކަތްކުރަން ބަލާއިރު ގޮންޖެހުންތަކެއް ކުރިމަތީގައި އެބަހުއްޓެވެ. އެކަމަކު އެއީ އުޒުރަކަށް ހަދަން ވިޑަކޮވިޗް ބޭނުމެއް ނުވެއެވެ.

“މިއީ ޓީމެއްގެ ކޯޗުކަމުގެ މަގާމާ ހަވާލުވާން އެންމެ ރަގަޅު ވަގުތެއް ނޫން އަސްލު. ކޮންމެ ކޯޗަކުވެސް ބޭނުންވާނީ ސީޒަން ފެށުމުގެ ކުރިން ޓީމު ތައްޔާރުވާން ފުރުސަތު އޮތް ދަނޑިވަޅެއްގަ ޓީމާ ހަވާލުވާން. އެކަމަކު މިއީ ފުޓްބޯޅައިގައި އާންމުކަމެއް. އެހެންވީމަ އަހަރެމެން ޖެހޭނީ މިކަހަލަ ކަންކަމަށް ހޭނެން. އަހަރެމެންނަކަށް މާގިނަ ވަގުތެއް ނެތް. މުބާރާތް އެދަނީ ކުރިއަށް. އަހަރެން ބައެއް މެޗުތައް ބަލައިފިން. އަހަރެންގެ ސިކުނޑީގައި މިހާރު އެބަހުރި ޓީމު ލައްވާ ކުޅުވާނެ ބައެއް ގޮތްތައް. އަހަރެންނަށް ދެން އޮތީ ކުޅުންތެރިންނާއެކު މަސައްކަތްކުރުން.” ވިޑަކޮވިޗް އިތުރަށް ބުނެފައިވެ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.