އާސެނަލުން ހަތް ދުވަސްތެރޭ ތިން މޮޅު ހޯދައިފި

Advertisement

އާސެނަލުން ހަތް ދުވަސްތެރޭ ތިން މޮޅު ހޯދައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ރަށުން ބޭރުގައި 4-0 އިން ވެސްޓް ބްރޮމް ބަލިކޮށްފި އެވެ.

އާސެނަލްގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު މިއީ އެޓީމުން ލީގުގައި ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. ލީގުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަނޑުގައި 3-1 އިން ޗެލްސީ ބަލިކުރިއިރު ޖެހިގެން އައި މެޗުގައި އެޓީމުން ވަނީ 1-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ޗެލްސީ މެޗުގެ ކުރިން ލީގުގައި އެޓީމު ކުޅުން ހަތް މެޗުން ވެސް މޮޅެއް ނުލިބި އޮތީ ޕްރެޝަރުގަ އެވެ.

ރޭގެ މޮޅާ އެކު އާސެނަލް މިހާރު ވަނީ 17 މެޗުން ހޯދި 23 ޕޮއިންޓާ އެކު ލީގުގެ 11 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމާ ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީއާ ދެމެދު އޮތީ ހަ ޕޮއިންޓުގެ ފަރަގެކެވެ. ލީގުގައި ބާކީ ގިނަ މެޗުތަކެއް ހުރިއިރު ފޯމު ދަމަހައްޓައިފި ނަމަ ކުރީގައި އުޅޭ ޓީމުތަކާ ވާދަކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.

ބޯކޮށް ވެހުނު ސްނޯގެ ތެރޭގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޑިފެންޑަރު ކިއެރަން ޓިއާނީ ޖެހިއިރު އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާ އެވެ. މިދިޔަ ސީޒަން ފެށުނުފަހުން ހުރިހާ މުބާރާތެއްގައި މިހާތަނަށް އާސެނަލަށް ކުޅުނު މެޗުތަކުގައި ސަކާ ވަނީ ހަތް ގޯލު ޖަހައި 15 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ޕްރިމިއާ ލީގުގައި ކުޅޭ ޓީންއޭޖް ކުޅުންތެރިންގެ ތެރެއިން ސަކާ އަށް ވުރެ ރެކޯޑް ރަނގަޅު ހަމައެކަނި ކުޅުންތެރިއަކީ 25 ގޯލުގައި ހިއްސާވެފައިވާ މޭސަން ގްރީންވުޑް އެވެ. މެޗުގެ ދެ ވަނަ ފާހުގައި އާސެނަލްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަލެކްޒަންޑަ ލަކަޒެޓް އެވެ.

“މި ނިމުނީ ބުރަ ހަފްތާއެއް. ހަތް ދުވަހުން ތިން މެޗު ކުޅެ އެ މެޗުތަކުން އަހަރެމެންނަށް މޮޅުވެވިއްޖެ. ހުރިހާ ކަމެއް ވެސް މިހާރު ދަނީ ރަނގަޅަށް. މި މެޗު ފެށުނީއްސުރެ ޓީމުގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް” މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުންޏެވެ.

އާސެނަލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އިނގިރޭސި އެފްއޭ ކަޕްގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ލީގުގެ އެހެން މެޗުތަކަށް ބަލާއިރު އިއްޔެ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން އާއި ސޮން ހެއުން މިން އަދި ޑިފެންޑަރު ޓަބީ އަލްޑަވެއިރަލްޑް އެވެ. ރޭގެ މެޗުގައި ސޮން ޖެހި ގޯލަކީ ޓޮޓެންހަމްގެ ޖާޒީގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. ލީގުގައި ރޭ ކްރިސްޓަލް ޕެލޭސް އިން އަމިއްލަ ދަނޑުގައި 2-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކުރިއިރު ބްރައިޓަން އާއި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ 3-3 އެއްވަރުވެގެންނެވެ.

ލީގުގައި މިރޭ ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ވާދަކުރާ މެޗާ ސައުތެމްޓަން އާއި ލިވަޕޫލް ވާދަކުރާ މެޗު އޮންނާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *