ކޮވިޑާ ގުޅިގެން ސިޓީގެ ފަސް ކުޅުންތެރިއަކު ޗެލްސީއާ ދެކޮޅަށް ނުކުޅޭނެ

Advertisement

ކޮވިޑާ ގުޅިގެން ސިޓީގެ ފަސް ކުޅުންތެރިއަކު ޗެލްސީއާ ދެކޮޅަށް ނުކުޅޭނެ

ޢަލީ ޝަހީމް

ކޮވިޑް-19 އަށް އެންމެ ފަހުން ހެދި ޓެސްޓުތަކުން ޕޮޒިޓިވްވެ މެންޗެސްޓަރ ސިޓީގެ ފަސް ކުޅުންތެރިއަކު މާދަމާރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން ނުފެންނާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ ޓީމުން މިދިޔަ ހަފްތާ ކޮވިޑަށް ޕޮޒިޓިވްވީ ޑިފެންޑަރު ކައިލް ވޯކާ އާއި ގެބްރިއަލް ޖީސުސް އެވެ. އެކަމަކު ފަހުން ހެދި ޓެސްޓުތަކުން އިތުރު ތިން ކުޅުންތެރިއަކަށް ކޮވިޑް ޖެހި އައިސޮލޭޝަނަށް ވަނީ ދާންޖެހިފަ އެވެ. ޖީސުސް އާއި ވޯކާގެ އިތުރުން ކޮވިޑްގެ ސަބަބުން އައިސޮލޭޝަނުގައި ތިބި އަނެއް ތިން ކުޅުންތެރިންގެ ނަން އެ ކްލަބުން ހާމަކޮށްފައެއްނުވެ އެވެ. އެ ތިން ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ކްލަބުން ހާމަކޮށްފައި ނުވިނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޗެލްސީ މެޗުގައި ނުކުޅެވޭ ފަސް ކުޅުންތެރިން ވެސް މިވަގުތު އައިސޮލޭޝަނުގައި ތިބީ ކޮވިޑް ޖެހުމުގެ ސަބަބުންނެވެ.

“އަހަރެންނަށް ހިއެއްނުވޭ އެކުޅުންތެރިންގެ ނަންތައް ހާމަކުރަން ޕްރިމިއާ ލީގުން ރުހޭނެހެން އެކަމަކު އާދީއްތަ ދުވަހު އެއީ ކޮން ކުޅުންތެރިންނެއްކަން އެނގޭނެ” މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.

ލީގުގައި މިދިޔަ ހޯމަ ދުވަހު ސިޓީ އިން އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު ކޮވިޑްގެ ސަބަބުން ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެޓީމުގެ ޓްރެއިނިންތައް މެދުކަނޑާލުމަށް ފަހު އަލުން ޓްރެއިނިން ފެށުމުގެ ހުއްދަ ލިބުނީ މިދިޔަ ބުދަ ދުވަހު އެވެ. ގާޑިއޯލާ ބުނީ އެވަޓަންއާ ދެކޮޅަށް ކުޅޭވަރުގެ ސްކޮޑެއް އެޓީމުގައި އޮތް ކަމަށާއި، އެކަމަކު މެޗު އޮތް ދުވަހުގެ ހެނދުނު އިތުރު ބަޔަކު ޕޮޒިޓިވްވުމުން މެޗު ކެންސަލްކުރީ ކަމަށެވެ.

“އަހަރެން ބޭނުންވީ މެޗު ކުޅެން. އެކަމަކު މެޗު އޮތް ދުވަހު އިތުރު ކޭސްތަކެއް ފެނިގެން ކްލަބުން ޕްރިމިއާ ލީގަށް އެކަން އެންގީ. އަހަރެން އަމިއްލަ އަށް އެވަޓަންގެ ކޯޗު އަންޗެލޮޓީ އަށް ގުޅައި އެކަމުގައި ވާހަކަދެއްކިން” ގާޑިއޯލާ ބުންޏެވެ.

ސިޓީއާ ދެކޮޅަށް ނުކުންނަ ޗެލްސީގައި ވެސް ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް އުޅޭކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އެންމެ ފަހުން ހެދި ޓެސްޓުތަކުން ޗެލްސީގެ އެއްވެސް ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައެއްނުވެ އެވެ. މާދަމާ ރޭގެ މެޗަށް ނުކުންނައިރު އަނިޔާ އިން ރަނގަޅުވެ ޗެލްސީގެ މިޑްފީލްޑަރު ހަކީމް ޒިޔެޗް ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އެކަމަކު އެޓީމުގެ ޑިފެންޑަރު ރީސް ޖޭމްސް ހުރީ އަނިޔާގަ އެވެ.

ކޮވިޑްގެ ނުރައްކާ އިނގިރޭސި ވިލާތުގައި އަނެއްކާ ވެސް ބޮޑުވެ ބައެއް ކްލަބްތަކަށް އެކަމުގެ އަސަރުވަނީ ކޮށްފަ އެވެ. ސިޓީ މެޗުގެ އިތުރުން ފުލަމްގައި ކޮވިޑްގެ ކޭސްތައް ގިނަވެ އެޓީމުން ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅެން އޮތް މެޗު މިދިޔަ ހަފްތާ ކެންސަލްކުރި އެވެ. މި ހަފްތާގެ މެޗުތައް މިހާރު ފަށާފައިވާއިރު މެޗުގެ ކުރިން ހަދާ ޓެސްޓުތަކުން ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެ ނަމަ ބައެއް މެޗުތައް ކެންސަލްވުމުގެ ފުރުސަތު އެބައޮތެވެ. ކޮވިޑްގެ ކޭސްތައް ގިނަވުމުން ސަރުކާރުގެ އާ އުސޫލާ އެކު ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ސަޕޯޓަރުންނަށް މިހާރު ދަނޑަކަށް ނުވަދެވޭނެ އެވެ. އެކަމަކު ލީގުގެ ކުޅުން މެދުކަނޑާލުމުގެ ވިސްނުމެއް ނެތްކަމަށް ޕްރިމިއާ ލީގުން ވަނީ ބުނެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *