ކަވާނީ ތިން މެޗަށް ސަސްޕެންޑްކޮށްފި

Advertisement

ކަވާނީ ތިން މެޗަށް ސަސްޕެންޑްކޮށްފި

ޢަލީ ޝަހީމް

ނޮވެމްބަރު 29 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ފަހަތުން އަރައި ސައުތެމްޓަން ބަލިކުރި މެޗުގައި ދެ ގޯލު ޖެހި އެޑިންސަން ކަވާނީ މެޗަށް ފަހު އިންސްޓަގްރާމްގައި ކުރި ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓުގެ މައްސަލައިގައި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ ތިން މެޗަށް ސަސްޕެންޑްކޮށްފި އެވެ.

3-2 އިން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު އުމުރުން 33 އަހަރުގެ ކަވާނީ އަށް އިންސްޓަގްރާމްގައި އެތައް ބަޔަކު ވަނީ ތައުރީފްގެ ބަސްތައް ފޮނުވައިފަ އެވެ. ކަވާނީ ހޫނުފެނަށް ވެއްޓުނީ ގާތް މީހަކު ކޮށްފައިވާ ޕޯސްޓެއް ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރިއިރު ބޭނުންކުރި ބަސްތަކެއްގެ ސަބަބުންނެވެ. އެ ޕޯސްޓުގައި “ކުޑަ ކަޅު މީހެއް” ކަމަށް މަޖާޒީ ގޮތަކަށް ބުނުމުން އެވަގުތުން ފެށިގެން އޭނާ އަށް އައީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ފާޑުކިޔުންތަކާ އެކު ކަވާނީ ވަނީ ހަމަ އެވަގުތު ޕޯސްޓް ޑިލީޓްކޮށް އެއީ ސަމާސާއެއް ގޮތަށް ބޭނުންކުރި ބަސްތަކެއް ކަމަށް ބުނެ މާފަށް އެދިފަ އެވެ. އެކަމަކު އިނގިރޭސި އެފްއޭ އިން ނިންމީ އެއް މައްސަލައިގެ ތަހުގީގަކަށް ދިއުމަށެވެ.

Advertisement

މައްސަލަ ބެލުމަށް ފަހު ކަވާނީ އަށް އަދަބުދޭން އިނގިރޭސި އެފްއޭ އިން ނިންމީ ޑިސެމްބަރު 17 ވަނަ ދުވަހު އެވެ. އެ ނިންމުމަށް ފަހު މިއަދު އެފްއޭ އިން ވަނީ ކަވާނީ ކުރިއަށް އޮތް ތިން މެޗަށް ސަސްޕެންޑްކޮށް އެއްލައްކަ ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ. ސަސްޕެންޝަނާއި ޖޫރިމަނާގެ އިތުރުން “ފޭސް ޓު ފޭސް” އެޑިއުކޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ވެސް އެފްއޭ އިން ކަވާނީ އަށް ވަނީ އަންގައިފަ އެވެ.

ސަސްޕެންޝަނުގެ ސަބަބުން ޔުނައިޓެޑްގެ ކުރިއަށް ހުރި މުހިއްމު މެޗުތަކެއް ކަވާނީ އަށް ގެއްލޭނެ އެވެ. އެއީ މާދަމާ ރޭ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗާ ޖެނުއަރީ 6 ވަނަ ދުވަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް މެޗުގެ އިތުރުން އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ޖެނުއަރީ 9 ވަނަ ދުވަހު ވެޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ކަވާނީ އަށް އަދަބުދިނުމާ ގުޅިގެން ޔުނައިޓެޑުން އާއްމުކުރި ބަޔާނެއްގައި ބުނީ އިންސްޓަގްރާމް ޕޯސްޓުގައި ކަވާނީ މެސެޖު ފޮނުވީ ގާތް ރަހްމަތްތެރިއަކަށް ކަމަށާއި އެއީ އިހްތިރާމް ކުޑަކޮށް ނުވަތަ ނަސްލީ ތަފާތުކުރުމުގެ ނިޔަތެއް އޮވެގެން ކުރިކަމެއް ނޫން ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *