ލިވަޕޫލަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ނަގާލައިފި

އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ރޭ ވެސްޓްބްރޮމްގެ މައްޗަށް ކުރި ހޯދައިގެން ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ. ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓްބްރޮމް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ލިވަޕޫލުން ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
2،000 ސަޕޯޓަރުންގެ ކުރިމަތީގެ ރޭ ލިވަޕޫލުން ކުޅުނު މެޗަކީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި އެ ޓީމުން ކުޅުނު ލީގު މެޗުތަކުގެ ތެރެއިން ލިވަޕޫލަށް މިހާތަނަށް ތިން ޕޮއިންޓް ނުހޯދުނު ހަމައެކަނި މެޗެވެ. 32 ޕޮއިންޓާއެކު މިވަގުތު ޓޭބަލްގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު ދެވަނައިގައި އޮތް އެވަޓަން އޮތީ އެ ޓީމަށްވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ލިވަޕޫލުންނެވެ. މެޗުގެ 12 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮއެލް މަޓިޕް ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސަޑިއޯ މާނޭ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ގިނައިރު ބޯޅަ ގެންގުޅެ މުޅި ހާފު ޑޮމިނޭޓްކުރި ނަމަވެސް ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް އެ ޓީމަކަށް ނުވި އެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ވެސްޓްބްރޮމް އިން ކުޅުން ރަގަޅުކޮށް ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. ނަތީޖާ އެއްގެ ގޮތުން މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ވެސްޓްބްރޮމްގެ ސެމީ އަޖޭ ބޮލުން ޖަހައި ގޯލަށް ވައްދާލި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވި އެވެ. ވެސްޓްބްރޮމް އިން އެއްވަރުކުރުމުގެ ކުރިން އެ ޓީމުގެ ކާލަން ބްރަންޓް ލިވަޕޫލްގެ ގޯލަށް ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލަށް ރޭގެ މެޗުން ތިން ޕޮއިންޓް ހޯދަން މެޗު ނިމެން ގާތްވެފައި ވަނިކޮށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ވެސްޓްބްރޮމްގެ ގޯލްކީޕަރު ޖޯންސްޓޯން ވަނީ މަތަކޮށްފަ އެވެ.
Advertisement


Leave a Reply