ޔުނައިޓެޑް ވިކްޓްރީ އާއި ގްރީން ސްޓްރީޓްސް މެޗު ވެސް އެއްވަރު

Advertisement

ޔުނައިޓެޑް ވިކްޓްރީ އާއި ގްރީން ސްޓްރީޓްސް މެޗު ވެސް އެއްވަރު

ޢަލީ ޝަހީމް
ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ގްރީން ސްޓްރީޓްސް މިއަދު ހަވީރު ބައްދަލުކުރި މެޗުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރި މެޗު ވެސް އެއްވަރުވެގެން ނިމިއްޖެ އެވެ. ލީގުގައި އިއްޔެ ކުޅުނު ދެ މެޗު ވެސް އެއްވަރުވިއިރު މިއަދުގެ މެޗު އެއްވަރުވީ 1-1 އިންނެވެ.

މެޗަށް ނުކުތްއިރު ދެޓީމު ވެސް އޮތީ ކުޅުނު ފުރަތަމަ ދެ މެޗުން ޕޮއިންޓެއް ނުލިބި މޮޅެއް ވަރަށް މުހިއްމުވެފަ އެވެ. މިއަދުގެ މެޗަށް ނުކުތް ގްރީން ސްޓްރީޓްސް ޓީމުގައި ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ހިމަނައިފަ އެވެ. އަދި ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ފޯވާޑް ސިލިޗް ކީރްލޯ އަނިޔާއަށް ފަހު މިއަދުގެ މެޗުގައި ވަނީ ކުޅެފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ގްރީން ސްޓްރީޓްސް އިންނެވެ. ތިން ވަނަ މިނެޓުގައި އެޓީމުގެ ރިލްވާން ވަހީދު (ރިލޭ) ޖެހި ހިލޭޖެހުން ގޯލުގެ އަރިމަތިން ދިޔައިރު އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑް ވިކްޓްރީގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ބައްސާމް އަހުމަދު ނައީމް (ބައްކު) ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ. މި ހާފުގައި ގްރީން ސްޓްރީޓްސް އިން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ އަބްދުﷲ ޔާމީން (ޔާން) އެވެ. އެކަމަކު އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް ޔާން އަމާޒުކޮށްލީ ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ވަނީ ހިފަހައްޓައިފަ އެވެ. އެއަށް ފަހު ގްރީން ސްޓްރީޓްސް ގެ ހަސަން ނަޒީމް (ޗޯޓު) އާއި ޔާން އަށް އިތުރު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އެންމެ ފުރަތަމަ ލީޑު ނެގީ ގްރީން ސްޓްރީޓްސް އިންނެވެ. މިއީ ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު ހަލީލް ގަމާލް އަށް ޔުނައިޓެޑް ވިކްޓްރީގެ އަލީ ހަމްދާން އޭރިޔާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން 53 ވަނަ މިނެޓުގައި އެންހެލް ކަރަސްކޯ މުނޯޒް ކާމިޔާބުކުރި ލަނޑެކެވެ. މި ގޯލަށް ފަހު ގްރީން ސްޓްރީޓްސް އިން ވަނީ ލީޑުގައި އޮވެ މެޗު ނިންމާލުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. އޭގެ ބަދަލުގައި ޔުނައިޓެޑް ވިކްޓްރީ އިން ދިޔައީ އެޓީމުގެ ހުރިހާ ހަތިޔާރެއް ބޭނުންކޮށްގެން މެޗުގެ ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރަމުންނެވެ.

މެޗުގައި ޔުނައިޓެޑް ވިކްޓްރީ އެއްވަރުކޮށްދިން ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް (ޗުންޕު) އެވެ. އިސްމާއީލް އީސާ (މެސީ) ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޗުންޕު އެ ބޯޅަ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. މެޗު އެއްވަރުވެފައި އޮއްވައި ފަހު ވަގުތުކޮޅުގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހީމް (އަންކޮ) އަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެކަމަކު ހުސްކޮށް އޮތް ގޯލަކަށް ޖަހަން ލިބުނު ފުރުސަތުގައި އަންކޮ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެއަށް ފަހު ޔުނައިޓެޑް ވިކްޓްރީ އިން އުފައްދަން މަސައްކަތްކުރި ހަމަލާއެއްގައި އީސަ އަށް އޭރިޔާ ތެރެއިން ފައުލްކުރިކަމަށް ބުނެ އެޓީމުގެ ކުޅުންތެރިން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފަ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓްސް އަށް ޕެނަލްޓީ ހޯދައިދިން ހަލީލް އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި މާޒިޔާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *