ޓީސީ މެޗަކީ ސަސް އަށް މި ބުރުގައި އެންމެ މުހިއްމު މެޗް: ނާދު

Advertisement

ޓީސީ މެޗަކީ ސަސް އަށް މި ބުރުގައި އެންމެ މުހިއްމު މެޗް: ނާދު

ޢަލީ ޝަހީމް
ސަސްގެ ކޯޗު ނާދު ނޫސްވެރިންގެ ބައްދަލުވުމުގައި. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް މި ބުރުގައި އެންމެ މުހިއްމު މެޗު ކަމަށް އެޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

ފުރަތަމަ ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާ އެކު ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގައި އަލަށް ވާދަކުރާ ސަސް އޮތީ ހަތަރު ވަނައިގަ އެވެ. ދެ މެޗުން އެއް މޮޅު ހޯދައި ޓީސީ އޮތީ ލީގު ތާވަލުގެ ފަސް ވަނައިގަ އެވެ. މެޗު އެންމެ މުހިއްމުކަމަށް ނާދު ގަބޫލުކުރާ އެއް ސަބަބަކީ ލީގުގައި އެޓީމުގެ އަމާޒަށް ދިއުމަށް ޓީސީ ބަލިކޮށް އިތުބާރު ބޮޑުކުރުމެވެ.

Advertisement

މެޗަށް ދެޓީމު ނުކުންނައިރު ތަޖުރިބާކާރު ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނާ އެކު ޓީސީއާ އަޅާބަލާއިރު ސަސްގައި އޮތީ ރަނގަޅު ސްކޮޑެކެވެ. ޓީސީ އަކީ މިފަހަރުގެ ލީގުގައި އެންމެ ގިނަ ޒުވާން ކުޅުންތެރިން ފުރަތަމަ އެގާރައިގައި ކުޅޭ ކްލަބެވެ. އެކަމަކު ނާދުގެ ނަޒަރުގައި ޓީސީ އަށް ފުރަތަމަ ޑިވިޝަނުގައި ލިބިފައިވާ ތަޖުރިބާ މެޗުގައި ވަރަށް މުހިއްމުވާނެ އެވެ.

“ފުދޭވަރަކަށް ގިނަ ދުވަހު ފުރަތަމަ ޑިވިޝަނުގަ ކުޅެފަ އޮތީމަ އެކްސްޕީރިއެންސް ވެސް ހުންނާނެ ކަމަށް މި ބަލަނީ ވަރަށް ބޮޑަށް. ދެން އެއަށް ބަލައިގެން ތައްޔާރުވާނީ އަޅުގަނޑުމެން ޓީމު. ފަސްޓް ޑިވިޝަނުގަ ކުޅެފަ އޮތީމަ އެހާ ބޮޑު އާކަމަކަށް ނުވާނެ ޓީސީ އަކަށް. އެހެންނަމަވެސް ސަސް އަށް ވާނެ ފުދޭވަރަކަށް އާ ކަމަކަށް. ތަޖުރިބާކާރު ކުޅުންތެރިން ތިބިކަމުގައި ވިޔަސް” ސަސްގެ ކޯޗު ނާދު ބުންޏެވެ.

ނާދު ބުނީ ގިނަ އަހަރުތަކެއް ވަންދެން ފުރަތަމަ ޑިވިޝަނުގައި ކުޅެފައި އޮތުމުން ޓީސީ އަށް އޮންނާނީ ޓީމެއް ތައްޔާރުކުރެވިފައި ކަމަށެވެ. ސަސް އިން ޓީމު އެކުލަވާލަން ޖެހުނީ އެކި ތަންތަނުން ކުޅުންތެރިން ހޯދައިގެން ތަންކޮޅެއް އުނދަގޫކޮށް ކަމަށް ނާދު ފާހަގަކުރި އެވެ.

މިދިޔަ ދެ މެޗަށް ބަލާއިރު ސަސް އިން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ނާދު ބުނީ އެ ކްލަބުން ދައްކާ ކުޅުމުގައި ކުޅުންތެރިންގެ މަސައްކަތާއި ހިތްވަރު ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.

“މެޗަކަށް ފަހު މެޗެއް ރަނގަޅުވާ ސަބަބަކީ ޕްރެކްޓިސްގައި ކުޅުންތެރިން ކުރާ ހިތްވަރާ ކުޅުންތެރިން ކުރާ މަސައްކަތް. އެ ބުނާ ބަސް އަހައިގެން ބުނާ ގޮތަށް ޕްރެކްޓިސްތަކުގަޔާއި އަދި މެޗުގައި އެ ޕާފޯމް ކުރާތީވެ އެއީ އަސްލު ނަތީޖާއަކީ. ދެން އަޅުގަނޑުމެން ޓީމުގައި ނެތް އެއްވެސް މައްސަލައެއް. ހުރިހާ ކުޅުންތެރިން ވެސް ގުޅިގެން ވަރަށް ރަނގަޅަށް މަސައްކަތްކުރަނީ” ޓީމުގެ ރޫހު ވަރަށް ރަނގަޅުކަން ހާމަކުރަމުން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނާދު ބުންޏެވެ.

ޓީސީގެ ކޯޗު ޝާޒް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ އެޓީމުގައި އޮތް ޒުވާން ސްކޮޑަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށާއި އެ ކުޅުންތެރިންނާ އެކު ޓީމު ހަމައަކަށް އެޅެން ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

އެންމެ ފަހުން ކްލަބް އީގަލްސް އަތުން ޓީސީ މޮޅުވީ 10 ކުޅުންތެރިންނާ އެކު ކުޅެ އެވެ. ޝާޒް ބުނީ އެ މެޗުގައި ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްވަރުކުރި ކަމަށާއި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނުއިރު ޓީސީގެ ޓީމުން އެތަން ނުދެއްކި ކަމަށެވެ.

ޝާޒް ބުނީ ހަތަރު ދުވަހަށް ފަހު ސަސްއާ ދެކޮޅަށް ކުޅެން ޖެހުމަކީ ރިކަވަރީ އަށް ކުރިމަތިވާނެ މައްސަލައެއް ނޫންކަމަށާއި، އެކަމަކު ސަސް އަކީ ވަރަށް ވަރުގަދަ މިފަހަރުގެ މުބާރާތުގައި ސަޕްރައިޒިން ޓީމެއް ކަމަށެވެ.

“ސަސްގެ ސެޓަޕަށް ބަލާއިރުގަ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި މި ފެންނަނީ. މުބާރާތުގައި ހަމަ ސަޕްރައިޒިން ޓީމެއް އެއީ” ޝާޒް ބުންޏެވެ.

ޝާޒް އަށް މި ސީޒަނުގައި އޮތް އެންމެ ބޮޑު ޗެލެންޖަކީ ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ބޭނުންވާ ނަތީޖާ ނެރެން ކުރަންޖެހޭ ބުރަ މަސައްކަތެވެ. އެކަމަކު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ޒުވާން ކުޅުންތެރިންގެ ކުޅުމުން ޝާޒް އަށް ވަނީ އުއްމީދެއް ލިބިފަ އެވެ. އެ މެޗުގެ ދެ ވަނަ ލަނޑަކީ ޓީސީގެ ބެންޗުން ކުޅެން އެރި ޒުވާން ދެ ކުޅުންތެރިން އެކުވެގެން ޖެހި ގޯލެކެވެ. ޝާޒް ބުނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބުމުން ޓީމުގައި ވާދަވެރިކަމެއް އޮތުމަކީ އޭނާ އަށް އޮތް ޔަގީންކަން އިތުރުވާ ސަބަބެއް ކަމަށެވެ.

“ޓީމު ތެރޭގައި ވެސް އެ ވާދަވެރިކަން އެބައޮތް. ހަމަ އެއާއެއްކޮށް ޓީސީގައި ތިބި ޒުވާން ކުޅުންތެރިންނާ މެދު ހަގީގަތުގަ ވަރަށް ބޮޑު އިތުބާރެއް އެބައޮތް. އެއީ ކަންނޭނގެ ޓީމާ މެދު އެހާބޮޑު ޔަގީންކަމެއް އޮންނަ ސަބަބަކީ. ދެން އެކަމަކު ހަމަ އޭގެއާ އެއްކޮށް ކުރިން ބުނިހެން ވަރަށް ބޮޑަށް މިސްވޭ ބޭރު ކުޅުންތެރިންނާ އަދި ސީނިއާ ޕްލެޔަރުން. އެހެންނަމަވެސް މިހާރު މިތިބަ ސްކޮޑްގައި ތިބި ޒުވާން ކުޅުންތެރިންގެ އެ ހުނަރު އެބަހުރި” ޒުވާން ކުޅުންތެރިންނަށް ތައުރީފް ކުރަމުން ޝާޒް ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު އެންމެ ފަހު މެޗުގައި ދެއްކި ރަތް ކާޑާ އެކު ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ހުރީ ސަސްޕެންޝަނުގަ އެވެ. އެ މަގާމް ފޫބައްދަން މިރޭ ޒުވާން އިތުރު ކުޅުންތެރިއަކަށް ޝާޒް ފުރުސަތު ދޭނެކަމަށް ބެލެވެ އެވެ. ޒުވާން ކުޅުންތެރިންނާ އެކު ނަތީޖާ ނެރެވިދާނެތޯ ކުރެވޭ ސުވާލަށް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ވަނީ ޖަވާބުދީފަ އެވެ.

“ސުވާލަކީ އެ ޗެލެންޖަކީ މުބާރާތުގައި އެކަން (ޒުވާން ކުޅުންތެރިންނަށް) ޕްރޫވް ކުރެވޭނެތޯ ނުވަ ނޫންތޯ. މިހާތަނަށް ފެންނަނީ އެކަން ކުރެވޭ ކަހަލަ ގޮތަކަށް. ފަހުން އަރާ ކުޅުންތެރިންގެ ގައިގަ ވެސް އެ ޖޯޝް އެ ހިތްވަރު އެބަހުރި. އަދިވެސް އެބަތިބި ޓީސީގަ ޒުވާން މޮޅެތި ކުޅުންތެރިން. އިރާދަކުރެއްވިއްޔާ އެމީހުން ވެސް ފެންނާނެ” ޓީމަށް ތައުރީފް ކުރަމުން ޝާޒް ބުންޏެވެ.

ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާއިރު ޓީސީ އާއި ސަސްގެ މެޗު އޮންނާނީ މިރެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *