ފުޓްބޯޅައިގައި ފެނުނު އެންމެ އަވަސް ގޯލުތައް

ފުޓްބޯޅައިގައި ފެނުނު އެންމެ އަވަސް ގޯލުތައް

އައްބާސް
އިނގިރޭސި ޕްރިމިއާ ލީުގގެ ތާރީހުގެ އެންމެ އަވަސް ގޯލު ސައުތެމްޓަންގެ ލޯންގް ޖަހަނީ

ނިމިގެން ދިޔަ ހަފްތާގެ ފުޓްބޯޅަ މެޗްތަކަށް ބަލާއިރު ފާހަގަވެގެން ދިޔައީ ރެކޯޑްތަކެއް މުގުރާލި ތަނެވެ. އަދި ރެކޯޑްތަކެއް މުގުރުމާއި ގާތްވަމުން އަންނަ ތަނެވެ. މިދިޔަ ހަފްތާ ސްޕެނިޝް ލަލީގާގައި ލިއޮނަލް މެސީ ރެއާލް ވަލަޑޮލިޑް ކޮޅަށް ޖެހިގޯލާއެކު އެވަނީ 644 ގޯލާ އެކު އެއް ކްލަބަކަށް އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ޕެލޭގެ ރެކޯޑް މުގުރާލާފަ އެވެ. މިދިޔަ ހަފްތާގައި މުގުރާލި އަނެއް ރެކޯޑަކީ ޖަރުމަނު ބުންޑަސް ލީގާގައި ގޯލުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑެވެ. މިދިޔަ ހުކުރުދުވަހުގެ ރޭ ހާތާ ބާލިންއާ ދެކޮޅަށް ނިކުމެ ބޮރޫޝިއާ ޑޯޓްމަންޑްގެ ޔޫސޮފާ މުކޯކޯ ގޯލުޖެހިއިރު އޭނާގެ އުމުރަކީ 16 އަހަރާއި 28 ދުވަހެވެ. މީގެ ކުރިން އެރެކޯޑް އޮންނަނީ މިއަހަރު މެއި މަހު، 17އަހަރާއި 34 ދުވަހުގެ އުމުރެއްގައި ބަޔާން މިޔުނިކް ކޮޅަށް ގޯލްޖެހި ބަޔާން ލެވެކޫސަންގެ ފްލޯރިއަން ވާޒްޓްގެ އަތުގަ އެވެ.

މިދިޔަ ހަފުތާގައި މުގުރާލި އަނެއް ހާއްސަ ދެ ރެކޯޑަކީ އެންމެ އަވަސް ގޯލުގެ ދެ ރެކޯޑެކެވެ. މިގޮތުން އިޓާލިއަން ސެރިއާގައި މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލް ފެނިގެން ދިޔައީ މިދިޔަ އާދިއްތަ ދުވަހު ސަސޫލޯ އާއި ދެކޮޅަށް ނިކުތް އޭސީ މިލާންގެ ރަފައެލް ލެއޯގެ ފަރާތުންނެވެ. ލެއޯ މިގޯލް ޖަހާ މިލާނަށް ލީޑި ނަގައިދިނީ މެޗްގެ 6.2 ވަނަ ސިކުންތުގަ އެވެ. މިއީ މީގެ ކުރިން 2001 ގައި ރެކޯޑްހެދި ޕިއަޗެންޒާގެ ޕައޯލޯ ޕޮގީގެ ގޯލަށްވުރެ ދެސިކުންތު އަވަސް ގޯލެކެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ނިކުމެ މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ފުރަތަމަ ތިން މިނެޓް ތެރޭ އެންމެ އަވަސް ދެގޯލް ޖަހާ ރެކޯޑް ހަދާފަ އެވެ. އެމެޗްގައި މެކްޓޮމިނޭ ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗްގެ 69 ވަނަ ސިކުންތުގަ އެވެ. ޕްރިމިއާ ލީގުގެ އެންމެ އަވަސް ގޯލާ އަޅާކިޔާއިރު މިގޯލް އުޅެނީ މިނެޓަކަށްވުރެ ވެސް ފަހަތުގަ އެވެ. ޕްރިމިއާ ލީގުގެ މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލް ފެނިފައިވަނީ 2019 ގައި ސައުތެމްޕްޓަންގެ ޝޭން ލޯންގްގެ ފަރާތުންނެވެ. ލޯންގް މިގޯލްޖެހީ ވެޓްފޯޑާއި ދެކޮޅަށް ނިކުމެ މެޗްގެ 7.69 ވަނަ ސިކުންތުގަ އެވެ.

ވޯލްޑް ކަޕްގައި އެންމެ އަވަސް ގޯލު ޖެހުމުގެ ރެކޯޑް އޮތް ތުރުކީގެ ކުރީގެ މަޝްހޫރު ފޯވާޑް ހަކާން ޝުކޫރު. އޭނާ ރެކޯޑް ހެދީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވި މެޗުގައި

ލަލީގާގެ އެންމެ އަވަސް ގޯލުގެ ރެކޯޑް އޮންނަނީ ރެއާލް ވަލަޑޮލިޑްގެ ޖޯސެބާ ލޮރެންޓޭ އަތުގަ އެވެ. 2008 ގައި ލޮރެންޓޭ އެސްޕަންޔޯލް ކޮޅަށް ގޯލު ޖެހީ މެޗްގެ 7.22 ވަނަ ސިކުންތުގަ އެވެ.

ބުންޑަސްލީގާގެ އެންމެ އަވަސް ގޯލް ފެނިފައިވަނީ 2014 ގައި ބަޔާން ލެވަކޫސަންގެ ކަރީމް ބެލެރާބީގެ ފަރާތުންނެވެ. ބޮރޫޝިއާ ޑޯޓްމަންޑް ކޮޅަށް ބެލަރާބީ ގޯލް ޖެހީ މެޗުގެ 9 ވަނަ ސިކުންތުގަ އެވެ.

ފްރެންޗް ލީގުގައި އެންމެ އަވަސް ގޯލްގެ ރެކޯޑް ހަދާފައިވަނީ ކޭންގެ މައިކަލް ރިއޯ އެވެ. 1992 ގައި ރިއޯ ކޭންސްއާ ދެކޮޅަށް ނިކުމެ އޭނާ ގޯލް ޖެހީ މެޗްގެ 8 ވަނަ ސިކުންތުގަ އެވެ.

އެމެރިކާގެ މޭޖާ ލީގު ސޮކާގައި އެންމެ އަވަސް ގޯލް ފެނިފައިވަނީ ނިއު ޔޯކް ރެޑްބުލްސްގެ މައިކް ގްރެލާގެ ފަރާތުންނެވެ. ފިލަޑެލްފިއާ ޔޫނިއަންއާ ދެކޮޅަށް 2015 ގައި ނިކުމެ މައިކް ގޯލް ޖެހީ މެޗްގެ 7 ވަނަ ސިކުންތުގަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ އަވަސް ގޯލުގެ ރެކޯޑް އޮންނަނީ ބަޔާން މިއުނިކްގެ ރޯއީ މަކާއީ އަތުގަ އެވެ. 2007 ގައި ރެއާލް މެޑްރިޑް ކޮޅަށް މަކާއީ ގޯލް ޖެހީ މެޗްގެ 10.1 ވަނަ ސިކުންތުގަ އެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ އަވަސް ގޯލް ފެނިފައިވަނީ 2002 ގައި އޭޝިއާގައި ބޭއްވުނު ވޯލްޑް ކަޕްގަ އެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ތިން ވަނަ ހޮވި މެޗްގައި ދެކުނު ކޮރެއާ ކޮޅަށް ތުރުކީގެ މަޝްހޫރު ކުޅުންތެރިޔާ ހަކާން ޝުކޫރު ގޯލު ޖެހީ މެޗްގެ 10.8 ވަނަ ސިކުންތުގަ އެވެ.

ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތާރީހަށް ބަލާއިރު މިހާތަނަށް ފެނުނު އެންމެ އަވަސްގޯލް ޖަހާފައިވަނީ 2004 ގައި ޕޯޗުގަލްގައި އޮތް މުބާރާތުގައި ރަޝިއާގެ ޑިމިތުރީ ކިރިޝެންކޯ އެވެ. ފުރަތަމަ ބުރުގެ ފަހުމެޗްގައި އެމުބާރާތުގެ ޗެމްޕިއަންކަން ހޯދި ގްރީސް ކޮޅަށް ކިރިޝެންކޯ ގޯލްޖެހީ މެޗްގެ 67 ވަނަ ސިކުންތުގަ އެވެ.

ކޮޕާ އެމެރިކާގެ އެންމެ އަވަސް ގޯލް ޖަހާފައިވަނީ އާޖެންޓީނާގެ ކިލީ ގޮންޒާލިސް އެވެ. 1999 ގެ މުބާރާތުގައި އުރުގުއޭ ކޮޅަށް ގޮންޒާލިސް ގޯލް ޖަހާފައިވަނީ މެޗްގެ 68 ވަނަ ސިކުންތުގަ އެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައަށް ބަލާއިރު އެންމެ އަވަސް ގޯލުގެ ރެކޯޑް އޮންނަނީ 2017 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ޖިބްރޯލްޓާ ކޮޅަށް މެޗްގެ 8.1 ވަނަ ސިކުންތުގައި ގޯލު ޖެހި ބެލްޖިއަމްގެ ކްރިސްޓިއަން ބެންޓެކޭ އަތުގަ އެވެ.

ދެން މި ލިސްޓް ކޮށްލަނީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގެ އެންމެ އަވަސް ދިހަ ގޯލުގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ ގޯލްތަކެވެ. އަވަސް ގޯލް ގެ ރެކޯޑްތަކަކީ އަބަދުވެސް ބަހުސްކުރުމުގެ ޖާގަ އޮންނަ ރެކޯޑްތަކެކެވެ. އެންމެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ކުޅެވޭ ހުރިހާ މެޗަކީ ރެކޯޑްކުރެވޭ މެޗްތަކަކަށް ނުވާކަމެވެ. ހާއްސަކޮށް ކުރީގެ މެޗްތަކާއި ގުޅިގެން އެގޮތަށް ވާހަކަދެކެވޭ ރެކޯޑް ގޯލުތަކުގެ ސައްހަކަން ކަށަވަރު ނުކުރެވުމެވެ.

10- ފީލިކްސް ސުއަރޭޒް (6.1 ވަނަ ސިކުންތުގައި) – މި ގޯލް ފެނިފައިވަނީ 1976 ގައި ކޮޕާ ލިބަޓެޑޯރަސް ގައި އެލިއަންޒާ ލީމާ އާއި އިންޑިޕެންޑިއެންޓޭ ވާދަކުރި މެޗެއްގަ އެވެ.

9- އަލްބާޓް މުންޑީ (6 ވަނަ ސިކުންތުގައި) –  އިނގިރޭސި ދަށް ލީގެއްގައި އެލްޑަޝޮޓާއި ހާޓްލްޕޫލް 1958 ގައި ވާދަކުރި މެޗުގައި ފެނުނު މިގޯލަކީ އޭރުގެ ރެކޯޑެވެ.

8- ގުސްޓާވޯ ރަމިރޭޒް (4.1 ވަނަ ސިކުންތުގައި) – މިއީ މެކްސިކޯ ލީގުގެ އެންމެ އަވަސް ގޯލެވެ. މިގޯލު ފެނިގެން ދިޔައީ 2014 ވަނަ އަހަރު ލީގުގެ ފުރަތަމަ މެޗުގަ އެވެ.

7- ގަރެތު މޮރިސް (4 ވަނަ ސިކުންތުގައި) – މިގޯލް ޖެހީ 2001 ވަނަ އަހަރު އިނގިރޭސި އެފްއޭ ކަޕްގެ ފުރަތަމަ ކޮލިފައިން ބުރުގައި އޭޝްޓަން ޔުނައިޓެޑާއި ސްކެލްމާސްޑޭލް ވާދަކުރި މެޗުގަ އެވެ.

6- ޑޭމިއަން މޯރީ (3.69 ވަނަ ސިކުންތުގައި) – މިއީ އޮސްޓްރޭލިއާގެ އެޑެލައިޑް ސިޓީ އާއި ސިޑްނީ ޔުނައިޓެޑް 1995 ގައި ވާދަކުރި މެޗެއްގައި ފެނިގެން ދިޔަ ގޯލެކެވެ.

5- ކޮލިން ކައުޕާވެއިޓް (3.55 ވަނަ ސިކުންތުގައި) – މިއީ އިނގިރޭސި ދެޓީމު ކަމުގައިވާ ބެރޯ އާއި ކެޓެރިން ޓައުން 1979 ގައި ވާދަކުރި މެޗެއްގައި ބެރޯގެ ކައުޕާވެއިޓް ޖެހި ގޯލެކެވެ.

4- ފްރެޑެރިކޯ ޗާވޭސް (3.17 ވަނަ ސިކުންތުގައި) – މިއީ ބްރެޒިލްގެ ފުޓްބޯޅައިގެ ތާރީހްގައި އެންމެ އަވަސް ގޯލެވެ. ފުރެޑްގެ ނަމުން މަޝްހޫރުވެފައިވާ ފްރެޑެރިކޯ ޗާވޭސް މިގޯލު ޖެހީ 2003 ގައި  އެމެރިކާ މިނެއިރޯ އާއި ވިޔާ ނޯވާ ވާދަކުރި މެޗެއްގަ އެވެ.

3- ކާލޯސް އަލްމޭޑާ (3.1 ވަނަ ސިކުންތުގައި) – މިއީ ޕޯޗްގީޒްގެ 4 ވަނަ ޑިވިޝަންގައި އެފްސީ އޮލިވޭރާ ޑޯ ހޮސްޕިޓަލް އާއި އެތުލެޓިކާ ޑި އާގަނިލް 2011 ގައި ވާދަކުރި މެޗެއްގައި ފެނިގެން ދިޔަ ގޯލެކެވެ.

2- ރިކާޑޯ އޮލިވޭރާ (2.8 ވަނަ ސިކުންތުގައި) – 1998 ގައި އުރުގުއޭގެ ދެޓީމު ދާވަކުރި މިމެޗްގައި އާޖެންޓީނާގެ ރިކާޑޯ އޮލިވޭރާ ޖެހި ގޯލް ގިނިސްބުކް އޮފް ވޯލްޑް ރެކޯޑްސްގައި އެންމެ އަވަސް ގޯލުގެ ގޮތުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން އޮތެވެ.

1- މާކް ބަރޯވްސް (2.56 ވަނަ ސިކުންތުގަ) – މި ގޯލަކީ ވާދަވެރި އެހެނަސް އެމެޗާ ފުޓްބޯޅަ މެޗެއްގައި ފެނިގެން ދިޔަ ގޯލެކެވެ. އެހެންނަމަވެސް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ އެންމެ އަވަސް ގޯލުގެ ގޮތުގައި 2004 ގައި ބަރޯވްސްގެ މި ގޯލް ރެކޯޑް ކޮށްފައެވެ. މި ގޯލު ޖެހިތާ ހަތަރު ފަހުން ބަރޯވްސް ވަނީ ކެންސަރު ބަލީގައި މިދުނިޔެ ދޫކޮށްފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.