ޕީއެސްޖީގެ ކޯޗުކަމުން ޓުޗެލް ވަކިކޮށް، ބަދަލުގައި ޕޮޗެޓީނޯ ގެންނަނީ

Advertisement

ޕީއެސްޖީގެ ކޯޗުކަމުން ޓުޗެލް ވަކިކޮށް، ބަދަލުގައި ޕޮޗެޓީނޯ ގެންނަނީ

ޢަލީ ޝަހީމް

ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށް، ބަދަލުގައި މައުރީސިއޯ ޕޮޗެޓީނޯ ގެންނަން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ. ޓުޗެލް މަގާމުން ވަކިކުރިކަން އާއްމުވި ނަމަވެސް ޕީއެސްޖީ އިން އަދި ރަސްމީކޮށް އެކަން ހާމަކޮށްފައެއްނުވެ އެވެ.

47 އަހަރުގެ ކޯޗުކަމުން ޓުޗެލް ވަކިކުރީ ރޭ ފްރެންޗް ލީގުގައި ޕީއެސްޖީ އިން ސްޓްރަސްބާގްއާ ދެކޮޅަށް ކުޅެ 4-0 އިން މޮޅުވި މެޗަށް ފަހު އެވެ. ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީ އިން މިހާރު އަންނަނީ 48 އަހަރުގެ ޕޮޗެޓީނޯއާ ކޯޗުކަމުގެ ޒިންމާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޕީއެސްޖީ އިން މިހާރު ވަނީ ޕޮޗެޓީނޯ އެ ކްލަބްގެ ކޯޗުކަމާ ހަވާލުވާނެކަމަށް ކުޅުންތެރިންނަށް އަންގައިފަ އެވެ.

ޕީއެސްޖީގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ 2018 ވަނަ އަހަރުގެ މެއި މަހު އެވެ. އެ ކްލަބުގެ ކޯޗުކަމުގައި ޓުޗެލް ވަނީ ފްރެންޗް ލީގު މިދިޔަ ދެ ސީޒަނުގައި ކާމިޔާބުކޮށްދިނީ ފްރެންޗް ކަޕާއި ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ އިތުރުން އެޓީމުން އެންމެ ބޮޑަށް އިސްކަންދީގެން ކާމިޔާބުކުރަން މަސައްކަތްކުރާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ މިދިޔަ ސީޒަނުގައި ވަނީ ކުޅެފަ އެވެ. އެކަމަކު ފައިނަލުގައި ބަޔާން މިއުނިކޮށް އަތުން 1-0 ބަލިވީ އެވެ.

މިހާރު ވިޔަރެއާލްގެ ކޯޗު އުނާއި އެމެރީގެ ބަދަލުގައި 2018 ވަނަ އަހަރު ޕީއެސްޖީއާ ޓުޗެލް އެންމެ ފުރަތަމަ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޕީއެސްޖީ އިން ޓުޗެލްގެ އެއްބަސްވުން މިދިޔަ އަހަރުގެ މެއި މަހު އިތުރު އެއް އަހަރަށް އާކުރުމުން އެ މުއްދަތު ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ލިޔޯން އާއި ދެ ވަނައިގައި އޮތް ލިލް އަށް ވުރެ ޕޮއިންޓެއް ފަހަތުން ޕީއެސްޖީ އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި އެޓީމު ހިމެނުނު ގްރޫޕުން އެއް ވަނަ ހޯދައި ގަދަ 16 އަށް ވަނީ ދަތުރުކޮށްފަ އެވެ. އެ ބުރުގައި ޕީއެސްޖީ ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.

ފްރެންޗް ލީގުގެ ކްލަބްތަކަށް ފިނި މޫސުމުގެ ދެ ހަފްތާގެ ޗުއްޓީ ދީފައިވާއިރު އަލުން ކުޅުން ފަށާއިރު އެ ކްލަބުގެ ކޯޗުކަމުގައި ހުންނާނީ ޕޮޗެޓީނޯ ކަމަށް ބެލެވެ އެވެ. އާޖެންޓީނާ އަށް އުފަން ޕޮޗެޓީނޯ ވަނީ 2001 އިން 2003 ވަނަ އަހަރާ ދެމެދު ޕީއެސްޖީ އަށް ކުޅެފަ އެވެ. ކުރިން އިނގިރޭސި ކްލަބް ސައުތެމްޓަނަށް ކޯޗުކޮށްދިން ޕޮޗެޓީނޯ އެންމެ ބޮޑަށް ފާހަގަވާން ފެށީ 2014 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވެ އެ ކްލަބަށް ގެނެސްދިން ކުރިއެރުމުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ކްލަބުގެ ކޯޗުކަން ދޫކޮށްލިއިރު ޕޮޗެޓީނޯ ވަނީ ކޮންމެ ސީޒަނެއްގައި ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދާ ޓީމަކަށް ޓޮޓެންހަމް ބަދަލުކޮށްފަ އެވެ. ޕޮޗެޓީނޯގެ ކޯޗުކަމުގައި އިނގިރޭސި ލީގު ކަޕްގެ ފައިނަލާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ ޓޮޓެންހަމް ވަނީ ބަލިވެފަ އެވެ.

ޓޮޓެންހަމް ދޫކޮށްލުމަށް ފަހު މިދިޔަ އެއް އަހަރުތެރޭ ޕޮޗެޓީނޯ ހުރީ ކްލަބެއް ނެތި އެވެ. އޭނާ ހޯދުމުގެ މަޝްވަރާތައް ޕީއެސްޖީ އިން މިދިޔަ ދެ ހަފްތާ ވަރަށް ބާރަށް ވަނީ ކުރިއަށްގެންގޮސްފަ އެވެ. ޕީއެސްޖީގެ އިތުރުން ޔޫރަޕްގެ މަޝްހޫރު ބައެއް ކްލަބްތަކުން ވެސް ޕޮޗެޓީނޯ ގެންދަން ޝައުގުވެރިކަން ފާޅުކުރި އެވެ. ޕީއެސްޖީގެ ކޯޗުކަމުގައި ޕޮޗެޓީނޯ އަށް އޮންނާނެ އެންމެ ބޮޑު ޓާގެޓަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްދިނުމެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *