ފަހު ވަގުތު މޮޅުވެ އޭސީ މިލާން އެއް ވަނަ މަގާމް ދަމަހައްޓައިފި

Advertisement

ފަހު ވަގުތު މޮޅުވެ އޭސީ މިލާން އެއް ވަނަ މަގާމް ދަމަހައްޓައިފި

ޢަލީ ޝަހީމް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ގޯލު ޖަހައި 3-2 އިން ލާޒިއޯ ބަލިކޮށް އޭސީ މިލާން ލީގުގެ އެއް ވަނަ މަގާމް ދަމަހައްޓައިފި އެވެ.

އަނިޔާގެ ސަބަބުން ޒަލަޓަން އިބްރަހިމޮވިޗް ނުލައި ކުޅެމުންދިޔަ މިލާނުން ރޭ ވަނީ ފުރަތަމަ 17 މިނެޓުގައި ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި އަންޓޭ ރެބިޗް ޖެހިއިރު ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަކާން ޗަންގަލޫ އެވެ.

ފުރަތަމަ ހާފު ނިމުގެ ކުރިން ލާޒިއޯ އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް ޗީރޯ އިމޯބިލޭ ފޮނުވާލީ މި ޕެނަލްޓީ މިލާންގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ މަތަކޮށްފަ އެވެ. ލާޒިއޯގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީގައި ކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ލުއިސް އަލްބާޓޯ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ލާޒިއޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޗީރޯ އިމޯބިލޭ އެވެ. އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި މިލާން މޮޅުވި ލަނޑު ޖެހީ ތިއޯ ހެނާންޑޭޒް އެވެ.

ލީގުގައި ރޭ އިންޓަ މިލާން ވަނީ ރަށުން ބޭރުގައި 2-1 އިން ހެލަސް ވެރޯނާ ބަލިކޮށްފަ އެވެ. މެޗުގައި އިންޓަގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓީނޭޒް އާއި މިލަން ސްރިނިއާ އެވެ. ވެރޯނާގެ ހަމައެކަނި ލަނޑު ޖެހީ އިވާން އިލިޗް އެވެ.

ރޭގެ މޮޅާ އެކު އޭސީ މިލާން ވަނީ ތާވަލުގެ އެއް ވަނައިގައި އޮވެ އަހަރު ނިންމާލާފަ އެވެ. 14 މެޗުން ހޯދި 34 ޕޮއިންޓާ އެކު އެޓީމު އެއް ވަނައިގައި އޮތްއިރު މިލާނަކީ ޔޫރަޕްގެ ފަސް ލީގުގެ ތެރެއިން މި ސީޒަނުގައި ބަލިނުވެ އޮތް ހަމައެކަނި ކްލަބެވެ. ލީގުގެ ދެ ވަނައިގައި އޮތް އިންޓަ އަށް 33 ޕޮއިންޓް ލިބިފައިވާއިރު 27 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ރޯމާ އެވެ. މިދިޔަ ނުވަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކުރި ޔުވެންޓަސް އޮތީ 24 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

މިލާނަށް އިޓާލިއަން ލީގު އެންމެ ފަހުން ކާމިޔާބުކުރެވުނީ 2011 ވަނަ އަހަރު އެވެ. އެކަމަކު މި ސީޒަނުގައި އެޓީމުން ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު މިލާން ހިމެނެނީ ލީގުގެ ފޭވަރިޓުންގެ ތެރޭގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *