ސެމީގެ ފަހު ދެ ޖާގަ ޔުނައިޓެޑާއި ޓޮޓެންހަމަށް

Advertisement

ސެމީގެ ފަހު ދެ ޖާގަ ޔުނައިޓެޑާއި ޓޮޓެންހަމަށް

ޢަލީ ޝަހީމް

އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ރޭ ކަށަވަރުކޮށްފި އެވެ.

ޔުނައިޓެޑް ރޭ ރަށުން ބޭރުގައި އެވަޓަންއާ ވާދަކޮށް މޮޅުވީ މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކުރި ގޯލުތަކުން 2-0 އިންނެވެ. ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި ސްޓޯކް ސިޓީއާ ވާދަކޮށް 3-1 އިން މޮޅުވެފަ އެވެ.

Advertisement

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޔުނައިޓެޑަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެއަށް ފަހު އެވަޓަން އިން ވަނީ ކުޅުން ރަނގަޅުކޮށް ޔުނައިޓެޑްގެ ގޯލަށް ކޮންމެވެސް ވަރަކަށް ނުރައްކާކޮށްފަ އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑަށް ފުރަތަމަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އެވެ. މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ އެންތަނީ މާޝިއަލް އެވެ.

ޔުނައިޓެޑް ވަނީ މިދިޔަ ސީޒަނުގެ ލީގު ކަޕާއި އެފްއޭ ކަޕްގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ބަލިވެފަ އެވެ. މެޗަށް ފަހު ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ބުނީ ޔުނައިޓެޑަކީ ތަށި ހޯދަން ބޭނުންވާ ޓީމެއް ކަމަށާއި، އެހެންވެ ބޮޑެތި މެޗުތަކުން މޮޅުވެ ތަށި ހޯދުން އެޓީމަށް މުހިއްމު ކަމަށެވެ.

“އަހަރެމެންނަކީ ތަށި ހޯދޭ ފެންވަރުގެ ޓީމެއް. މިކަހަލަ ބޮޑެތި މެޗުތަކުން މޮޅުވެ ކުރިއަށް އޮތް ތަނުގައި މި ކްލަބަށް ތަށިތަކެއް ހޯދައިދޭންޖެހޭ” މެޗަށް ފަހު މެގުއާ ބުންޏެވެ.

ޓޮޓެންހަމް ރޭ މޮޅުވިއިރު ފުރަތަމަ ހާފު ނިމުނީ ގަރެތު ބޭލް ބޮލުން ޖެހި ގޯލުން އެޓީމު ކުރީގައި އޮވެގެންނެވެ. އެކަމަކު ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓުގައި ސްޓޯކްގެ ޖޯޑަން ތޮމްސަން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މޮޅެއް ހޯދަން މަސައްކަތް ކުރަމުންދިޔަ ޓޮޓެންހަމްގެ ދެ ވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރު ބެން ޑޭވީސް އެވެ. އޭގެ 11 މިނެޓު ފަހުން ޓޮޓެންހަމްގެ ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ ކެޕްޓަން ހެރީ ކޭން އެވެ.

ލީގު ކަޕްގެ ސެމީ ފައިނަލްގެ ގުރު ރޭ ނަގާފައިވާއިރު، ފުރަތަމަ މެޗުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ. މިދިޔަ ސީޒަނުގެ ލީގު ކަޕްގެ ސެމީ ފައިނަލުގައި ޔުނައިޓެޑް ބަލިވީ ސިޓީއާ ވާދަކޮށެވެ. ސިޓީ އަކީ މިދިޔަ ތިން ސީޒަނުގައި ވެސް ލީގު ކަޕްގެ ޗެމްޕިއަން ޓީމެވެ. ދެ ވަނަ ސެމީގައި ބައްދަލުކުރާނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ކުޅޭ ބްރެންޓްފޯޑާއި ޓޮޓެންހަމް އެވެ. ޓޮޓެންހަމްގެ ދަނޑުގައި މި މެޗު ކުޅޭއިރު މިއީ ބްރެންޓްފޯޑްގެ 131 އަހަރުވީ ދިގު ތާރީހުގައި ޑޮމެސްޓިކް ކަޕް މެޗެއްގެ ސެމީގައި އެޓީމު ކުޅޭނެ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މި މެޗުން މޮޅުވެ ފައިނަލަށް ދަތުރުކޮށް 2008 ވަނަ އަހަރަށް ފަހު ޓޮޓެންހަމަށް ތައްޓެއް ހޯދައިދިނުމަކީ ކޯޗު ހޯސޭ މޮރީނިއޯ މި ސީޒަނުގެ އެންމެ ބޮޑު އެއް ޓާގެޓެވެ.

އެހެން ސީޒަންތަކާ ހިލާފަށް މި ސީޒަނުގެ ސެމީގައި ކުޅޭނީ އެއް ލެގްގެ މެޗެކެވެ. އެގޮތަށް ބަދަލުކުރީ ޓީމުތަކުން ކުޅެންޖެހޭ މެޗުތަކުގެ އަދަދު މަދުކުރުމުގެ ގޮތުންނެވެ. ލީގު ކަޕްގެ ސެމީ ފައިނަލް އަންނަ ފެބްރުއަރީ މަހު ކުޅޭގޮތަށް ކުރިން އޮތް ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ވެމްބްލީ ސްޓޭޑިއަމަށް ވަދެވޭ ސަޕޯޓަރުން މަދުވެދާނީ ފައިނަލް މެޗު މިހާރު ވަނީ އޭޕްރީލް މަހަށް ބަދަލުކޮށްފަ އެވެ. ލީގު ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޖެނުއަރީ 4 އަދި 5 ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *