މެންޗެސްޓަރ ސިޓީ އާއި ބްރެންޓްފޯޑް ލީގު ކަޕްގެ ސެމީ ފައިނަލަށް

Advertisement

މެންޗެސްޓަރ ސިޓީ އާއި ބްރެންޓްފޯޑް ލީގު ކަޕްގެ ސެމީ ފައިނަލަށް

ޢަލީ ޝަހީމް

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ މެންޗެސްޓަރ ސިޓީ އާއި އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ކުޅޭ ބްރެންޓްފޯޑް އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ސިޓީ ސެމީ ފައިނަލަށް ދަތުރުކުރީ ރޭ ރަށުން ބޭރުގައި އާސެނަލް 4-1 އިން ބަލިކޮށްގެންނެވެ. އޭގެ ކުރިން ކުޅުނު މެޗުގައި ބްރެންޓްފޯޑް ވަނީ 1-0 އިން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މި ދެޓީމާ އެކު ސެމީގައި ވާދަކުރާ ޓީމުތައް ކަށަވަރުވާނީ މިރޭ ކުޅޭ ކުއާޓާގެ ފަހު ދެ މެޗަށް ފަހު އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ސްޓޯކް ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރާއިރު މެންދަމު އެކެއް ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑެވެ.

ރޭގެ އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގެ ތިން ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސުސް އެވެ. ސިޓީ އިން ލީޑު ނެގުމުން ކުޅުން ރަނގަޅުކޮށް މެޗުގައި އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާގައި އަލެކްޒަންޑަ ލަކަޒެޓްގެ ގޯލުން އާސެނަލުން ވަނީ މެޗުގެ 31 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސިޓީ އިން މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު 54 ވަނަ މިނެޓުގައި ޖެހީ ރިޔާދް މާރޭޒް އެވެ. މާރޭޒް ފޮނުވާލި ހިލޭޖެހުން ގޯލަށް ވަނީ އާސެނަލްގެ ގޯލު ރޭ ބެލެހެއްޓި އައިސްލެންޑްގެ ގޯލްކީޕަރު ރުނާ އަލެކްސް ރުނާސަންގެ އަތްދަށުން ގޮހެވެ. ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފިލް ފޯޑެން އެވެ. މި ލަނޑު ޖެހިއިރު ފޯޑެން އޮފްސައިޑް ކަމަށް ބެލެވުނު ނަމަވެސް ލީގު ކަޕްގެ މެޗުތަކުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބޭނުންނުކުރާތީ އެ ނިންމުން ބަދަލެއް ނުވި އެވެ. ސިޓީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ.

ސިޓީ އިން ވަނީ މިދިޔަ ތިން ސީޒަނުގައި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ލީގު ކަޕްގެ ތާރީހުގައި ޖެހިޖެހިގެން ހަތަރު ފަހަރު ލީގު ކަޕް ކާމިޔާބުކުރެވިފައިވަނީ ހަމައެކަނި ލިވަޕޫލަށެވެ. މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އުނދަގޫ މޮޅަކަށް ފަހު ސެމީ ފައިނަލުގައި ކޮންމެ ޓީމަކާ ވާދަކުރަން ޖެހުނު ނަމަވެސް އެޓީމުގެ އަމާޒަކަށް ވާނީ ޖެހިޖެހިގެން ހަތަރު ވަނަ ފައިނަލަށް ދިއުން ކަމަށެވެ.

ނިއުކާސަލް އަތުން މޮޅުވެ ބްރެންޓްފޯޑް ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު މިއީ އެ ކްލަބުގެ 131 އަހަރުވީ ދިގު ތާރީހުގައި އިނގިރޭސި ކަޕްގެ މެޗެއްގެ ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ބަދަލުތަކަކާ އެކު ނުކުތް ނިއުކާސަލް ކޮޅަށް ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޝް ދަސިލްވާ އެވެ.

ތާރީހީ ސެމީ ފައިނަލަށް ދަތުރުކުރި އިރު ބްރެންޓްފޯޑުން ވަނީ މި ސީޒަނުގެ ލީގު ކަޕްގައި ނިއުކާސަލްގެ އިތުރުން ސައުތެމްޓަނާއި ވެސްޓް ބްރޮމް އަދި ފުލަމް ބަލިކޮށްފަ އެވެ. ލީގު ކަޕްގެ ސެމީ ފައިނަލުގައި މި ސީޒަނުގައި ކުޅޭނީ އެއް ލެގްގެ މެޗެކެވެ. ސެމީ ފައިނަލުގެ ގުރު ނަގާނީ އެވަޓަން އާއި ޔުނައިޓެޑް މިރޭ ވާދަކުރާ މެޗަށް ފަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *