މަޅި އެމްވީ އިން މާލޭގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

ޖާޒީގެ ވިޔަފާރިކުރާ މަޅި އެމްވީ އިން ކުޑަހެންވޭރު ޔުނައިޓެޑް އާއި މަސްއޮޑި ސްޕޯޓްސް ކްލަބާ ގުޅިގެން މާލޭގައި “މަޅި ފުޓްސަލް ޗެލެންޖް” ގެ ނަމުގައި މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 32 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އަންނަ މަހުގެ 20 ވަނަ ދުވަހު މުބާރާތް ފަށަން ތާވަލްކޮށްފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ކުޑަހެންވޭރު ޓާފް ފުޓްސަލް ދަނޑުގަ އެވެ. މުބާރާތުގެ އޮފިޝަލަކު “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނީ ޑިސެމްބަރު 13 ވަނަ ދުވަހު މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި އެންމެ ދެ ދުވަސްތެރޭ 32 ޓީމުން ބައިވެރިވެފައިވާކަމަށެވެ. މުބާރާތުގައި އެންމެ ގިނަވެގެން 32 ޓީމު ބައިވެރިކުރުމަށް ނިންމާފައިވާތީ މިހާރު ބައިވެރިވުމުގެ ފުރުސަތު ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް-19 ގެ ލޮކްޑައުނަށް ފަހު ރާއްޖޭ އެކި ރަށްރަށުގައި މިހާރު އަންނަނީ ފުޓްސަލްގެ ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ. އެކަމަކު ޒުވާނުންނަށް އަމާޒުކޮށްގެން މާލޭގައި އަދި ފުޓްސަލް މުބާރާތްތައް ބާއްވަން ފަށާފައެއްނުވެ އެވެ. މަޅި އެމްވީ އިން މާލޭގައި މި މުބާރާތް ބާއްވަން ނިންމީ ޒުވާނުންނަށް އަމާޒުކޮށްގެން ވާދަވެރި މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އިންތިޒާމުކުރާ ފަރާތުން ބުނީ ލޮކްޑައުނަށް ފަހު މާލޭގެ ފުޓްސަލް ޓީމުތަކުން ތިބީ މިފަދަ މުބާރާތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިކަމަށެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީ އިން މައުލޫމާތުދެ އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މަގާމްތަކެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ 32 ޓީމުގައި ރާއްޖޭގެ މަޝްހޫރު ހުރިހާ ފުޓްސަލް ކުޅުންތެރިން ކުޅޭނެކަމަށް މަޅި އެމްވީ އިން ބުނެ އެވެ. މާލޭގެ އެކި ސަރަހައްދަށް ނިސްބަތްވާ ޓީމުތަކުގެ އިތުރުން މި މުބާރާތުގައި އަތޮޅު ތެރޭގެ ރަށްތަކަށް ނިސްބަތްވާ ޓީމުތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.
މަޅި އެމްވީ އިން ބުނީ ފުރަތަމަ މުބާރާތަށް ފަހު އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މި މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުން ކަމަށެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ބިގް މޭންގެ ޑުޕަ ފިފްޓީން އެވެ. އިންތިޒާމުކުރާ ފަރާތުން ބުނީ އެތައް ސަތޭކަ ބައެއްގެ ބައިވެރިވުން ހިމެނޭ މި މުބާރާތް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ސްޕޮންސާގެ އިތުރުން މައުލޫމާތު ހޯދުމަށް 7770630 އަށް ގުޅުމަށް މަޅި އެމްވީ އިން އެދެ އެވެ.
Advertisement


Leave a Reply