ގިނަ ސަޕޯޓަރުން ވައްދަން އިނގިރޭސި ލީގު ކަޕް ފައިނަލް ފަސްކޮށްފި

Advertisement

ގިނަ ސަޕޯޓަރުން ވައްދަން އިނގިރޭސި ލީގު ކަޕް ފައިނަލް ފަސްކޮށްފި

ޢަލީ ޝަހީމް
މިއަހަރުގެ މާޗް މަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ލީގު ކަޕް ފައިނަލްގެ ތެރެއިން.

ވީހާވެސް ގިނަ ސަޕޯޓަރުންނަށް ވަދެވޭގޮތް ފަހިކުރުމުގެ ގޮތުން މި ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ފައިނަލް ފަސްކޮށްފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ލީގު ކަޕްގެ ފައިނަލް މެޗު ކުރިން ޝެޑިއުލްކޮށްފައި އޮތީ ފެބްރުއަރީ 28 ވަނަ ދުވަހަށެވެ. އެކަމަކު އިނގިރޭސި ފުޓްބޯޅަ ލީގުން މިހާރު ވަނީ ފައިނަލް މެޗު އޮންނަ ތާރީހް އޭޕްރީލް 25 ވާ އާދީއްތަ ދުވަހަށް ބަދަލުކޮށްފަ އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަޕޯޓަރުން ވެއްދުން މަނާކޮށްފައި އޮތުމަށް ފަހު އިނގިރޭސި ސަރުކާރުގެ ނިންމުންތަކާ އެކު ބައެއް ސްޓޭޑިއަމްތަކަށް ވަކި އަދަދަކަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ. އޭޕްރީލް މަހުގެ ފަހުކޮޅަށް ލީގު ކަޕްގެ ފައިނަލް ބަދަލުކުރީ އެހިސާބަށް ދާއިރު ކޮވިޑްގެ ހާލަތަށް ރަނގަޅު ބަދަލެއް އައިސް ގިނަ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެކަމަށް ބަލައިގެންނެވެ.

މި އަހަރުގެ މާޗް އެއް ވަނަ ދުވަހު މެންޗެސްޓަރ ސިޓީ އާއި އެސްޓަން ވިލާ ވާދަކުރި މިދިޔަ ސީޒަނުގެ ލީގު ކަޕްގެ ފައިނަލް މެޗު ބެލުމަށް 82145 މީހުން ވެމްބެލީ ސްޓޭޑިއަމަށް ވަނީ ވަދެފަ އެވެ. އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން ވެމްބްލީ ސްޓޭޑިއަމް ނިސްބަތްވާ ލަންޑަން ހިމެނެނީ ހަތަރު ވަނަ ކެޓަގަރީގަ އެވެ. މިހާރު ހަދާފައިވާ ގަވައިދުގެ ދަށުން ކެޓަގަރީ ތިނަކާ ހަތަރު ވަނަ ކެޓަގަރީގައި ހިމެނޭ ސަރަހައްދުތަކުގައި ކުޅޭ މެޗުތައް ބެލުމެއް ސަޕޯޓަރުންކަށް ނުވަދެވޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެރެއިން މިވަގުތު ސަޕޯޓަރުންނަށް ދަނޑަށް ވަދެވެނީ ކެޓަގަރީ ދެއަކަށް ނިސްބަތްވާ ލިވަޕޫލާ އެވަޓަންގެ އިތުރުން ބްރައިޓަން އަދި ސައުތެމްޓަން ކުޅޭ މެޗުތަކަށެވެ. މި ޓީމުތައް ނިސްބަތްވާ ސިޓީތައް ހިމެނެނީ ކެޓަގަރީ ދޭއްގެ ތެރޭގަ އެވެ. މިއިން ކޮންމެ ދަނޑަކަށް ވެސް މެޗެއްގައި ވަދެވޭނީ ގިނަވެގެން 2000 ސަޕޯޓަރުންނަށެވެ.

އޭޕްރީލް 25 ވަނަ ދުވަހަށް ލީޑު ކަޕްގެ ފައިނަލް ޝެޑިއުލްކުރިއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އޭޕްރީލް 27 އަދި 28 ވަނަ ދުވަހު އެވެ. ލީގު ކަޕްގެ ކުއާޓާ ފައިނަލަށް ހޮވިފައިވާ އަށް ޓީމުގެ ތެރެއިން ޗެމްޕިއަންސް ލީގުގައި ކުޅޭ ހަމައެކަނި ޓީމަކީ މެންޗެސްޓަރ ސިޓީ އެވެ. ސިޓީ އިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައި ލީގު ކަޕްގެ ފައިނަލަށް ދަތުރުކޮށްފި ނަމަ ތިން ދުވަސްތެރޭ ވަރުގަދަ ދެ މެޗު ކުޅެން ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.

ލީގު ކަޕްގެ ކުއާޓާ ފައިނަލް ހަތަރު މެޗުގެ ތެރެއިން މިރޭ ކުޅޭ ނީ ބްރެންޓްފޯޑް އާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރާ މެޗާއި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ވާދަކުރާ މެޗެވެ. މާދަމާ ރޭ ސްޓޯކް ސިޓީ އިން ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ނުކުންނައިރު އެވަޓަން ނުކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *