ބޮޑު ތަފާތަކުން ލީޑްސް ބަލިކޮށް ޔުނައިޓެޑް ތިން ވަނަ އަށް އަރައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 6-2 ގެ ބޮޑު ތަފާތަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ލީގު ތާވަލުގެ ތިން ވަނަ އަށް އަރައިފި އެވެ.
ޔުނައިޓެޑް 26 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތް އެވަޓަން ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. އެވަޓަން އަށް ވުރެ ކުރި ޔުނައިޓެޑަށް ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގުގެ އެއް ވަނައިގައި އޮތީ 31 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ. 27 ޕޮއިންޓާ އެކު ލެސްޓާ ސިޓީ މިރޭ ދެ ވަނަ މަގާމަށް ޖެހިލީ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވެގެންނެވެ. ލެސްޓާ އަތުން ބަލިވުމުން 25 ޕޮއިންޓާ އެކު ޓޮޓެންހަމް މިހާރު އޮތީ ފަސް ވަނައިގަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ތިން މިނެޓުގައި ޔުނައިޓެޑުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. މެކްޓޮމިނޭ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ފުރަތަމަ ތިން މިނެޓުތެރޭ ދެ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޔުނައިޓެޑުން ކައުންޓަ އެޓޭކުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައިރު އެޓީމުގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވިކްޓާ ލިންޑެލޯފް އެވެ. މި ހާފުގެ ފަހުކޮޅު ލީޑްސް އަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ލިއަމް ކޫޕާ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ ޑެނިއެލް ޖޭމްސް އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ސައުތެމްޓަން ކޮޅަށް ގޯލު ޖެހިފަހުން ޕްރިމިއާ ލީގުގައި ޖޭމްސް ޖެހި ފުރަތަމަ ގޯލެވެ. ޔުނައިޓެޑްގެ ފަހު ލަނޑަކީ އެންތަނީ މާޝިއަލް އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ފެނާންޑޭސް ކާމިޔާބުކުރި ލަނޑެކެވެ. ޔުނައިޓެޑާ މިދިޔަ ޖެނުއަރީ މަހު ގުޅުމަށް ފަހު ކުޅުނު 27 މެޗުގައި ފެނާންޑޭސް ވަނީ 17 ގޯލު ޖަހައި 12 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޔުނައިޓެޑުން ހަ ގޯލު ޖަހާފައިވަނިކޮށް ލީޑްސް އަށް ފަރަގު ކުޑަކޮށްދިން ލަނޑު ޖެހީ ސްޓުއާޓް ޑަލަސް އެވެ.
މިރޭގެ މެޗަކީ ލީޑްސްގެ ފުޓްބޯޅައިގެ ތާރީހުގައި ކުޅުނު 482 މެޗުގެ ތެރެއިން ފުރަތަމަ ހާފުގައި އެޓީމު ކޮޅަށް ހަތަރު ލަނޑު ވަން ފުރަތަމަ ހަމައެކަނި މެޗެވެ. އަނެއްކޮޅުން މިއީ 1992 ވަނަ އަހަރުގެ ފަހުން މާސެލޯ ބިއެލްސާ ކޯޗުކޮށްދިން ޓީމެއް ކޮޅަށް ހަ ގޯލު ވަން ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބިއެލްސާ ކޯޗުކޮށްދިން ނިވެލްސް އޯލްޑް ބޯއީޒް ކޮޅަށް ހަ ގޯލު ވަނީ 1992 ވަނަ އަހަރުގެ ކޮޕަ ލިބަޓަޑޮރޭސްގައި ސަން ލޮރެންޒޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް އަތުން ލެސްޓާ މޮޅުވީ 2-0 އިންނެވެ. މެޗުގައި ލެސްޓާގެ ފުރަތަމަ ގޯލަކީ ޕެނަލްޓީއަކުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެމީ ވާޑީ ޖެހި ލަނޑެކެވެ. އެޓީމުގެ ދެ ވަނަ ލަނޑަކީ ޓޮޓެންހަމްގެ ޑިފެންޑަރު ޓޮބީ އަލްޑަވެއިރެލްޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލެސްޓާ އަށް ދެކޮޅަށް ޓޮޓެންހަމްގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް އެޓީމަށް ތަނަވަހެއް ނުކުރެވުނެވެ.
Advertisement


Leave a Reply