އީގަލްސް ބަލިކޮށް ޓީސީ އިން ހިތްވަރު ހޯދައިފި

Advertisement

އީގަލްސް ބަލިކޮށް ޓީސީ އިން ހިތްވަރު ހޯދައިފި

ޢަލީ ޝަހީމް
ޓީސީ އާއި އީގަލްސް މެޗުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން ލީގުގައި ކުރިއަށް ދިއުމުގެ ހިތްވަރު ހޯދައިފި އެވެ.

ޒުވާނުން ކުޅުންތެރިންތަކަކާ އެކު ސީޒަނާ ކުރިމަތިލި ޓީސީ ވަނީ ލީގުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އެކަމަކު މިރޭ ހޯދި މުހިއްމު މޮޅާ އެކު އެޓީމަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އަނެއްކޮޅުން ޓީސީ އަތުން ބަލިވުމުން އީގަލްސް ވަނީ އުނދަގޫ ހާލަތަށް ވެއްޓިފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި އެޓީމު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ބަލިވިއިރު ފުރަތަމަ ބުރުގައި ލީގުގައި އެންމެ ވަރުގަދަކަމަށް ބެލެވޭ ޓީމުތަކާ ދެކޮޅަށް އެޓީމު އަދި ނުކުންނަން ޖެހޭނެ އެވެ.

Advertisement

ބިދޭސީ ކުޅުންތެރިން ޓީމާ ގުޅިފައިނުވާއިރު މިރޭ ވެސް އީގަލްސް އިން ނުކުތީ އަނިޔާގައި ހުރި އަހުމަދު ރިޒުވާން (ރިޒޭ) ޓީމުގައި ނުހިމަނަ އެވެ. ދެޓީމުގެ ފުރަތަމަ އެގާރައިގައި ގިނައިން ހިމެނުނީ ޒުވާން ކުޅުންތެރިންނެވެ.

މެޗު ފަށައިގެން އީގަލްސް އިން މޮޅަށް ކުޅެމުން ދިޔައިރު ޓީސީ ބޮޑަށް ކުޅުނީ ޑިފެންސަށް ވިސްނައިގެންނެވެ. އެކަމަކު ކައުންޓަ އެޓޭކުގައި ކުރީގައި ހުރި މުހައްމަދު އައްޒާމް ބޭނުންކޮށްގެން ހަމަލާތައް އުފައްދަން ޓީސީން މަސައްކަތްކުރި އެވެ. ޓީސީ އަށް މެޗުގައި ލީޑު ނަގައިދިނީ 16 ވަނަ މިނެޓުގައި އައްޒާމް އެވެ. ޓީސީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މި ގޯލު ޖެހީ އޭނާއަށް ލިބުނު ބޯޅަ ހިފައިގެން ގޮސް އެ ބޯޅަ ހޯދަން މަސައްކަތްކުރި އީގަލްސްގެ އިމްރާން ނަޝީދު އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ދުރު ކަނަށް ވައްދާލައިގެންނެވެ. ޓީސީން ލީޑު ނެގުމުން އީގަލްސް އިން ވަނީ ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަކޮށްފަ އެވެ.

އީގަލްސް އާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މި ހާފުގެ ކުރީކޮޅު އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު ހަސަން ރާއިފް އަހުމަދު (ހަންނަ) އޭރިޔާ ތެރޭގައި ހުރެފައި ތިރީ ކަނަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އަދި މި ހާފުގެ ފަހުކޮޅު ހިސާމް ސަލީމް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޓީސީގެ ބިދޭސީ ގޯލްކީޕަރު މަމަދޯވް އަޒަދް އެލްމަދިން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އީގަލްސްގެ މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅުނުއިރު ޓީސީގެ ޑިފެންޑަރުން ދިޔައީ އީގަލްސްގެ ހަމަލާތައް ހުއްޓުވުމުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރަމުންނެވެ. އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ޓީސީގެ އަލީ ޝާމިސް (ތޮއްޕޭ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން ބާކީ ބައި ޓީސީން ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. މި ހާފުގައި ޓީސީގެ ދެ ވަނަ ލަނޑު 87 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި ޒަޔާން ނަސީރު އެވެ. ޓީސީގެ އިބްރާހީމް ސާވީ ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު ސިނާހު މުހައްމަދު އަތުގައި ޖެހިފައި ނުކުތް ވަގުތު ޒަޔާން އެ ބޯޅަށް ގޯލަށް ފޮނުވާލީ ބޮލުންނެވެ. ޓީސީގެ ދެ ގޯލަށް ފަހު އީގަލްސް އިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޓީސީގެ ކުޅުންތެރިއަކު ވަނީ ބްލޮކްކޮށްފަ އެވެ. އަދި މެޗުގެ ފަހު ވަގުތުގައި ޒަޔާނަށް ގޯލު ޖަހާނެ އިތުރު ފުރުސަތެއް ލިބި ބޭކާރުވި އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީސީގެ ކެޕްޓަން އައްޒާމް އެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާ އިރު އެރޭ ކުޅޭ މެޗުގައި ޓީސީ އާއި ސަސް ބައްދަލުކުރާނެ އެވެ. ހޮނިހިރު ދުވަހު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކްލަބް ވެލެންސިއާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *