އެންމެ ބޮޑު ޗެލެންޖަކަށް ވާނީ އެއްވަރެއްގައި ކުޅުން ހިފެހެއްޓުން: އިންމަ

ފުޓްބޯޅަ ސީޒަނުގައި ކްލަބްތަކަށް އެންމެ ބޮޑު ޗެލެންޖަކަށް ވާނީ އެއްވަރެއްގައި ކުޅުން ހިފެހެއްޓުން ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނެފި އެވެ.
މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އިން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ވަނީ މޮޅުވެފަ އެވެ. ދަ ގްރާންޑޭއާ ދެކޮޅަށް މިއަދު ހަވީރު ނުކުންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް ބަލިކޮށްފަ އެވެ. އިންމަ ބުނީ ފުރަތަމަ ބުރުގެ ހަތަރު މެޗުގެ ތެރެއިން މާޒިޔާ އިން ޔުނައިޓެޑް ވިކްޓްރީ 4-0 އިން ބަލިކުރި މެޗު ނޫން އެހެން މެޗުތައް ދިޔައީ ވަރަށް ހަމަހަމަކޮށް ކަމަށެވެ. ލީގުގައި ވާދަކުރާ ޓީމުތަކަށް އެއްވަރެއްގައި ސީޒަނުގެ ކުރީކޮޅު ހިފެހެއްޓުނު ނަމަވެސް ދިގު ސީޒަނެއްގައި ފޯމު ދެމެހެއްޓުމަކީ އިންމަ ގަބޫލުކުރާ ގޮތުގައި ވަރަށް ޗެލެންޖިން ކަމެކެވެ.
Exciting competition in week 2! ???? #DDPL pic.twitter.com/m2ewItPrf0
— Fahuminet (@fahuminet) December 18, 2020
“ސީޒަން ފަށައިގެން ގާތްގަނޑަކަށް ދެމެޗެއް ތިން މެޗެއް ހިފެހެއްޓިދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން ހަމަ ސީޒަން ދިގުލައިގެންދާއިރު ވަރަށް ވިސްނައިގެން ނޫނީ މެއިންޓެއިންކުރަން ކުރަން ކޮންމެ ކޮންމެ ޓީމަކަށް އުނދަގޫވާނެ” ބުރާސްފަތި ދުވަހު އެފްއޭއެމުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުންޏެވެ.
އިންމަ ބުނީ ސީޒަނަށް ތައްޔާރުވާން ކްލަބްތަކަށް ލިބުނީ ކުރު މުއްދަތެއްގެ ޕްރީ ސީޒަނެއް ކަމަށާއި އެ މުއްދަތަކީ ކްލަބްތަކަށް ވަރަށް މުހިއްމު ދުވަސްތަކެއް ކަމަށެވެ.
“ލީގަށް އައިސް ލީގުގައި ކުޅޭ މެޗުތައް ތަފާތު ވާނެ. ހަމައެކަނި އަޅުގަނޑުމެންނަށް އެކަނި ދިމާވާނެ މައްސަލައެއް ނޫން. ހުރިހާ ޓީމަކަށް ވެސް ދިމާވާނެ މައްސަލައެއް. ޕްރީ ސީޒަން ނިންމާފަ ލީގަށް ކުރިމަތިލާއިރު ލީގުގެ ފުރަތަމަ ކޮޅުގައި އޮންނަ ނަތީޖާތައް ދެމެހެއްޓުމަށް ކޮންމެ ޓީމަކަށް ވެސް އުނދަގޫވާނެ. ނޭނގޭނެ ބުނާކަން މި ސީޒަނުގެ ފުރަތަމަ ދެމެޗެއް ނަގާފަ މި ޓީމު މީނދީ މިހާވަރުގައި ހިފެހެއްޓިފައޭ. މި ޓީމު މީއޭ ކުރާނެ ޕާފޯމެންސަކީ ސީޒަނުގަ” މިދިޔަ ސީޒަނުގައި ވެސް ދަ ގްރާންޑޭގެ ކޯޗުކަން ކުރި އިންމަ ބުންޏެވެ.
އިންމަ ބުނީ ސަސް އަކީ އާ ޓީމަކަށް ވީނަމަވެސް އެޓީމުގައި ތިބީ އާކުޅުންތެރިން ނޫންކަމަށެވެ. ތަޖުރިބާކާރު ކުޅުންތެރިންތަކަކާ އެކު ސަސްގެ އެކުލަވާލާފައި ވާއިރު އެޓީމު “އަންޑައެސްޓިމޭޓް” ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އިންމަ ބުންޏެވެ. އެހެންވެ މިއަދުގެ މެޗުގައި ވާދަވެރި ކުޅުމެއް ފެންނާނެކަން އިންމަ ފާހަގަކުރި އެވެ.
“އަޅުގަނޑުމެން ސަސް އެއް އަންޑައެސްޓިމޭޓެއް ނުކުރާނަން. އަދި އަންޑައެސްޓިމޭޓް ކުރަންޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް. އެއީ އެމީހުން އީގަލްސް އަތުން ތިން ޕޮއިންޓް ހޯދާފަ އޮތީ. އެއްވެސް ކަހަލަ ފުރުސަތެއް ނެތް އަންޑައެސްޓިމޭޓް ކުރުމުގެ. ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން އަޅުގަޑުމެން ކޮޅަށް ނަތީޖާ އަނބުރާލެވޭތޯ މަސައްކަތްކުރާނީ” އިންމަ ބުންޏެވެ.

ސަސްގެ ޝާފީ (ވ) އަތުން ބޯޅަ ހޯދަން އީގަލްސްގެ ޒައިން މަސައްކަތް ކުރަނީ. ތަޖުރިބާކާރު ކުޅުންތެރިންނަށް ފަރުވާތެރިވާނެކަމަށް ކޯޗު ނާދު ވަނީ ބުނެފައި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ އީގަލްސް އަތުން މޮޅުވި މެޗަށް ފަހު ޓީމުގައި އަނިޔާގެ ބައެއް މައްސަލަތައް އެބަހުރި ކަމަށާއި، ޓީމުގެ ވަރުބަލިކަން ހުރުމާ އެކު ފަރިތަކުރުންތައް ކުރިއަށްގެންދަނީ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތުދީގެން ކަމަށެވެ.
ނާދު ބުނީ ދިގު ސީޒަނެއްގައި އެޓީމުގައި ތަޖުރިބާކާރު މަދު ކުޅުންތެރިންތަކެއް ތިބުމުން އެކުޅުންތެރިން ބޭނުންކުރުމުގައި ވަރަށް ސަމާލުވާންޖެހޭނެ ކަމަށެވެ.
“ދިގު ސީޒަނަކަށް ބަލާއިރު މަދު ޕްލެޔަރުން މިތިބީ އެކްސްޕީރިއެންސް. އެހެންވީމަ އެ ޕްލެޔަރުން އިންޖަރީ ނުކޮށް ގެންގުޅޭވޭތޯ ވީހާވެސް ބޮޑަކަށް ބަލާނީ. އެހެންނަމަވެސް ކައިރިކައިރީގައި މެޗުތައް އޮންނައިރު އިންޖަރީތައް އަންނާނެ. ވަރަށް ބޮޑަށް ބަލާނަން ސީޒަނުގަ އެކުޅުންތެރިން އެއްކޮށް ގެންގުޅެވޭތޯ” ނާދު ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި ނާދު އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލީގުގައި އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ އީގަލްސް އަތުން މޮޅުވެ ފެށުން ރަނގަޅު ކުރެވުމެވެ. ނާދު ބުނީ އެމެޗުގައި ޓީމުން ގެންގުޅުނު ޕްލޭން ކާމިޔާބުވިޔަސް އެއީ ކޮންމެ މެޗެއްގައި ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެ މެޗުން ލިބުނު މޮޅާ އެކު ސަސްގެ ކުޅުންތެރިން މިހާރު ތިބީ ވަރަށް ބޮޑު އިތުބާރެއްގައި ކަމަށް ނާދު ބުންޏެވެ.
“ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމު ބަލިކުރެވުނީ. އެއީ އާއްމުކޮށް ވާނެކަމެއް ނޫން. މަސައްކަތް ކުރީމަ އެ ނަތީޖާ އެ ނުކުތީ. ދެން ކުޅުންތެރިންގެ އެބަހުރި ވަރަށް ހިތްވަރު. އެ މެޗު ކާމިޔާބު ކުރެވުނީތީވެ. ރަނގަޅު މެޗެއް ނެގުނީމަ ކުދިންގެ ހިތްވަރު އެބަހުރި ކުރިއަށް ހުރި މެޗުތައް ނެގުމުގެ” ނާދު ބުންޏެވެ.
ދަ ގްރާންޑޭ އާއީ ސަސް ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.
Advertisement


Leave a Reply