ބެލޮންޑިއޯގެ ތާރީހުގައި އެންމެ ގިނަ ޕޮއިންޓް ހޯދި 10 ކުޅުންތެރިން

ބެލޮންޑިއޯގެ ތާރީހުގައި އެންމެ ގިނަ ޕޮއިންޓް ހޯދި 10 ކުޅުންތެރިން

އައްބާސް

ކޮވިޑް-19އާ އެކު ދިރިއުޅުމުގެ ނިޒާމަށް އައި ބޮޑެތި ބަދަލުތައް ކުޅިވަރު ހަރަކާތްތަކަށް ވެސް މިވަނީ އައިސްފަ އެވެ. އެގޮތުން ބަލާއިރު ގިނަ ކުޅިވަރު ހަރަކާތްތަކެއް ކެންސަލްވެގެން ދިޔައިރު އަނެއްބައި ހަރަކާތްތައް ވަނީ އަންނަ އަހަރަށް ފަސްކޮށްލެވިފަ އެވެ. ފަސްކޮށްލެވިފައިވާ ހަރަކާތްތަކަށް ބަލާއިރު 2020ގެ އޮލިމްޕިކްސް އާއި ޔޫރަޕިއަން ޗެމްޕިއަންޝިޕް އަދި ކޮޕާ އެމެރިކާ ފާހަގަކޮށްލެވެ އެވެ. ކެންސަލްވެގެންދިޔަ ހަރަކާތްތަކަށް ބަލާއިރު ވިމްބަލްޑަން ޓެނިސް މުބާރާތާއި ފޯމިއުލާ އެކެއްގެ ބައެއް ރޭސްތައް ފާހަގަކޮށްލެވެ އެވެ. ފުޓްބޯޅައަށް ބަލާނަމަ މިއަހަރު ކެންސަލްވެގެން ދިޔަ އެންމެ މުހިއްމު އެއް ހަރަކާތަކީ މިއަހަރުގެ ބެލޮންޑިއޯ އެވޯޑެވެ. ކެންސަލްވެގެން ދިޔަ ބެލޮންޑިއޯގެ ބަދަލުގައި ބެލޮންޑިއޯ ދޭ ފުރާންސްގެ ފުޓްބޯޅަ ޖަމިއްޔާއިން ވަނީ ދުނިޔެ ދުށް އެންމެ މޮޅެތި ކުޅުންތެރިންނާއެކު މިއަހަރު ބެލޮންޑިއޯ ޑްރީމް ޓީމެއް އެކުލަވާލާފަ އެވެ. 3-4-3 ގެ ފޯމެޓަށް ހޮވި މިޓީމުގައި ހިމެނެނީ ގޯލްކީޕަރަކަށް ރަޝިޔާގެ ލެޖެންޑް ލެވް ޔަޝިން އާއި ޓީމުގެ ފަހަތަށް އިޓަލީގެ ޕައުލޯ މަލްޑިނީ އާއި ބްރެޒިލްގެ ކާފޫ އަދި ޖަރުމަނުގެ ފްރާންޒް ބެކެންބާ އެވެ. މެދުތެރެއަށް އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އާއި، ބްރެޒިލްގެ ޕެލޭ އާއި ޖަރުމަނުގެ ލޮތާ މެތައުސް އަދި ސްޕެއިންގެ ޒަވީ ހެނާންޑޭޒް އެވެ. އެންމެ ކުރިއަށް ބްރެޒިލްގެ ރޮނާލްޑޯއާއި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ.

ޔޫރަޕުން ބޭރަށް އެންމެ ފުރަތަމަ ބެލޮންޑިއޯ އެވޯޑް ގެންދިޔަ ލައިބީރިއާގެ ޖޯޖް ވެއާ. އޭނާ އަކީ މިހާރު އެގައުމުގެ ރައީސް

މިއާއެކު ވަނީ މިޓީމާއި ދާދި އެއްފެންވަރެއްގެ ބެލޮންޑިއޯގެ ދެ ވަނަ ޓީމެއް ވެސް އެކުލަވާލާފަ އެވެ. މިޓީމުގައި ހިމެނެނީ ގޯލްކީޕަރަކަށް އިޓަލީގެ ޖިއާން ލުއީޖީ ބުފޮން އާއި ޓީމުގެ ފަހަތަށް އިޓަލީގެ ފްރޭންކޯ ބަރޭސީ އާއި ބްރެޒިލްގެ ކާލޯސް އަލްބާޓޯ އާއި ރޮބާޓޯ ކާލޯސް އެވެ.  މެދުތެރެއަށް އާޖެންޓީނާ އަދި ސްޕެއިނަށް ވެސް ކުޅުނު އަލްފްރެޑޯ ޑި ސްޓެފާނޯ އާއި އިޓަލީގެ އަންދްރޭ ޕިރްލޯ އާއި ނެދަލެންޑްސްގެ ފްރޭންކް ރައިކާޑާއި ފްރާންސްގެ ޒިނެދިން ޒިދާން އެވެ. އެންމެ ކުރިއަށް ބްރެޒިލްގެ ގަރިންޗާ އާއި ރޮނާލްޑީނިއޯ އާއި ނެދަލެންޑްސް ގެ ޔޯހަން ކްރައިފެވެ.

ބެލޮންޑިއޯގެ ތާރީހަށް ބަލާއިރު ދުނިޔެ ދުށް އެންމެ މޮޅު ދެކުޅުންތެރިން ކަމަށްވާ ޕެލޭ އާއި މަރަޑޯނާ އަށް ބެލޮންޑިއޯ ލިބިފައެއް ނުވެ އެވެ. ސަބަބަކީ 1995 އާއި ހަމައަށް އެ އެވޯޑް ދެވެމުންދިޔައީ ޔޫރަޕަށް ނިސްބަތްވާ ކުޅުންތެރިންނަށް ކަމަށް ވީތީ އެވެ. 1995 ގައި އެ އުސޫލަށް ބަދަލުގެނެސް ޔޫރަޕްގައި ކުޅޭ އެހެން ބައްރުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ވެސް މިއެވޯޑު ދޭން ފެށުމާއެކު ޔޫރަޕުން ބޭރަށް ފުރަތަމަ މި އެވޯޑް ގެންދިޔައީ އެފްރިކާއަށެވެ. އެއީ ހަމަ އެއަހަރު ބެލޮންޑިއޯ ހޯދި އިޓަލީގެ އޭސީ މިލާނަށް ކުޅުނު ލައިބީރިއާގެ ފޯވާޑް ޖޯޖް ވެއާ އެވެ. އޭގެ ދެއަހަރު ފަހުން ދެކުނު އެމެރިކާއަށް މިއެވޯޑް ފުރަތަމަ ގެންދިޔައީ ބްރެޒިލްގެ ރޮނާލްޑޯއެވެ. 2007 އިން ފެށިގެން ބެލޮންޑިއޯ ހޯދުމުގެ ފުރުސަތު ވަނީ ހުރިހާ ބައްރެއްގެ ހުރިހާ ލީގަކަށްވެސް ހުޅުވާލެވިފަ އެވެ. އެހެންނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ލީގުތައް ޔޫރަޕްގައި އޮތުމާއެކު ދުނިޔޭގެ ކޮންމެތާކުން އައި ނަމަވެސް އެންމެ މޮޅެތި ކުޅުންތެރިން ފެންނަނީ އެލީގުތަކުން ކަމަށްވުމާ އެކު އެހެން ބައްރެއްގައި ކުޅޭ ކުޅުންތެރިއަކު ބެލޮންޑިއޯ އުފުލައިލާތަން ކައިރި ކުރިމަގެއްގައި ފެންނާނެހެނެއް ހިއެއްނުވެ އެވެ.

ފްރާންސްގެ ފުޓްބޯޅަ މަޖައްލާއަކުން ދޭ މި އެވޯޑަކީ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްކަމުގައި ބެލެވެ އެވެ. 2010 އިން 2015 އަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އެވޯޑާއި އެއްކޮށްލައި ފީފާ ބެލޮންޑިއޯގެ ގޮތުގައި ދެވުނެވެ. އެހެންނަމަވެސް އޭގެ ފަހުން ފީފާގެ އެވޯޑާއި ވަކިން، ވަކި އެވޯޑެއްގެ ގޮތުގައި އަނެއްކާވެސް ދޭން ފެށުނެވެ. 1956 ގައި ދޭންފެށުނު މިއެވޯޑް މިހާތަނަށް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ 6 ފަހަރު މިއެވޯޑް ހޯދި މެސީ އެވެ. މެސީގެ ފަހަތުން ދެ ވަނައިގައި އޮތީ 5 ފަހަރު އެވޯޑް ހޯދި ރޮނާލްޑޯއެވެ. ޔޯހަން ކްރައިފް، މާކޯ ވެން ބަސްޓަން އަދި މިޝޭލް ޕްލެޓީނީ ވަނީ މިއެވޯޑް ތިން ފަހަރު ހޯދާފަ އެވެ.

2006 ވަނަ އަހަރުގެ ބެލެންޑިއޯ އެވޯޑް ހޯދި ކަނަވާރޯ. އޭނާ އަކީ މި އެވޯޑް ހޯދި އުމުރުން އެންމެ އެންމެ ދޮށީ ކުޅުންތެރިޔާ

މިއެވޯޑް އެންމެ ގިނަފަހަރު ގެންގޮސްފައިވާ ގައުމުތަކަށް ބަލާއިރު ޖަރުމަނުގެ 5 ކުޅުންތެރިއަކު 7 ފަހަރު އަދި ނެދަލެންޑްސް އާއި ޕޯޗްގަލްގެ 3 ކުޅުންތެރިއަކު 7 ފަހަރު ގެންގޮސްފައިވެ އެވެ. ވަކިވަކި ކްލަބުތަކަށް ބަލާއިރު ބާސެލޯނާގެ 6 ކުޅުންތެރިއަކު 12 ފަހަރު މިއެވޯޑް އުފުލާލާފައި ވާއިރު ވާދަވެރި ރެއާލް މެޑްރިޑްގެ 7 ކުޅުންތެރިއަކު 11 ފަހަރު މިއެވޯޑް އުފުލާލާފައިވެ އެވެ. މިއެވޯޑް ހޯދި އެންމެ ޅަ ކުޅުންތެރިޔަކީ 21 އަހަރުގައި މި އެވޯޑް ހޯދި ބްރެޒިލްގެ ރޮނާލްޑޯ އެވެ. އަދި އެންމެ ދުވަސްވީ ކުޅުންތެރިއަކީ 33 އަހަރުގައި މިއެވޯޑް އުފުލާލި އިޓަލީގެ ޑިފެންޑަރ ފަބިއޯ ކަންނަވާރޯ އެވެ. މިއެވޯޑް އާއްމުކޮށް ހޯދަނީ ކުރިއަށް ކުޅޭ ކުޅުންތެރިންނެވެ. ހާއްސަކޮށް ފަހަކަށް އައިސް އެހެން މަގާމަކަށް ކުޅޭ ކުޅުންތެރިއަކަށް މިއެވޯޑް ލިބިފައެއް ނުވެ އެވެ. އެހެންނަމަވެސް ރަޝިޔާގެ ޔަޝިން ވަނީ ގޯލް ކީޕަރެއްގެ ގޮތުގައި މިއެވޯޑް ހޯދާފަ އެވެ.

މިއެވޯޑަށް ކޮންމެ އަހަރަކުވެސް ފުޓްބޯޅަ މަޖައްލާއިން 30 ކުޅުންތެރިއަކު ފުރަތަމަ ނަގަ އެވެ. އެއަށްފަހު ޖަޖިން ޕެނަލަކުން ޕޮއިންޓް ދީގެން އޭގެތެރެއިން އެންމެ މޮޅު ކުޅުންތެރިއާ ހޮވަ އެވެ. މި އެވޯޑަށް މިހާތަނަށް އެންމެ ގަދަ 3 ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން އެންމެ ގިނައިން ނޮމިނޭޓް ވެފައިވަނީ 12 ފަހަރު ނޮމިނޭޓް ވެފައިވާ މެސީ އާއި ރޮނާލްޑޯ އެވެ. މިހާތަނުން މި ގެނެސްދެނީ ބެލޮންޑިއޯގެ ތާރީހްގައި އެކި އަހަރުގައި ކުޅުންތެރިން ހޯދާފައިވާ ޕޮއިންޓްތަކުގެ ޖުމްލައަށް ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ 10 ކުޅުންތެރިންގެ ލިސްޓެވެ. މިލިސްޓަށް ބަލާއިރު ފަސް ވަނައިގައި އޮތް ވާޖިލް ވެންޑައިކް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ވެސް ވަނީ މި އެވޯޑް އުފުލާލާފަ އެވެ.

10- ޔޯހަން ކްރައިފް (ނެދަލެންޑްސް)  506 ޕޮއިންޓް

9- ކަކާ (ބްރެޒިލް ) 550 ޕޮއިންޓް

8- މިޝޭލް ޕްލެޓިނީ (ފްރާންސް) 551 ޕޮއިންޓް

7- ފްރާންޒް ބެކެންބާ (ޖަރުމަން) 576 ޕޮއިންޓް

6- ރޯނާލްޑޯ (ބްރެޒިލް) 600 ޕޮއިންޓް

5- ވާޖިލް ވެން ޑައިކް (ނެދަލެންޑްސް) 679 ޕޮއިންޓް

4- ޒިނެދިން ޒިދާން (ފްރާންސް) 715 ޕޮއިންޓް

3- ލޫކާ މޮޑްރިޗް (ކްރޮއޭޝިއާ) 837 ޕޮއިންޓް

2- ލިއޮނަލް މެސީ (އާޖެންޓީނާ) 2961 ޕޮއިންޓް

1- ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) 3601 ޕޮއިންޓް

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.