އުމެއިރު އަށް ނިޒާމްބެ ވަރަށް ބޮޑަށް ތައުރީފްކޮށްފި

އުމެއިރު އަށް ނިޒާމްބެ ވަރަށް ބޮޑަށް ތައުރީފްކޮށްފި

ޢަލީ ޝަހީމް
ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި އުމެއިރު އަތުން ބޯޅަ ހޯދަން ބަކާ މަސައްކަތްކުރަނީ. - ފޮޓޯ: މާޒިޔާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އުމެއިރު އަށް ތައުރީފްކޮށް ވާހަކަދައްކައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރު ކެންސަލްވި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކާ ދިމާކޮށް މާޒިޔާ އިން އުމެއިރުގެ ސޮއި ހޯދީ މިދިޔަ އޮގަސްޓް މަހު އެވެ. އަށް މަހުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށައިގެން މާޒިޔާ އިން މިހާތަނަށް ކުޅުނު ދެ މެޗުގައި އުމެއިރު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ކްލަބް އީގަލްސްއާ ވާދަކުރި ޗެރިޓީ ޝީލްޑް މެޗުގެ ބެންޗުން އެރިއިރު ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ނުކުމެ އުމެއިރު ވަނީ ގޯލެއް ޖަހައި މާޒިޔާ އަށް ޕެނަލްޓީއެއް ހޯދައިދީފަ އެވެ.

“އުމެއިރުއަކީ ހަގީގަތުގައި ވެސް ރާއްޖޭގެ ބޯޅައިގައި ކޮންމެ މަގާމަކަށް ލިޔަސް އެންމެ ރަނގަޅަށް ކުޅޭނެ އެއް ކުޅުންތެރިޔާކަން އޭނަގެ ދިގު ކެރިއާގައި އޭނަ ދައްކައިފި. އެއީ އޭނަ ފެށީ ސެންޓްރަލް ޑިފެންޑަރެއްގެ މަގާމުން. މިއަދު އެ ކުޅެނީ އެޓޭކިން ތާޑްގައި” ލ. ކުނަހަންދޫ އަށް އުފަން ކުޅުންތެރިޔާއާ ގުޅޭގޮތުން ނިޒާމްބެ ބުންޏެވެ.

މިހާރު އުމުރުން 32 އަހަރުގެ އުމެއިރު ފުޓްބޯޅަ ކެރިއަރު 2006 ވަނަ އަހަރު ފެށީ ވިކްޓްރީ ޓީމުގައި ޑިފެންޑަރެއްގެ ގޮތުގަ އެވެ. އޭގެފަހުން ވީބީ ސްޕޯޓްސް ކްލަބާއި، މާޒިޔާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް އުމެއިރު ވަނީ ކުޅެފަ އެވެ. މާޒިޔާ އަށް ކުޅެދޭ ފަސް ވަނަ ސީޒަނުގައި އުމެއިރު ވަނީ އެ ކްލަބަށް 38 ލަނޑު ޖަހައިދީފަ އެވެ.

ނިޒާމްބެ ބުނީ ދަނޑުގައި އުމެއިރު ނުކުޅޭ ހަމައެކަނި މަގާމަކީ ގޯލު ކަމަށާއި، އުމެއިރުގެ ތަޖުރިބާ އިން ކުޅުންތެރިންގެ ރޫހު ރަނގަޅުކުރަން މަސައްކަތް ކުރުމަކީ އޭނާ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

“އުމެއިރު އަކީ އޯވަރޯލް ޕްލެޔަރެއްކަން އެބަ އެނގޭ. އޭނަގެ އެކްސްޕީރިއެންސަށް ބަލާއިރު ވަރަށް ރަނގަޅަށް އޭތި ކުޅުންތެރިންނާ ހިއްސާކުރާކަން ފާހަގަކުރެވޭ. އަނެއްކޮޅުން ކުޅުންތެރިން އެންކަރޭޖްކުރަން އެކުރާ މަސައްކަތް އެއީ އަސްލުގަ އެކްސްޕީރިއެންސް ޕްލެޔަރެއްގެ ފަރާތުން އެންމެ މުހިއްމު ކަންތައް. އެހެންވީމަ އެކަންތައްތައް ފެނިގެންދާތީ އެއީ ހަމަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވޭ. ހުރިހާ އެއްޗަކަށް ބަލާއިރު އޭނަގެ އެކްސްޕީރިއެންސުން ވަރަށް ބޮޑު ތަފާތެއް އެބަގެނޭ. އުއްމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ދެންތިބި ކުޅުންތެރިންގެ ފަރާތުން އެ އެކްސްޕީރިއެންސްގެ ބޭނުން ހިފައިގެން އޭގެން އެއްޗެއް ދަސްކޮށްގެން ފެނިގެންދާނެކަމަށް” ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު 2012 ވަނަ އަހަރު ހޯދި އުމެއިރުއާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަނީ. ކުޅުންތެރިންނަށް ކޮމްބިނޭޝަނަށް ތައުރީފް ކުރި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ފެށުން ރަނގަޅުކޮށް މާޒިޔާ އިން މިރޭ ނުކުންނާނީ އިތުރު މޮޅެއް ހޯދައި އިތުބާރު ބޮޑުކުރުމަށެވެ. ނިޒާމްބެ ބުނީ ކުރީ މެޗުގައި ގްރީން ސްޓްރީޓްސް އިން ނެރުނު ނަތީޖާ މުހިއްމު ނޫންކަމަށާއި ގްރީން ސްޓްރީޓްސް އަކީ ލީގުގައި ރަނގަޅު ހިސާބެއްގައި ރޭންކްކުރާ ޓީމެއް ކަމަށެވެ.

“އެއްގޮތަކަށް ވެސް އެމީހުން ކުރީ މެޗުގައި ނެރުނު ނަތީޖާއެއް ނޫން. އޭގެ ބަދަލުގައި އެޓީމު އެކުޅޭ ގޭމާއި ބޭނުންކުރާ ޓެކްޓިކްސް އަކީ އެންމެ ބޮޑަށް ބަލާ އެއްޗަކީ. އެގޮތުން ބަލާއިރު އިދިކޮޅުން މިކުޅޭ ޓީމަކީ ހަމަ ރަނގަޅު ޓީމެއް. ލީގުގައި ރޭންކްކުރާއިރު ވެސް ހަމަ ރަނގަޅު ހިސާބެއްގައި ރޭންކުކުރަންޖެހޭ އެއް ޓީމު” ގްރީން ސްޓްރީޓްސްއާ ގުޅޭގޮތުން ނިޒާމްބެ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު 100 ޕަސެންޓް ފިޓް ނުވާތީ ބިދޭސީ ޑިފެންޑަރު ޕީޓަ ޕްލަނިޗް އާއި ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފުރަތަމަ އެގާރައިގައި ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ނިޒާމްބެ ބުނީ ފުޓްބޯޅައިގައި މީހުން އެންގޭޖްވުން އިތުރުވެއްޖެ ކަމަށާއި، އުއްމީދަކީ ސޯޝަލް މީޑިއާގައި ފުޓްބޯޅަ އަށް އޮންނަ ސަމާލުކަން ގަލޮޅު ދަނޑުން ފެނުން ކަމަށެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް ސަޕޯޓެއް ނެތޭ ބުނެ ދެކެވޭ ވާހަކަތަކުގައި މުޅިން އަސްލެތް ނެތްކަމަށް ނިޒާމްބެ ގަބޫލުކުރާ ސަބަބަކީ ސޯޝަލް މީޑިއާގައި ފުޓްބޯޅައިގެ ހަރަކާތްތައް ގިނަވުމާއި ޓީވީ އިންނާއި ސޯޝަލް މީޑިއާގެ އެހީގައި މެޗުތައް ބަލާމީހުން ގިނަވުމެވެ. އެހެންވެ ފުޓްބޯޅަ މާކެޓް ކުރުމަށް އޮންލައިން ޕްލެޓްފޯމްގެ މުހިއްމުކަން ބޮޑުކަން ނިޒާމްބެ ފާހަގަކުރި އެވެ.

މިއީ ގްރީން ސްޓްރީޓްސް އަށް އެންމެ އުނދަގޫ މެޗު: ނިސްތާރު

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު މުހައްމަދު ރިޝްވާން (ފުކޭ) ނޫން ހުރިހާ ކުޅުންތެރިން ތިބީ ފިޓްކޮށް ކަމަށާއި، މިރޭގެ މެޗަކީ ލީގުގައި އެޓީމު ކުރިމަތިލާނެ އެންމެ އުނދަގޫ މެޗު ކަމަށެވެ. ސަބަބެއް ގޮތުގައި ނިސްތާރު ފާހަގަކުރީ މާޒިޔާގެ ޓީމުގައި ރާއްޖޭގެ ގައުމީ ޓީމުގެ ދެބައިކުޅަ އެއްބައި ކުޅުންތެރިން ހިމެނުމެވެ.

“ލީގުގައި ނީންނާނެ އީޒީ ގޭމްއެއް. އަޅުގަނޑުމެން ޓީމަކީ ހުސް އެއްވަރެއްގެ ކުދިންތަކެއް. އަޅުގަނޑުމެންގެ ކެޕްޓަން ރިލޭއަކީ ވަރަށް މޮޅު މީހެއް ހުރިހާ ކުދިން ގޮވައިގެން އުޅެން. އެހެންވީމަ ޓީމް ރޫހާ އެއްޗެހި ވަރަށް ރަނގަޅަށް އިނީ” މިދިޔަ ސީޒަނުގައި ށ. ފޯކައިދޫ ޓީމުގެ ކޯޗަކަށް ހުރެ މާޒިޔާ އަތުން ޕޮއިންޓެއް ހޯދި ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ނިސްތާރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ގްރީން ސްޓްރީޓްސްގެ ގޯލު ބެލެހެއްޓުމަށް މި ސީޒަނުގައި ގެނައީ ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅެފައިވާ ޕާކިސްތާނުގެ ގޯލްކީޕަރު ސާގިބް ހަނީފް އެވެ. އެކަމަކު ސާގިބް އަދި އެޓީމާ ގުޅިފައިނުވާތީ ގޯލު ބަލަހައްޓަމުން އަންނަނީ އިބްރާހީމް ލަބާން ޝަރީފް އެވެ.

“ލަބާން އަށް ފުރިހަމަ އިތުބާރު އެބައޮތް. އެއީ ރާއްޖޭގައި ހުރި އެންމެ ރަނގަޅު އެއް ކީޕަރު. ދެން އަޅުގަނޑުމެންގެ އަންނަން ހުރި ކީޕަރު (ސާގިބް) އައީމަ އިތުރު ބޫސްޓަކަށް ވާނެ. އެކަމަކު ލަބާނަށް 100 ޕަސެންޓް އިތުބާރު އެބައޮތް” ނިސްތާރު ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އިން ވެލެންސިއާއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކިނަމަވެސް އެޓީމަށް ދިމާވީ ގޯލެއް ކާމިޔާބު ނުކުރެވުމުގެ މައްސަލަ އެވެ. ނިސްތާރު ބުނީ 1-0 އިން ބަލިވި އެ މެޗުގައި ދިމާވީ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާތައް މަދުވުން ކަމަށާއި އެކަން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މާޒިޔާ ވަރުގަޔަސް މިއީ ގްރީން ސްޓްރީޓްސްގެ ފުރުސަތުކަމަށް ބަލައިގެން ކުޅުންތެރިން ތިބީ ދަނޑުމަތީގައި އެކަން ސާބިތުކޮށްދޭން ތައްޔާރަށްކަމަށް ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ވާދަކުރާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.