ގޯލްޑެން ފުޓްސަލް ޗެލެންޖް އަންނަ އޮގަސްޓް މަހަށް ޝެޑިއުލްކޮށްފި

Advertisement

ގޯލްޑެން ފުޓްސަލް ޗެލެންޖް އަންނަ އޮގަސްޓް މަހަށް ޝެޑިއުލްކޮށްފި

ޢަލީ ޝަހީމް
ތިމަރަފުއްޓާއި އޭދަފުށި ވާދަކުރި މިދިޔަ އަހަރުގެ ފައިނަލް މެޗުގެ ތެރެއިން. މި މުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ ތިމަރަފުށި

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖް އަންނަ އަހަރުގެ އޮގަސްޓް 13 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

ރަށްތަކުން ދުރާލާ ތައްޔާރުވެ ފޯރިއާ އެކު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖް ކޮވިޑް-19 އާ ގުޅިގެން މިއަހަރު ނުބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ. ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ “ފަހުމިނެޓް” އާ ވާހަކަދައްކަވަމުން ވިދާޅުވީ މިއަދުން ފެށިގެން ގޯލްޑެން ފުޓްސަލް މުބާރާތުގައި ހުޅުވާލާފައިވާކަމަށާއި، މިއަހަރުގެ މުބާރާތުގައި ބައިވެރިވި ރަށްތަކަށް އަންނަ އަހަރުގެ މުބާރާތުން ފުރުސަތުދޭން ހަމަޖެހިފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9994470 ނަންބަރަށް ގުޅުމަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އެދެ އެވެ.

މިދިޔަ އަހަރު ބޭއްވި ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ތަށި ތިމަރަފުށި ފުޓްސަލް ޓީމުން އުފުލާލަނީ

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ނަމުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ފެށީ 2015 ވަނަ އަހަރު އެވެ. މި މުބާރާތުގެ މަގްބޫލުކަން ކޮންމެ އަހަރަކު އިތުރުވަމުން އަންނައިރު މިދިޔަ އަހަރު 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ބ. ހިތާދޫ ހޯދިއިރު 2016 ވަނަ އަހަރުގެ މުބާރާތާއި މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ތ. ތިމަރަފުއްޓެވެ. 2017 ވަނަ އަހަރުގެ ޗެމްޕިއަންކަން މާލެ މާފަންނު ޓީމު ހޯދިއިރު 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ މާލެ ހެންވޭރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދީ ބ. އޭދަފުއްޓާ ވާދަކޮށް 5-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގައި ރާއްޖޭގެ ކޮންމެ ރަށަކުން ޓީމެއް އަދި ފުވައްމުލައް ސިޓީ އާއި ގްރޭޓާ މާލޭ ސަރަހައްދުން ކޮންމެ އަވަށަކުން ޓީމަކަށް ބައިވެރިވެވޭނެ އެވެ. މުބާރާތުގައި އެންމެ ފުރަތަމަ ކުޅެނީ އަތޮޅު ބުރާއި ޒޯން ބުރުގެ މެޗުތަކެވެ. އަށް ޒޯނުން ހޮވޭ 16 ޓީމާ އެކު މުބާރާތް ކުރިއަށް ގެންދަނީ ނޮކްއައުޓް އުސޫލުންނެވެ.

ފުރަތަމަ ތިން އަހަރު މާލޭގެ ވެލި ދަނޑުގައި މި މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް މިދިޔަ އަހަރު މުބާރާތް ބާއްވާފައިވަނީ ހުޅުމާލޭ ރެހެންދި ސްކޫލްގެ ޓާފް ދަނޑުތަކުގަ އެވެ. ކުރިއަށް އޮތް އަހަރު ވެސް އެ ދަނޑުތަކުގައި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ވީ އެންމެ އަވަހަކަށް ރަށްތަކުން މުބާރާތުގައި ރަޖިސްޓްރީ ކުރުމަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *