ތިމަރަފުށި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ނުދާނީ ކަންބޮޑުވުން ފާޅުކޮށްފި

އަތޮޅުތެރޭގެ ފުޓްބޯޅައިގައި ފަހަކަށް އައިސް އެންމެ ކާމިޔާބު ރަށް ކަމަށްވާ ތ. ތިމަރަފުށީގައި ސަރުކާރުން ތަރައްގީކުރަން ފަށާފައިވާ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވުމުން އެރަށުގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ތިމަރަފުއްޓަކީ ފުޓްބޯޅަ އާއި ފުޓްސަލްގައި މިވަގުތު ރާއްޖޭގެ އެއް ވަނަ އެވެ. އެރަށުން ވަނީ 2018 ވަނަ އަހަރު އެފްއޭއެމުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމުގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައިފަ އެވެ.
ސަރުކާރުން މިއަހަރު ވަނީ ގިނަ ދަނޑުތަކެއްގެ މަސައްކަތް ނިންމައިފަ އެވެ. ބާރު ސްޕީޑްގައި ބައެއް ދަނޑުތަކުގެ މަސައްކަތްކޮށް ނިންމާލި ނަމަވެސް ތިމަރަފުށި ދަނޑުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މަސްތަކެއް ވެފައިވާކަމަށް ތިމަރަފުށި ސްޕޯޓްސް ކްލަބުން ވަނީ ބުނެފަ އެވެ. އެ ކްލަބުން ސޯޝަލް މީޑިއާގައި ރޭ އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަސައްކަތް ހުއްޓިފައި އޮތް ދަނޑު ވީ އެންމެ އަވަހަކަށް ނިންމައިދިނުމަކީ އެރަށު ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
“ތިމަރަފުއްޓަކީ އެންމެ ފަހުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ފަހުރުވެރި ޗެމްޕިއަންސް. ތިމަރަފުށި ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް މި ދަނޑު ވީހާވެސް އަވަހަކަށް ނިންމާލަދެއްވުން. ތިމަރަފުށީ ޒުވާނުންގެ އާދޭސް އަޑު އައްސަވާދެއްވާ” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި މިނިސްޓަރު އަހުމަދު މަހުލޫފް ޓެގްކޮށް އެ ކްލަބުން އާއްމުކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

އެމްޓީސީސީ އިން ތިމަރަފުށީ ދަނޑުގެ ސަބް ބޭސް މަސައްކަތް ނިންމާފައި. އެއަށް ފަހު މަސައްކަތް ހުއްޓިފައި އޮންނަތާ މަސްތަކެއް ވަނީ ވެފައި
ތިމަރަފުށި ސްޕޯޓްސް ކްލަބުން އިތުރަށް ބުނީ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގުނަ ދުވަސްތަކެއްވުމުން “މިހާރު އެތާނގައި މަގޫގަސް ހެދި އާލާވާން” ފަށާފައިވާކަމަށެވެ.
ތިމަރަފުށީގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ ގޮތުން ދަނޑުގެ ސަބްބޭސްގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ހަވާލުކުރީ އެމްޓީސީސީއާ އެވެ. 2.4 މިލިއަން ރުފިޔާގެ އެ މަސައްކަތް އެމްޓީސީސީ އިން ވަނީ މިއަހަރުގެ އޭޕްރީލް އެއް ވަނަ ދުވަހު ނިންމާލައިފަ އެވެ. މިގޮތުން ދަނޑުގެ ބިން އެއްވަރުކުރުމާއި އަޑީގައި ހޮޅި ވަޅުލުމުގެ މަސައްކަތުގެ އިތުރުން ދަނޑު ވަށައިގެން ޕޭވްމެންޓް ހެދުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރި އެވެ. އަމަލީ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓުނީ އެހިސާބުންނެވެ.
ތިމަރަފުށި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ އެކު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އެއްބަސްވީ ތިމަރަފުށި ހިމެނޭގޮތަށް ނުވަ ދަނޑެއްގައި ޓާފް އެޅުމަށެވެ.
“ދަނޑުގައި ޓާފް އަޅަން މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފަ އޮތީ 120 ދުވަސްތެރޭ ނިންމަން. ބާކީ އޮތީ 30 ވަރަކަށް ދުވަސް މިހާރު. އަދި އެއްވެސް މަސައްކަތެއް ނުފެށޭ. ޓާފް ވެސް ނުގެނޭ. މިއީ ތިމަރަފުށީގެ ޒުވާނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިކަން އަވަސްކޮށްދިނުމަށް އަޅުގަނޑުމެން އެދެން” ތިމަރަފުށި ޒުވާނަކު “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ.
Advertisement


Leave a Reply