ހުވަދު އަތޮޅަށް ހުޅުވާލައިގެން ތިނަދޫގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

Advertisement

ހުވަދު އަތޮޅަށް ހުޅުވާލައިގެން ތިނަދޫގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ޢަލީ ޝަހީމް
ހަވަރު ޔޫތު ކަޕްގައި ވާދަކުރާ ކާޑެއްދޫ ފުޓްބޯޅަ ޓީމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބޯޅަ ހަދިޔާ ކުރަނީ. މި މުބާރާތަށް ވަރަށް ބޮޑަށަް އަންނަނީ ތައްޔާރުވަމުން. - ފޮޓޯ: ތިނަދޫ ސްޓޭޑިއަމް ފޭސްބުކް ޕޭޖް

ގއ. އާއި ގދ. އަތޮޅަށް ހުޅުވާލައިގެން “ހަވަރު ޔޫތު ކަޕް 2020” ގެ ނަމުގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ގދ. ތިނަދޫގައި ބާއްވަން ނިންމައި މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވާންފަށައިފި އެވެ.

ފުޓްބޯޅައިގެ ދިގު ތާރީހެއް އޮތް މި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތް އިންތިޒާމުކުރަނީ ތިނަދޫ ސްޓޭޑިއަމް އާއި ތިނަދޫގެ ހަވަރު ސްޕޯޓްސް ގުޅިގެންނެވެ. ތިނަދޫގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 25 އިން ޖެނުއަރީ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ގދ. އަތޮޅުގެ އަށް ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އަށް ޓީމުގެ ތެރެއިން ތިނަދޫ އަށް ނިސްބަތްވާ ހަތަރު ޓީމު ހިމެނެ އެވެ. އެއީ އެފްސީ ނޯޗޮއިސް އާއި އާރުއެފްސީގެ އިތުރުން ޑިއެފްސީ އަދި އެފްސީ ނޮދާން ސްޓާ އެވެ. ތިނަދޫގެ އިތުރުން ގދ. ގައްދޫ އާއި ގދ. ހޯނޑެއްދޫ އަދި ގދ. ކާޑެއްދޫ އަދި ގދ. މަޑަވެލީގެ ޓީމެއް ވަނީ ބައިވެރިވެފަ އެވެ. ގައްދޫ އިން ފޮއިނިކްސް އެފްސީ ވާދަކުރާއިރު ހޯނޑެއްދޫ އިން ވާދަކުރާނީ ހޯނޑެއްދޫ އެފްސީ އެވެ. ކާޑެއްދޫ އިން ކާޑެއްދޫ އެފްސީގެ ނަމުގައި ޓީމެއް ނެރޭއިރު މަޑަވެލިން ޓީމު ބައިވެރިކޮށްފައިވަނީ މަޑަވެލި އެފްސީގެ ނަމުގަ އެވެ.

ހަވަރު ޔޫތް ކަޕް ފެށުމުގެ ކުރިން ދަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ. މި މުބާރާތުގައި ގދ. އަތޮޅުގެ އަށް ޓީމަކުން ވަނީ ބައިވެރިވެފައި. – ފޮޓޯ: ތިނަދޫ ސްޓޭޑިއަމް ފޭސްބުކް ޕޭކް

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަކަށް ކަނޑައަޅާފައިވަނީ 10000 ރުފިޔާ އެވެ.

ރާއްޖޭގައި އާއްމުކޮށް ބާއްވާ މުބާރާތްތަކާއި ހިލާފަށް ހަވަރު ޔޫތު ކަޕްގައި ވާދަކުރާ ޓީމުތަކަށް ޖާޒީ އާއި ބޯޅަ ހަދިޔާކުރަނީ މުބާރާތް އިންތިޒާމުކުރާ ފަރާތުންނެވެ. މިގޮތުން މުބާރާތުގެ ބައެއް ޓީމުތަކަށް މި ތަކެތި މިހާރު ވަނީ ހަދިޔާކޮށްފަ އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތިނަދޫ ފުޓްބޯޅަ ސްޓޭޑިއަމްގެ ދަނޑުގައި ވިނަ ކޮށައި ދަނޑު މުބާރާތައް ތައްޔާރުކުރުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ވަނީ ފަށައިފަ އެވެ.

މުބާރާތް ބާއްވާ ތިނަދޫ އަކީ 2017 ވަނަ އަހަރު އެފްއޭއެމުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ޓީމެވެ. އެފަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނި އެރަށް ވަނީ ދިވެހި ޕްރިމިއާ ލީގުގައި ވެސް ކުޅެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *