ފަހުމިނެޓުގައި ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް އެއް ވަނަ އަށް

Advertisement

ފަހުމިނެޓުގައި ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް އެއް ވަނަ އަށް

ޢަލީ ޝަހީމް
މެޗުގެ ފަހުމިނެޓުގައި ގޯލު ޖެހުމަށް ފަހު ލިވަޕޫލްގެ ފިރްމީނޯ އުފާފާޅުކުރަނީ

މެޗުގެ ފަހު މިނެޓުގައި ރޮބާޓޯ ފިރްމީނޯ ޖެހި ގޯލާ އެކު އަމިއްލަ ދަނޑުގައި 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ޗެމްޕިއަން ލިވަޕޫލް އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.

ޕްރިމިއާ ލީގުގެ އެއް ވަނަ 28 ޕޮއިންޓާ އެކު ލިވަޕޫލަށް ލިބޭއިރު ޓޮޓެންހަމް މިހާރު އޮތީ 25 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ ރޭ ރަށުން ބޭރުގައި އާސެނަލްއާ ވާދަކޮށް 1-1 އިން އެއްވަރުކުރި ސައުތެމްޓަން އެވެ. ލެސްޓާ ސިޓީ އިން ވެސް 24 ޕޮއިންޓް ހޯދާފައިވާއިރު ގޯލުގެ ތަފާތުން އެޓީމު އޮތީ ހަތަރު ވަނައިގަ އެވެ. ލެސްޓާ އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެ އެވަޓަން ވަނީ 23 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އާސެނަލް އޮތީ 14 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.

ރޭ ޓޮޓެންހަމް އާއި ލިވަޕޫލް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ލިވަޕޫލުން މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުން ގޮސް ލީޑު ނެގި ލަނޑު 26 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ސަލާހް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސޮން ހެއުން މިން ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ލިވަޕޫލުންނެވެ. އެކަމަކު ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރީ ކައުންޓަ އެޓޭކުގައި ކުޅެމުންދިޔަ ދިޔަ ޓޮޓެންހަމުންނެވެ. މިގޮތުން އޭރިޔާތެރޭ ހުސްކޮށްހުރެ ސްޓީވެން ބާގްވައިން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު އޭގެ އިރުކޮޅެއް ފަހުން ކެޕްޓަން ހެރީ ކޭން ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއްނުވި އެވެ. ލިވަޕޫލް މޮޅުވި ގޯލު ފިރްމީނޯ ކާމިޔާބުކުރީ މެޗުގެ 90 ވަނަ މިނެޓުގަ އެވެ. އެންޑީ ރޮބާޓްސަން ނަގައިދިން ކޯނަރު ފިރްމީނޯ ބޮލުން ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޓޮޓެންހަމަށް މެޗުގައި ގޯލެއް ޖަހައި ތަނަވަސްކުރެވުނީ ދެ ފުރުސަތު ކަމަށާއި، މުޅި މެޗު ކޮންޓްރޯލްކުރީ އޭނާގެ ޓީމުން ކަމަށެވެ. އެކަމަކު “މެޗުން ބަލިވީ މޮޅަށް ކުޅުނު ޓީމުކަމަށް” މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އޭނާގެ ގާތުގައި ބުނިކަމަށް ކްލޮޕް ބުންޏެވެ.

“ރަނގަޅު. އެމީހުން ގޯލެއް ޖަހައި ލަނޑުޖަހާނެ ދެ ފުރުސަތު ހޯދި. އެނޫން ހުރިހާ އިރެއްގައި މެޗު ކޮންޓްރޯލްކުރީ އަހަރެމެން. މިއީ މާބޮޑަށް ވެސް ލިވަޕޫލަށް ހައްގު ތިން ޕޮއިންޓް. ޓޮޓެންހަމުން ޖެހި ގޯލު އަހަރެންނަށް އޮފްސައިޑް. އެމީހުން (މެޗުގެ އޮފިޝަލުން) އެ ލަނޑު 20 ފަހަރު ބެލި. އެކަމަކު އަހަރެން ބެލިއިރު އެ ގޯލު އޮފްސައިޑް” މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ބަލިވުމުން މާޔޫސްވެފައިހުރި މޮރީނިއޯ ބުނީ އޭނާގެ ޓީމު ކުޅުނީ ޕޮއިންޓެއް ހޯދަން ނޫންކަމަށާއި، އެއީ އެޓީމަށް ހައްގު ނަތީޖާއެއް ނޫންކަމަށެވެ. އަދި ޓަޗްލައިންގައި ކްލޮޕްގެ އަމަލުތައް ހުންނަގޮތުން މޮރީނިއޯ ވަނީ ފާޑު ކިޔައިފަ އެވެ.

ލީގުގައި ދަށް ފޯމެއްގައި އޮތް އާސެނަލް ރޭ އަމިއްލަ ދަނޑުގައި ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. އާސެނަލް ކޮޅަށް ސައުތެމްޓަންގެ ގޯލު ފުރަތަމަ ހާފުގައި ޖެހީ ކުރިން އެ ކްލަބަށް ކުޅެ 100 އަށް ވުރެ ގިނަ ލަނޑު ޖަހައިދީފައިވާ ތިއޯ ވޮލްކޮޓް އެވެ. ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ޕިއޭ އެމެރިކް އޮބާމިޔަންގެ ގޯލުން އާސެނަލް މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އާސެނަލްގެ ބްރެޒިލް ޑިފެންޑަރު ގަބްރިއެލް މާގަޅައެސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން މެޗުގެ ކޮންޓްރޯލް އާސެނަލަށް ގެއްލުނެވެ. އެކަމަކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އާސެނަލް ކޮޅަށް އިތުރު ގޯލެއް ޖަހަން ސައުތެމްޓަނުން ކުރި މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ. މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގައި އާސެނަލްގެ ޑިފެންޑަރު ރޮބް ހޯލްޑިން ބޮލުން ފޮނުވާލި ބޯޅަ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލީގުގައި މިރޭ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އެސްޓަން ވިލާ އާއި ބާންލީ ވާދަކުރާއިރު ދަންވަރު އެކެއް ޖަހާއިރު ފަށާ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ރަށުން ބޭރުގައި ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *