ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑް އެއްވާނެއްގައި ކުރިއަށް

Advertisement

ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑް އެއްވާނެއްގައި ކުރިއަށް

ޢަލީ ޝަހީމް

އަމިއަލަ ދަނޑުގައި ރޭ 3-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ޗެމްޕިއަން ރެއާލް މެޑްރިޑް ސްޕެނިޝް ލީގުގެ ކުރީގައި އުޅޭ ޓީމުތަކާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.

ސީޒަނުގެ ކުރީކޮޅު ފޯމް ވަރަށް ބޮޑަށް ދަށްވިނަމަވެސް ރެއާލް މިހާރު އަންނަނީ ހަމައަކަށް އެޅެމުންނެވެ. ރޭގެ މެޗަކީ އެޓީމު ޖެހިޖެހިގެން މޮޅުވި ހަތަރު ވަނަ މެޗެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓާފާނެހެން ހީވިނަމަވެސް އަމިއްލަ ދަނޑުގައި ބޮރޫޝިއާ މޮންޗެންބްލަދްބާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެޓީމު ފުރުސަތު ހޯދީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނަ ބުރުގައި ރެއާލް ވާދަކުރަން ޖެހޭނީ އިޓަލީގެ އެޓަލާންޓާއާ އެވެ.

ލީގުގައި ރެއާލް އޮތީ ކުޅުނު 13 މެޗުން ހޯދި 26 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާއި ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު އެތުލެޓިކޯ ދެ ވަނައިގައި އޮތީ ރެއާލަށް ވުރެ ދެ މެޗު މަދުން ކުޅެގެންނެވެ.

ރޭގެ މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ބިލްބާއޯގެ ރައުލް ގާސިއާ އަށް ރެފްރީ ވަނީ ރަތްކާޑު ދައްކައިފަ އެވެ. ގާސިއާ އަށް ދެ ކާޑު ވެސް ދެއްކީ ރެއާލްގެ ޓޮނީ ކްރޫސް އަށް ކުރި ފައުލްތަކަށެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައެއްގައި ކުޅުނު ބިލްބާއޯ ކޮޅަށް ރެއާލްގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ކްރޫސް އެވެ. އެކަމަކު ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓުގައި ބިލްބާއޯ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ގައިގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ބިލްބާއޯގެ އެންޑާ ކާޕާ އެވެ. މެޗުން ރެއާލް މޮޅުކޮށްދިން ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރީ ކަރީމް ބެންޒެމާ އެވެ. ބެންޒެމާ ފުރަތަމަ ލަނޑު 74 ވަނަ މިނެޓުގައި ޖެހިއިރު ފަހު ލަނޑު ވައްދާލީ މެޗުގެ އިތުރު ވަގުތުގަ އެވެ.

ލީގުގައި މިރޭ ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗަކީ އަމިއްލަ ދަނޑުގައި ބާސެލޯނާ އިން ރެއާލް ސޮސިއެޑާޑްއާ ވާދަކުރާ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *