ޓީސީގައި ތިބި ޒުވާން ކުޅުންތެރިންގެ ފައިދާ ފުޓްބޯޅަ އަށް ކުރާނެ: ޝާޒް

ޓީސީ ސްޕޯޓްސް ކްލަބުގައި މި ސީޒަނުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނީ ކްލަބުގެ މެނޭޖްމަންޓުން އެގޮތަށް ބޭނުންވުމުން ކަމަށާއި، އެ ކުޅުންތެރިން ދިވެހި ޕްރިމިއާ ލީގުގައި ކުޅުމަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގްބަލަށް ކުރާނެ ފައިދާއެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީސީ ޓީމުގައި މި ސީޒަނުގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ. ކުރީއަހަރުތަކާއި ބަލާއިރު ޓީސީގެ ސްކޮޑްގައި މިސީޒަނުގައި ތިބީ ތަޖުރިބާކާރު މަދު ކުޅުންތެރިންތަކެކެވެ. އެޓީމަށް މިދިޔަ އަހަރުތަކުގައި ކުޅުނު މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކްލަބް ދޫކޮށްލިއިރު އެތަން ފޫބައްދަށް މާގިނަ ޓްރާންސްފާތަކެއް އެޓީމުން ނުހަދަ އެވެ.
“މިފަހަރު ލީގަށް މެނޭޖްމަންޓާ ވާހަކަދައްކައިގެން ވަރަށް ބޮޑަށް ވިސްނުން ހުރީ ޒުވާން ކުޅުންތެރިންތަކަކާ އެކު ނުކުންނަން. އެހެންނަމަވެސް ޒުވާން ކުޅުންތެރިންނާ އެކު ލީގަކަށް ނުކުންނައިރު އެއީ އެހާ ފަސޭހަކަމެއް ނޫން. އޭރުގަވެސް ވިހާރު ވެސް އެއީ ޗެލެންޖެއް. މިހާރުވެސް މީގަ އެބަހުރި ވަރަށް ބޮޑު ފައިދާތަކެއް. އެއީ އެހާގިނަ ޒުވާން ކުޅުންތެރިންތަކެއް ލީގުގައި ކުޅޭކަމަށް ވަންޏާމު ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގްބަލަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ” މިދިޔަ އަހަރު ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް ސާފް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ހޯދައިދިން ކޯޗު ބުންޏެވެ.
ޝާޒް ބުނީ ޓީސީގައި އޮތީ ރަނގަޅު މެނޭޖްމަންޓެއް ކަމަށާއި، އެ މެނޭޖްމަންޓާ އެކު މަސައްކަތްކޮށްގެން ތަފާތު ޓީސީއެއް މި ސީޒަނުގައި ފެންނާނެ ކަމަށެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު ޓީސީގެ ކޯޗުކަމާ ހަވާލުވި ޝާޒް ބުނީ އޭނާ ޓީސީއާ ހަވާލުވިއިރު އެ ކްލަބް އެހާ ވަރުގަދަ ނޫންކަމަށާއި އެ ދަނޑިވަޅުގައި ޓީސީއާ ހަވާލުވީ ވަރަށްބޮޑު އުއްމީދަކާ އެއްކޮށް ކަމަށެވެ. އަދި މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމުގެ ނަތީޖާތައް ރަނގަޅުކޮށް ލީގު ނިމުނުއިރު އަތުނުވީ ކްލަބް އީގަލްސް ކަމަށް ޝާޒް ބުންޏެވެ.
“މިދިޔަ ސީޒަނުގައި ކަންތައް ދިމާވިގޮތުން ލީގު ނިމުނުއިރުގައި ޓީސީ އަށް އަތުނުވީ އީގަލްސް. އެހެން ނޫންނަމަ އޭއެފްސީ ކަޕްގެ ސްލޮޓް ލިބުނީސް” ޝާޒް ބުންޏެވެ.
އާ ސީޒަނުގައި ޒުވާން ޓީމަކާ އެކު ނުކުތުމަކީ ޝާޒް ގަބޫލުކުރާ ގޮތުގައި ޗެލެންޖެކެވެ. އެހެން ޓީމުތަކާ އަޅާބަލާއިރު ޓީސީގެ ސްކޮޑް އެންމެ ވަރުގަދަ ނޫނަސް ޝާޒް ބުނިގޮތުގައި އޭނާގެ އަމާޒަކީ ޓީސީގެ މަގާމް ދަމަހައްޓައި ސީޒަނުގައި ތައްޓެއް ކާމިޔާބުކުރުން ކަމަށެވެ.
“ޓާގެޓް ކަނޑައަޅާފަ މީނީ މުޅި ސީޒަނަށް. ސީޒަން ނިމޭއިރު އިރާދަކުރެއްވިއްޔާ ޓީސީގެ މަގާމުގަ އޮތުން ބޭނުމަކީ. އޭގެ މާނައަކީ ޓީސީއަކީ ރާއްޖޭގެ ފުޓްބޯޅައިގަ ގަދަ ބާރެއް ވީމަ ސީޒަނުގަ އެއް ތަށި ކާމިޔާބުކުރުން ޓީސީގެ އަމާޒަކީ” ޝާޒް ބުންޏެވެ.
Finally, Dhivehi Premier League football 2020-21 starts this afternoon! ???????????? pic.twitter.com/PQKrg5j2ol
— Fahuminet (@fahuminet) December 13, 2020
ޓީސީއާ ދެކޮޅަށް ނުކުންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ އެޓީމުގެ ޕްރީ ސީޒަން ދިޔައީ ރަނގަޅަށް ކަމަށާއި ހަމައެކަނި މައްސަލައަކީ ބިދޭސީ ކުޅުންތެރިންނަށް ޕްރީސީޒަނުގައި ބައިވެރިނުވެވުން ކަމަށެވެ. ކުޅުންތެރިންގެ ގޮތުން ޓީސީ މި ސީޒަނުގައި ވަރުގަދަ ނުވިނަމަވެސް އިންމަ ބުނީ މިއަދުގެ މެޗަށް ނުކުންނާނީ ޓީސީ އަކީ ރާއްޖޭގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ދެކިގެން ކަމަށެވެ.
“އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ނޫން އިދިކޮޅު ޓީމުގެ ހާލަތަކީ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަޅުގަނޑުމެން ތިބި ހާލަތު އެހެން ހަރުފަތަކަށް ގެންދެވޭތޯ. އެގޮތަށް އަޅުގަނޑުމެން ދުވަހުން ދުވަހަށް މަސައްކަތްމިކުރަނީ މިހާރު ހުރި ލެވެލް އަށް ވުރެ އެހެން ލެވެލް އަކަށް ދެވޭތޯ. ޓީސީ އަކީވެސް ރާއްޖޭގެ އެންމެ މޮޅު އެއް ޓީމު. ބަދަލުތަކެއް އައިކަމަށް ވިޔަސް ޓީމުގެ ނަމުގައި ޓީމެއް ނުކުންނަނަމަ އަޅުގަނޑު ބުނާނީ އެ ލެވެލްގަ ހިފެހެއްޓޭނެކަމަށް” އިންމަ ބުންޏެވެ.
އާސީޒަނާ ކުރިމަތިލާއިރު ދަ ގްރާންޑޭ އަށް މިދިޔަ ސީޒަނުގައި ކުޅުނު މުހިއްމު ކުޅުންތެރިންތަކެއް ވަނީ ކްލަބް ބަދަލުކޮށްފަ އެވެ. އެޓީމުގައި ވެސް ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު ކުރިން ރާއްޖޭގައި ކުޅެފައިވާ ބިދޭސީ ކުޅުންތެރިން މިހާރު ވަނީ ޓީމާ ގުޅިފަ އެވެ. އިންމަ ބުނީ ރާއްޖޭގައި ކުޅެފައި ތިބި ބިދޭސީ ކުޅުންތެރިން ލިބެން އޮތުމުން އެގޮތް ކްލަބުން ބޭނުންވީ ކަމަށެވެ.
ކުރީގެ ޕްރެސް ކޮންފަރެންސްގައި ވެސް އިންމަ ބުނެފައިވަނީ އެ ކްލަބުގެ މި ސީޒަނުގެ އަމާޒަކީ މިދިޔަ ސީޒަނުގައި ނުދެވުނު ޓާގެޓް ކަމަށްވާ ގަދަ ހަތަރަކަށް އަރަން އަލުން މަސައްކަތް ކުރުން ކަމަށެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންމަ ވަނީ އެ ބުނުން ތަކުރާރުކޮށްފަ އެވެ.
“އަޅުގަނޑުމެންގެ މިދިޔަ ސީޒަނުގައި ވެސް މި ސީޒަނުގައި ޓާގެޓަކީ ގަދަ ހަތަރަކަށް އެރުން. އެ ޓާގެޓަށް ވާސިލްވުމަށްޓަކައި އަޅުގަނޑުމެން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެތިބީ މަސައްކަތްކުރަން ތައްޔާރަން” ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން އިންމަ ބުންޏެވެ.
ލީގުގައި ޓީސީ އާއި ދަ ގްރާންޑޭ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.
Advertisement


Leave a Reply