ފުރިހަމަ ތާއީދާ އެކު އެމްބީއޭގެ ރައީސްކަމަށް އާދަމް އިންތިހާބުކޮށްފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބު ފުރިހަމަ ތާއިދާ އެކު ކާމިޔާބުކުރައްވައި އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އަހުމަދު އާދަމް (އެޑަމް) އިންތިހާބުކޮށްފި އެވެ.
އެމްބީއޭގެ އިންތިހާބު ބޭއްވީ އިއްޔެ ހަވީރު ސޮލައިޓް ރެސްޓޯރެންޓްގަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 23 ކްލަބަކަށް ލިބިފައިވާއިރު ވޯޓުގައި ބައިވެރިވީ 21 ކްލަބަކުންނެވެ. ވޯޓުގައި ބައިވެރިނުވަނީ ނިއުޓްރަލް ސްޕޯޓްސް ކްލަބާއި ޑަބްލިއު ސްޕޯޓްސް އެކެޑަމީ އިންނެވެ. އިންތިހާބުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި އާދަމް ރައީސްކަމަށް ހަމަޖައްސަން ސަތޭކަ އިންސައްތަ ވޯޓު ވަނީ ލިބިފަ އެވެ. އާދަމް އެމްބީއޭގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތްއިރު އޭނާގެ ނަން ހުށަހެޅީ ޓީރެކްސް ބާސްކެޓްބޯލް ކްލަބުންނެވެ.
2024 ވަނަ އަހަރުގެ ނިޔަލަށް އެމްބީއޭގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އާދަމްގެ ލީޑަޝިޕްގެ ދަށުން އިތުރު ނުވަ މެމްބަރުން އިއްޔެ ވަނީ އިންތިހާބުކޮށްފަ އެވެ. ނައިބު ރައީސްގެ މަގާމަށް ހުސައިން ސުހައިލް ހަމަޖެއްސިއިރު ހަޒާންދާރަކަށް ހޮވުނީ އިސްމާއީލް ނުޖައިމީ އިބްރާހީމް އެވެ. އަމިއްލަ މެމްބަރެއްގެ ގޮތުގައި އަހުމަދު ގާސިމް ހަމަޖެއްސިއިރު ދެން ހިމެނެނީ ފުރިހަމަ މެމްބަރުންގެ ގޮތުގައި ކަނޑައެޅި ފަސް މެމްބަރުންނެވެ. އެއީ އަހުމަދު ނަސީމް އިބްރާހީމް، ހުސައިން ފަޒީލް، ހުސައިން އަމީން، އަހުމަދު ޝާހިދު އަދި ދިޔާނާ އަފީފް އެވެ.
އާ ލީޑަޝިޕުން ރޭ ވަނީ އަހަރީ އާއްމު ޖަލްސާ ބާއްވައިފަ އެވެ. އެ އެސޯސިއޭޝަނުގެ އަމާޒަކީ މި ފެށުނު ދައުރުގައި ބާސްކެޓްބޯޅައިގެ ޑިވެލޮޕްމެންޓް މަސައްކަތްތައް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމެވެ. އެމްބީއޭގެ ރައީސްކަމުގެ މަގާމް އެންމެ ފަހުން ފުރުއްވީ އަހުމަދު މަމްދޫހް (މަންޑޭ) އެވެ. އެހެންނަމަވެސް މިފަހަރުގެ އިންތިހާބުގައި އޭނާ ވާދަކޮށްފައެއްނުވެ އެވެ.
Advertisement


Leave a Reply