ޗެމްޕިއަންކަން ދިފާއުކުރުމުގެ ދަތުރު މާޒިޔާ އިން މޮޅަކުން ފަށައިފި

Advertisement

ޗެމްޕިއަންކަން ދިފާއުކުރުމުގެ ދަތުރު މާޒިޔާ އިން މޮޅަކުން ފަށައިފި

ޢަލީ ޝަހީމް
މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރި މެޗުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އާ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން މާޒިޔާ މޮޅުވެއްޖެ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ ފަސޭހަކަމާ އެކު 4-0 އިންނެވެ.

Advertisement

އަށް ޓީމު ވާދަކުރާ ލީގުގައި ހުރިހާ ޓީމެއް ވެސް ނިސްބަތުން ވަރުގަދަކޮށްފައިވާތީ ޗެމްޕިއަންކަން ދިފާއުކުރުމަށް މާޒިޔާ އިން މޮޅަކުން ސީޒަން ފެށުން މުހިއްމު ކަމަށް މެޗުގެ ކުރިން އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ބުނެފަ އެވެ. މިއަދުގެ މެޗަށް ނުކުތް މާޒިޔާގެ ޓީމުގައި ޗެރިޓީ ޝީލްޑް މެޗުގައި އަނިޔާވި ޑިފެންޑަރު ޕީޓަރ ޕްލަނިޗް ޓީމުގައި ހިމަނާފައެއްނުވެ އެވެ. ޗެރިޓީ ޝީލްޑް މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނު ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ ބަދަލުގައި މިއަދު ފުރަތަމަ އެގާރައިގައި ކުޅުނީ ނާއިޒް ހަސަން (ދާދު) އާއި މުހައްމަދު އުމެއިރު އެވެ. އަދި އެ މެޗުގައި މެދުތެރެއަށް ކުޅުނު ހުސައިން ނިހާން (ނިހާޓް) ގެ ބަދަލުގައި މުހައްމަދު އިރުފާން (އިރޭ) އަށް ފުރަތަމަ އެގާރައިން ކޯޗު ވަނީ ފުރުސަތުދީފަ އެވެ. ޔުނައިޓެޑް ވިކްޓްރީ އިން ވަނީ އެޓީމަށް ގެނައި ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންނަށް ފުރުސަތުދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ގިނަ ހަމަލާތަކެއް ޔުނައިޓެޑް ވިކްޓްރީގެ ގޯލަށް ފޮނުވާލައިފަ އެވެ. އެކަމަކު ދާދު އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފި އުޅެނިކޮށް އެޓީމަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުމެއިރު އެވެ. އަރިމަތިން ފޭދޫ އިއްބެ ނަގައިދިން ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރުންގެ ބޯމަތިން ގޮސް އުމެއިރު އަށް ލިބުމުން ގޯލަށް ފޮނުވާލީ ތިރިތިރިންނެވެ. މާޒިޔާއިން މެޗުގައި ލީޑު ފުޅާކުރީ 40 ވަނަ މިނެޓުގައި ކޯނަރަކުން ޑިފެންޑަރު އަމްދާން އަލީ ބޮލުން ޖަހައިދިން ގޯލުންނެވެ. މާޒިޔާއިން ގާތްގާތުގައި ދެ ގޯލު ޖެހުމުން ޔުނައިޓެޑް ވިކްޓްރީން ވަނީ އަހުމަދު ނިޒާމް (ނިޒާމްބެ) ގެ ބަދަލުގައި އަލީ ހައިޝަމް (ޗުންޕު) ކުޅެން އަރުވައިފަ އެވެ. މި ހާފުގައި ޔުނައިޓެޑް ވިކްޓްރީއަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއްނުވެ އެވެ. އެކަމަކު ފުރަތަމަ ހާފުގެ ކުރީކޮޅު ބިދޭސީ ފޯވާޑް ވްލަސިޗޭވް އަނަޓޯލީ ފޮނުވާލި ބޯޅައެއް މާޒިޔާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މެޗުގެ ދެ ވަނަ ހާފު މާޒިޔާއިން ފެށީ ފުރަތަމަ ހާފުގެ ފަހުކޮޅު އަނިޔާވި ފޭދޫ އިއްބެގެ ބަދަލުގައި ހަމްޕު އަރުވައިގެންނެވެ. މި ހާފުގެ ކުރީކޮޅު ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށެވެ. އެކަމައެކު ހުސްކޮށް ހުރެ އަސަދުﷲ ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ދެ ގޯލު ފަހަތުގައި އޮތުމުން ޔުނައިޓެޑް ވިކްޓްރީން މި ހާފުގައި ބޮޑަށް ކުޅުނީ އެޓޭކަށް ވިސްނައިގެންނެވެ. މެޗުގައި މާޒިޔާގެ ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އެވެ. މިއީ ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އުމެއިރު އަށް ކުރި ފައުލަކަށް ރެފްރީ މުހައްމަދު ޖާވިޒް ދިން ޕެނަލްޓީއެކެވެ. މެޗުގެ 71 ވަނަ މިނެޓުގައި މާޒިޔާގެ ހަތަރު ވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އަސަދުﷲ އެވެ. މިއީ ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ރުސްލާން އަމިރޯވް ފޮނުވާލި ބޯޅައެއް އެޓީމުގެ ބިދޭސީ ޑިފެންޑަރުގެ ފައިގައި ޖެހިފައި ހުސްކޮށް އޮތް އަސަދުﷲ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށް ފަހު އަސަދުﷲގެ ބަދަލުގައި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް މާޒިޔާއިން ވަނީ ކުޅެން އަރުވައިފަ އެވެ. މިއަދުގެ މެޗުގައި ޖެހި ދެ ލަނޑާ އެކު 2012 ވަނަ އަހަރު މާޒިޔާ އަށް ބަދަލުވި އަސަދުﷲ އެ ކްލަބަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 155 އަށް އަރައިފަ އެވެ.

މެޗުގެ ފަހުކޮޅު މާޒިޔާ އަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބިފަ އެވެ. ހަތަރު ގޯލުގެ ފަހަތުގައި އޮތް ޔުނައިޓެޑް ވިކްޓްރީ ޓީމުން މެޗުގައި ލަނޑެއް ޖަހަން މަސައްކަތް ކުރިނަމަވެސް މާ ރަނގަޅު ހަމަލާއެއް އެޓީމަށް އުފެއްދޭގޮތެއްނުވި އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓެ) އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ ވާދަކުރާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *