އެނބުރި އައުމުން ވެލެންސިއާ އިން ދަގަނޑޭއަށް ހައްގު މަގާމު ދީފި

ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ވެލެންސިއާގެ ކެޕްޓަނަކަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައިފި އެވެ.
ކެޕްޓަނަކަށް ދަގަނޑޭ ހަމަޖެއްސިއިރު މި ސީޒަނުގެ އެ ކްލަބުގެ ވައިސް ކެޕްޓަންކަން ކުރާނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އެވެ.
އުމުރުން އެންމެ 16 އަހަރުގައި 2001 ވަނަ އަހަރު ދަގަނޑޭ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ ވެލެންސިއާ އިންނެވެ. އެ އަހަރުގެ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތުގައި ގަލޮޅު ދަނޑަށް ތައާރަފްވެ ދަގަނޑޭ ވަނީ 2005 ވަނަ އަހަރާއި ހަމައަށް ވެލެންސިއާ އަށް ކުޅެފަ އެވެ. އެ މުއްދަތުގައި ކްލަބަށް ކުޅެދިން 109 މެޗުގައި 104 ލަނޑު ދަގަނޑޭ ޖެހި އެވެ. ވެލެންސިއާގެ ޖާޒީގައި ދަގަނޑޭ ވަނީ ލީގު ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައި ކަޕް ވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
Ali Ashfaq (Dhagadey) has been installed as captain of Valencia for the up coming season 2020-2021.
he will be assisted by vice-captain Akram Abdul Ghani.#wheredreamscometrue @AliAshfaq07 @AkramGhanee pic.twitter.com/VBnno4yhlg— Club Valencia (@ClubValencia) December 12, 2020
ދަގަނޑޭ އާއި އަކްރަމްގެ އިތުރުން ވެލެންސިއާ އިން ވަނީ ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ސޮއި ހޯދާފަ އެވެ. މީގެ އިތުރުން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެލެންސިއާ އިން ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސައިން ނިޒާޔް (ބޮކުރީ) ވެސް ވެލެންސިއާގެ ޓީމުން ފެންނާނެ އެވެ. މި ކުޅުންތެރިންގެ އިތުރުން މިދިޔަ ސީޒަނުގެ ފަހުކޮޅު މާޒިޔާ އަށް ކުޅުނު މުހައްމަދު ސާމިރު އާއި މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު އިމާޒް (އާއްކު) އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު އަލީ ސަމްދޫހް މުހައްމަދު ވަނީ ވެލެންސިއާއާ ގުޅިފަ އެވެ. އެޓީމުގެ ކޯޗަކަށް ހުންނާނީ މިދިޔަ ސީޒަނުގެ ކުރީކޮޅު ޓީސީ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން މުހައްމަދު އާތިފް (އާތީ) އެވެ.
ދަގަނޑޭ ވެލެންސިއާގެ ކެޕްޓަނަކަށް ހަމަޖެއްސިއިރު ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުން ވަނީ އާ ސީޒަނަށް ހަމަޖެއްސި ކެޕްޓަނުންނާއި ވައިސް ކެޕްޓަނުން އިއުލާންކޮށްފަ އެވެ. މާޒިޔާގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ މިދިޔަ ހަ ސީޒަނުގައި އެޓީމުގެ ކެޕްޓަންކަން ކުރި ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ. އެޓީމުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހައްމަދު އުމެއިރު އާއި މުހައްމަދު އިރުފާން އާއި އަލީ ސަމޫހް (ސަމުއްޓޭ) އަދި ހަސަން ޝިފާޒް އެވެ. ކްލަބް އީގަލްސްގެ ކެޕްޓަންކަން މި ސީޒަނުގައި ވެސް ކުރާނީ ޑިފެންޑަރު ހަސަން ޝިފާއު ޔޫސުފް (ކުރޯ) އެވެ. އީގަލްސްގެ ވައިސް ކެޕްޓަނުންނަކީ އިމްރާން ނަޝީދު އާއި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ގްރީން ސްޓްރީޓްސްގެ ކެޕްޓަނަކަށް ރިލްވާން ވަހީދު (ރިލޭ) ހަމަޖައްސާފައިވާއިރު ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަންކަން ކުރާނީ މުހައްމަދު އާރިފް (ބަކާ) އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ހަވީރު ފަށާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާ މެޗުންނެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި އީގަލްސް އެވެ. މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ އެވެ.
Advertisement


Leave a Reply