ހުވަފެން ހަގީގަތަކަށްވި މެޗު ޒައިން ހެދީ ރަނަށް

Advertisement

ހުވަފެން ހަގީގަތަކަށްވި މެޗު ޒައިން ހެދީ ރަނަށް

ޢަބްދުﷲ އަޝްރަފް
ޒައިން (ކ) އޭނާގެ ބޭބެ ރިޒޭއާ އެކު ޗެރިޓީ ޝީލްޑް ހިފައިގެން. އީގަލްސް މޮޅުވުމުގައި މި ދެކުޅުންތެރިންގެ ދައުރު ބޮޑު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮތް އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް އީގަލްސްގެ ފުރަތަމަ އެގާރައިން ޒުވާން ފޯވާޑް ޒައިން ޒަފަރަށް ޖާގަ ލިބުނީ އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ ފަސްޓް ޗޮއިސް އަށް އޭނާ ވެގެންނެއް ނޫނެވެ. އެކަމަކު މިދިޔަ ސީޒަންގައިވެސް އީގަލްސްއަށް ކުޅުނު ރިހާމް ޢަބްދުލް ގަނީ (ބޮބީ) އަށް މެޗުގެ ކުރިން އަނިޔާވުމާއި ގުޅިގެން އޭނާގެ ބަދަލުގައި 17 އަހަރުގެ ޒައިން ވަރުގަދަ މާޒިޔާއާ ދެކޮޅަށް ނެރުނީ މޯހަން އަށް އެ ކުޅުންތެރިޔާގެ ހުނަރާ މެދު ސުވާލެއް ނެތީމަ އެވެ. ފަހަރެއްގައިވެސް ޒައިންގެ ފަރާތުން މެޗުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކުޅުމެއް އެރޭ ފެނިދާނެ ކަމަށް އުއްމީދުކޮށްގެނެއް ނޫނެވެ. އެކަމަކު 0-2 އިން އީގަލްސް ފަހަތުގައި އޮއްވައި މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލީ އެންމެ 16 އަހަރުގައި އީގަލްސް އާ ގުޅުނު ޒައިންގެ އާދަޔާހިލާފު މަސައްކަތުގެ ސަބަބުންނެވެ.

ޗެރިޓީ ޝީލްޑް މެޗު ފެށުމުގެ ކުރިންވެސް ގިނަ ބައެއްގެ ފޭވަރިޓަކަށްވީ މާޒިޔާ އެވެ. އެންމެ ދުރާލާ ސީޒަނަށް ތައްޔާރުވީ އެމީހުން ކަމަށްވީމަ އެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗު އެ ޓީމަށް އިރުޝާދު ދޭންވެސް ހުރީމަ އެވެ. މެޗު ފަށައިގެން މާ ގިނައިރު ތަކެއް ނުވެ ގިނަ ބަޔަކު ހީކޮށްގެން ތިބި ކަންކަން ހަމަ ލޮލަށް ފެންނަން ފެށި އެވެ. މެޗުގެ ދިހަ މިނެޓް ކުޅެ ނުނިމެނީސް މާޒިޔާއިން ދެ ގޯލު ޖެހުމާ އެކު އީގަލްސް މޮޅުވާނެކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއްގައި ޓީވީން މެޗު ބަލަން ތިބި ބައެއް މީހުން މެޗު ބެލުން ހުއްޓާވެސްލި އެވެ. އެކަމަކު މެޗުގެ ފަހު ހާފުގައި އީގަލްސް އިން އުފެއްދި ހަމަލާއެއްގައި ބޭބެ އަހުމަދު ރިޒުވާން (ރިޒޭ) ދިން ބޯޅައެއް ގޯލަށް ވައްދާލައި ޒައިން އީގަލްސްގެ ސަޕޯޓަރުންނަށް އުއްމީދެއް ގެނެސްދިނެވެ. އެއަށްފަހު ދެން ފެނުނީ އީގަލްސް އިން އަނެއްކާވެސް ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި ތަނެވެ. އެއާއެކު ދެން ފެނުނީ މާލެ އަތޮޅުގެ ކުޑަކުޑަ ރަށެއް ކަމަށްވާ ދިއްފުށްޓަށް އުފަން ޒައިން އީގަލްސް އަށް ޕެނަލްޓީއެއް ހޯދައިދިން ތަނެވެ. މެޗުން މޮޅުވެ ފުރަތަމަ ފަހަރަށް ޗެރިޓީ ޝީލްޑް އީގަލްސް އަށް އުފުލާލަން ފުރުސަތު ލިބުނީ މިއަހަރުގެ ކުރީކޮޅު އީގަލްސް އަށް ކުޅެން ފެށި ޒައިން ހޯދި ޕެނަލްޓީ ގޯލަށް ވައްދާލައިގެންނެވެ. މިކަންވީ ކޯޗު މޯހަން އަށްވެސް ލިބުނު ބޮޑު ހައިރާންކަމަކަށެވެ.

“ޒައިންގެ ހުނަރުހުރިކަން އެނގޭ އިނގޭތޯ. ދެން ޕްރެކްޓިހުންވެސް ފެނޭ އެ ހުނަރު. އެކަމަކު އުއްމީދެއް އެކީއެއް ނުކުރަން އެހާ ޅައުމުރުގަ އެކަހަލަ ޕްރެޝަރ މެޗެއްގަ އެވަރަށް ޕާފޯމްކުރާނެ ކަމަކަށް ނުވަތަ ކުރެވިދާނެ ކަމަކަށްވެސް އުއްމީދެއް ނުކުރަން. އެއީ ހުނަރު ނެތިގެނެއް ނޫން. އާއްމުކޮށް ޕްރެޝަރަށް ހޭނެން ގިނަ ކުޅުންތެރިންނަށް ވަގުތު ނަގާތީ. އެކަމަކު ޒައިން ފެނުނީ އެއާ ހިލާފަށް. ބައިގަޑިއެއްހާއިރު ބޭނުންވީ ގާތްގަޑަކަށް މެޗުގެ އެ ޕްރެޝަރަށް ހޭނެން. ނޫނީ އޭގެ ތެރެއަށް ވަދެ ހަމައަކަށް އެޅެން. އޭގެ ފަހުން ފެނުނީ ހަމަ ޕްރެކްޓިހުގަ އުޅޭ ޒައިން ހަމަ ވަރަށް ބޮޑަށް ފެނިގެން ދިޔައީ. އެ ރަންތަކާ އެއްޗެހި، ވަރަށް ހިތްހަމަޖެހޭ. ރަންތަކާ އެޓޭކަށް ދާއިރުގަ އެ ޖަހާ ޕާސްތަކާ ވަންޓަޗް ޕާސްތަކާ އެއްޗެހި ވަރަށް ރަގަޅަށް ފެނިގެން ދިޔައީ” ސީޒަން ހުޅުވި މެޗުގައި ޒައިންގެ ފަރާތުން ފެނުނު ކުޅުމާ ބެހޭ ގޮތުން “ފަހުމިނެޓް” އާ ވާހަކަދައްކަމުން މޯހަން ބުންޏެވެ.

ޒައިން އީގަލްސްގެ ކޯޗު މޯހަންއާ އެކު ޝީލްޑް ހިފައިގެން. ޝީލްޑް މެޗަކީ އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޒައިން ކުޅުނު ފުރަތަމަ މެޗު

ޒައިން އެންމެ ކުޑައިރުއްސުރެ ފުޓްބޯޅައިގައި ނަމޫނާއަކަށް ބަލަމުން އައީ އީގަލްސްގެ އެންމެ އިތުބާރު ފޯވާޑް އަދި ޒައިންގެ ދެބެންގެ ދެދަރި ބޭބެ ރިޒޭ އެވެ. ރިޒޭ ދިޔައީ ޒައިން ފުޓްބޯޅައަށް ޝައުގުވެރިވެގެން އެކަން ކުރަން ފެށީއްސުރެ ޒައިން އަށް އެހީތެރިވަމުންނެވެ. ރަށު ޓީމުގެ ޕްރެކްޓިސްއަށް ރިޒޭ ދާއިރު ޒައިން އެތަނަށް ގެންގޮސް ބޯޅައެއް ދީފައި ކުޅެން ބަހައްޓަ އެވެ. މޮޅު ކުޅުންތެރިޔަކަށް ޒައިން އަށް ވެސް ވެވޭނެކަމުގެ އުއްމީދާއި އިތުބާރު ރިޒޭ އޭނާއަށް ދިނެވެ. އެންމެ ފަހުން ޒައިން ރޮލާ ހުއްޓާ އީގަލްސްގެ ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތު ހޯދައިދިނީ ވެސް ރިޒޭ އެވެ. އެއާއެކު ފުޓްބޯޅައިގައި ޒައިންގެ މިސްރާބަކަށްވީ ރިޒޭގެ ފިޔަވަޅެވެ. ސީޒަން ހުޅުވި މެޗުގައި ރިޒޭއާ އެކު އީގަލްސްގެ ފުރަތަމަ އެގާރައިގައި ކުޅުން ފުރުސަތު ލިބުން ވީ ޒައިންގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އެކަމަކު ޒައިން އަށް ގަބޫލުކުކުރަން ދަތިވި އެއް ކަމެއް އޮތެވެ.

“އަބަދުވެސް އުއްމީދު ކުރަމުން އައި ކަމެއް ބޭބެއާ އެކު ފުރަތަމަ އެގާރައިގައި ކުޅުން. އެކަމަކު އެއްވެސް އިރަކު ހިތަކަށް ނާރާ ބޭބޭއާ އެކު ފުރަތަމަ އެގާރައިގައި ކުޅެން ލިބޭ ފުރަތަމަ މެޗުގައި މިވަރުގެ ނަތީޖާއެއް ނެރެވިދާނެ ކަމަކަށް. އަސްލު ވަރަށް އުފާވި. މެޗު ނިމުމުން ބޭބެ ވެސް ވަރަށް ހިތްވަރު ދިން” ޗެރިޓީ ޝީލްޑް މެޗުގެ ތަޖުރިބާއާ ގުޅޭގޮތުން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ޒައިން ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗު ނިމުމާ އެކު ޒައިން އަށް އެތައް ބަޔަކު މަރުހަބާކި އެވެ. ޓީމުގެ މެނޭޖްމަންޓްގެ އިސް ފަރާތްތަކާއި، ކޯޗާއި ކުޅުންތެރިން ޒައިންގެ މަސައްކަތުގެ އަގު ވަޒަންކުރި އެވެ. އާއިލާގެ މެންބަރުންނާއި، ރައްޓެހިން ފޯނުން ގުޅައި އުފާވެރި ބަސްތައް އިއްވި އެވެ. ސޯޝަލް މީޑިއާގައި ޒައިން ޓެގްކޮށް އޭނާ ދަންނަ އެތައް ބަޔަކު ތައުރީފު ބަސްތައް އޮއްސި އެވެ. އެހުރިހާ ކަމަކުން ޒައިން އަށް ލިބުނު ހިތްވަރާއި، އިތުބާރާއެކު އޭނާގެ އުއްމީދުތައް މިހާރު ހުރީ އުހުގަ އެވެ.

“އުއްމީދަކީ ގައުމީ ޓީމުން ފުރުސަތު ލިބުން” ޒައިންގެ މިހާރުގެ އަމާޒު ވަރަށް ކުރުކޮށް ބުނެދިނެވެ.

ޒައިން އީގަލްސްގެ ޖާޒީގައި ފުރަތަމަ މެޗު ކުޅެނީ. ޖެނުއަރީ މަހު ކުޅުނު މި މެޗުގައި ށ. ފޯކައިދޫ ކޮޅަށް ޒައިން ދެ ގޯލު ޖެހި. – ފޮޓޯ: އެފްއޭއެމް

ކާމިޔާބީއެއް ލިބޭ ވަގުތުގައި ވަރަށް ގިނަ ބަޔަކު ބުނާ އެއް ވާހަކައެއް އޮވެއެވެ. ކާމިޔާބީއެއް ހޯދުމަށްވުރެ އުނދަގޫ ކަމަކަށް ވާނީ އެ ކާމިޔާބެއް ތަކުރާރުކުރުން ނުވަތަ ދެމެހެއްޓުމެވެ. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ގިނަވެފައި ބުރަވީމަ އެވެ. ޒައިން އަކީ އަދި ކުޑަކުއްޖަކަށްވެފައި ކޯޗު މޯހަންގެ ހިތުގައި ޒައިންއާ މެދު ޝައްކެއް އޮތް ހަމައެކަނި ކަމަކީ އެއީ އެވެ. މި ސަބަބާ ހުރެ މޯހަން ޒައިންއަށް މިދަނޑިވަޅުގައި ދޭން ބޭނުންވާ މުހިއްމު މެސެޖެއް އެބައޮތެވެ.

“މީގަ ޒައިން އަށް އެންމެ މުހިއްމު ކަމަކީ ޑިސިޕްލިން. އަދި އެންމެ 17 އަހަރު ޒައިން އަށް. ދެން މިހެން އައިސް މަޝްހޫރުކަމުގެ ތެރެއަށް ވެއްޓޭ އިރުގަ ވަރަށް ގިނަ ކަންކަން ކުރިމައްޗަށް އަންނާނެ. އެކަންކަން އަންނައިރުގަ އެއިން ސަލާމަތްވާނެ ގޮތްތަކާއި، ރަގަޅު މަގާއި، ރަގަޅު ރައްޓެހިންނާއި، އުޅެންވާ ގޮތާއި ހޯދައިގެން އުޅެން އެނގުން އެއީ ވަރަށް މުހިއްމު ކަމެއް. މަޝްހޫރުވުމަކީ ނުވަތަ ކާމިޔާބެއް އެއްފަހަރު ހޯދުމަކީއެއް ނޫން އުނދަގޫ ކަމަކީ. އުނދަގޫ ކަމަކީ އެއެއްޗެއް ދިގުދެމިގެން ކެރިއަރެއް ނިމެންދެން ނުވަތަ ކެރިއަރުގެ ބޮޑުބައި އެގޮތަށް ހިފެހެއްޓުން. އެއީ އެންމެ ބޮޑު ޗެލެންޖަކަށް ޒައިންއަށް ވާނެ ކަމަކީ” ގައުމީ ޓީމު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތަށި ހޯދިއިރު ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި މޯހަން ބުންޏެވެ.

އެކަމަކު އެއާއިއެކު ވެސް މޯހަން އަށް ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. އެކަންކަމަށް ފަރުވާތެރިވެގެން ޒައިން ކުރިއަށްދާން މަސައްކަތްކޮށްފިނަމަ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޒައިން ހިމެނޭނެ ކަމެވެ. ދެން އޮތީ ޒައިން ކަންކުރާ ގޮތެއް ބެލުމެވެ. “ފަހުމިނެޓް” ގެ ފަރާތުން އެދެނީ ޒައިން އަށް އިތުރު ކާމިޔާބީ އާއި ކުރިއެރުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *