ވޯލްޑް ކަޕަށް ތައްޔާރުވާން ގަތަރު ޓީމް ޔޫރަޕްގައި ވާދަކުރަނީ

Advertisement

ވޯލްޑް ކަޕަށް ތައްޔާރުވާން ގަތަރު ޓީމް ޔޫރަޕްގައި ވާދަކުރަނީ

ޢަލީ ޝަހީމް

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން އެ މުބާރާތަށް ކޮލިފައިވެފައިވާ ގަތަރު ފުޓްބޯޅަ ޓީމު ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕެއްގައި ވާދަކުރުމުގެ ފުރުސަތު ޔޫއެފާއިން ގަތަރަށް ދީފި އެވެ.

ޔޫއެފާއިން ގަތަރަށް ފުރުސަތު ދިނީ ޔޫރަޕް ކޮލިފައިންގެ ގްރޫޕް އޭގައި ވާދަކުރުމަށެވެ. މި ގްރޫޕްގައި ހިމެނެނީ ޕޯޗުގަލް އާއި ސާބިއާ، ރިޕަބްލިކް އޮފް އަޔަލެންޑް އަދި ލަގްޒެމްބާގް އިތުރުން އަޒަރުބައިޖާން އެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން 2022 ގެ ވަނަ އަހަރުގެ ވޯލްޑް ކަޕުން މިހާރުވެސް ފުރުސަތު ލިބިފައިވާތީ އެ ގްރޫޕްގައި ގަތަރު ކުޅޭ މެޗުތަކުގެ ނަތީޖާ ނުގުނާނެ އެވެ. އެހެންވެ ގަތަރު ކުޅޭ ހުރިހާ މެޗެއް ވެސް ހަމަޖައްސާފައިވަނީ ރަހްމަތްތެރިކަމުގެ މެޗުތަކެއްގެ ގޮތުގަ އެވެ.

ގްރޫޕް އޭގެ ގައުމުތަކާ ދެކޮޅަށް ގަތަރުގެ އަމިއްލަ ދަނޑުގައި ކުޅެންޖެހޭ މެޗުތައް ކުޅުމަށް ޔޫއެފާއިން ނިންމާފައިވަނީ ޔޫރަޕްގަ އެވެ. އެއީ ކޮލިފައިންގައި ވާދަކުރާ ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމުގައި ލުއި ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.

ގަތަރަކީ މިދިޔަ އަހަރު އޮތް އޭޝިއަން ކަޕް ކާމިޔާބުކުރި ގައުމެވެ. އެޓީމު އޭޝިއާގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޖަޕާން 1-0 އިން ބަލިކޮށްގެންނެވެ. ޔޫއެފާއިން ދިން ފުރުސަތާ އެކު ވޯލްޑް ކަޕްގެ ކުރިން ޔޫރަޕްގެ ގައުމުތަކާ އެކު 10 މެޗު ކުޅުމުގެ ފުރުސަތު ގަތަރަށް ލިބޭނެ އެވެ.

ގަތަރު ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮޕާ އެމެރިކާގައި ވެސް ވާދަކޮށްފައިވާ ގައުމެކެވެ. ހާއްސަ ހުއްދައިގެ ދަށުން ދިން ފުރުސަތެއްގައި އެ ގައުމު އެންމެ ފަހުން ވާދަކުރި ކޮޕާ އެމެރިކާ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު ޕޮއިންޓެއް ވަނީ ހޯދައިފަ އެވެ. ގަތަރު ވާދަކުރީ އާޖެންޓީނާ އާއި ކޮލަމްބިއާ އަދި ޕެރަގުއޭ ހިމެނުނު ގްރޫޕްގައި މިދިޔަ އަހަރު އެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ 2021 ވަނަ އަހަރު އޮންނަ ކޮޕާ އެމެރިކާ މުބާރާތުން ވެސް ގަތަރަށް ފުރުސަތުދީފަ އެވެ.

2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވި ފްރާންސަށް ވެސް ޔޫއެފާއިން ވަނީ ކޮލިފައިން ގްރޫޕެއްގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމުގެ ފުރުސަތުދީފަ އެވެ. އެކަމަކު ގަތަރު ވެގެންދާނީ ޔޫރަޕް ނޫން ގައުމަކުން ޔޫއެފާގެ މުބާރާތެއްގެ ގްރޫޕެއްގައި މެޗުތައް ކުޅޭނެ ފުރަތަމަ ގައުމަކަށެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގައި ގަތަރު އޮތީ 55 ވަނައިގަ އެވެ. އެގައުމުގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ގިނަ ތައްޔާރީތަކެއްވަމުން އަންނައިރު އެ ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުން ގަތަރު ފެނިގެންދާނެ ފުރަތަމަ ފަހަރަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *