އެއްވަނައަށް ވާދަކުރި މެޗުގައި ރޮނާލްޑޯ މެސީގެ ވިދުން ފަނޑުކޮށްލައިފި

Advertisement

އެއްވަނައަށް ވާދަކުރި މެޗުގައި ރޮނާލްޑޯ މެސީގެ ވިދުން ފަނޑުކޮށްލައިފި

ޢަބްދުﷲ އަޝްރަފް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް ޖީގެ ފަހު މެޗުގައި ބާސެލޯނާ އާއި ޔުވެންޓަސް ވާދަކުރި މެޗުގައި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލު ޖަހައި އެ ޓީމު މޮޅުކޮށްދީފި އެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗެ 0-3 އިން ޔުވެންޓަސް ކާމިޔާބުކުރުމާއެކު ހެޑް ޓު ހެޑް ނަތީޖާއަށް ބަލައި ގުރޫޕްގެ އެއްވަނަ ޔުވެންޓަސް އަށް ވަނީ ލިބިފަ އެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑަކީވެސް ޔުވެންޓަސް އަށް ލިބުނު ދެ ޕެނަލްޓީ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ދެ ލަނޑެވެ. މެޗުގައި ބާސެލޯނާއަށް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އެކަނިވެސް ހަތް ހަމަލާއެއް ޔުވެންޓަސް ގެ ގޯލަށް ފޮނުވާލި އެވެ. އެކަމަކު ރޭގެ މެޗުގައި މެސީގެ މަސައްކަތް ނާކާމިޔާބުކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ މެސީ އަށްވުރެ އުމުރުން ނުވަ އަހަރު ދޮށި ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަން ލުއިޖީ ބުފޮން އެވެ. ރޭގެ މެޗުގައި މެސީ ފޮނުވާލި ގިނަ ހަމަލާތަކެއް ބުފޮން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ބާސެލޯނާ އާއި ޔުވެންޓަސް ރޭ ވާދަކުރި މެޗަކީ 2018 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ރޮނާލްޑޯ އާއި މެސީ އެކަކު އަނެކާކާ ދެކޮޅަށް ކުޅޭތަން ފެނުނު ފުރަތަމަ މެޗެވެ. މިދެ ޓީމު ގްރޫޕް ސްޓޭޖްގައި ވާދަކުރި ފުރަތަމަ މެޗުގައި ބާސެލޯނާއިން ޔުވެންޓަސްގެ މައްޗަށް 0-2 އިން ކުރި ހޯދި އިރު މެސީ ކުޅެފައިވީ ނަމަވެސް ކޯވިޑް ޖެހިފައި ހުރުމުގެ ސަބަބުން އެ މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.

ރޭގެ މެޗަކީ މިހާތަނަށް މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުން ފެނުނު 36 ވަނަ މެޗެވެ. މި ދެ ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ދެ ކުޅުންތެރިންނަށް ވާއިރު ޗެމްޕިއަންސް ލީގުގައިވެސް އެ ވާދަވެރިކަން އައީ ފެންނަމުންނެވެ. މިހާތަނަށް ޗެމްޕިއަންސް ލީގު ތަށި ފަސް ފަހަރު އުމުރުން 35 އަހަރުގެ ރޮނާލްޑޯ ހޯދައިފައިވާއިރު މެސީ ވަނީ ހަތަރު ފަހަރު އެ ތަށި ކާމިޔާބުކޮށްފަ އެވެ. އަދި މި ދެކުޅުންތެރިން ޗެމްޕިއަންސް ލީގުގައި ޖަހައިފައިވާ ގޯލުގެ އަދަދު ވަނީ 252 އަށް އަރައިފަ އެވެ.

މެސީ އާ ދެކޮޅަށް ރޭ ރޮނާލްޑޯ ކުޅުނު މެޗުން އޭނާ އަށް ކުރި ލިބުނުއިރު މި މެޗު އޭނާއަށް ހާއްސަވާ އެހެން ސަބަބެއްވެސް އެބަ އޮތެވެ. ރޭގެ މެޗަކީ މެސީ ދަނޑުމަތީގައި ކުޅެން ހުއްޓައި ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކޮޅަށް ރޮނާލްޑޯ ގޯލު ޖެހި ފުރަތަމަ މެޗެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *