ލައިޕްޒިގު އަތުން ބަލިވެ ޔުނައިޓެޑް ޔޫރޮޕާ ލީގަށް

Advertisement

ލައިޕްޒިގު އަތުން ބަލިވެ ޔުނައިޓެޑް ޔޫރޮޕާ ލީގަށް

ޢަބްދުﷲ އަޝްރަފް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ޖަރުމަނުގެ އާރުބީ ލައޕްޒިގު އަތުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ. ޖަރުމަނުގައި ރޭ ކުޅުނު ގްރޫޕްގެ އެންމެ ފަހު މެޗުގައި ލައިޕްޒިގު އަތުން 2-3 އިން ބަލިވެ ޔުނައިޓެޑް ތިންވަނައަށް ވެއްޓުމާއެކު އެ ޓީމު ދެން ވާދަކުރަންޖެހޭނީ ޔޫރޮޕާ ލީގުގައެވެ.

ރޭގެ މެޗަށް ޔުނައިޓެޑް ނުކުތްއިރު ދެވަނަ ބުރުގެ ޖާގަ އެއް ކަށަވަރު ކުރުމުގެ ފުރުސަތު ލައިޕްޒިގަށްވުރެ ބޮޑަށް ހުޅުވިފައި އޮތީ ޔުނައިޓެޑަށެވެ. މެޗު އެއްވަރު ކޮށްލައިގެން ވެސް މުބާރާތުގެ ޖާގައެއް ކަށަވަރުކުރެވެން އޮތް ޔުނައިޓެޑަށް ފުރުސަތު ގެއްލުނީ މެޗުން ބަލިވުމުގެ އިތުރުން ރޭ އެ ގުރޫޕްގައި ކުޅެވުނު އަނެއް މެޗު 1-1 އިން އެއްވަރުވެފައި އޮތުމުންނެވެ. ފްރާންސްގެ ޕީއެސްޖީ އާއި ތުރުކީގެ އިސްތަންބޫލް ޕެރިހުގައި ވާދަކުރި މެޗު 0-0 އިން އެއްވަރުވެފައިވަނިކޮށް މެޗުގެ އޮފިޝަލަކު އިސްތަމްބޫލްގެ އޮފިޝަލަކަށް ނަސްލީ ގޮތުން ދިމާކުރިކަމުގެ ތުހުމަތުތަކެއް ކޮށް އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން އެ ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބުމާއެކު ހުއްޓާލައިފަ އެވެ.

Advertisement

މެންޗެސްޓަރ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި އިތުރަށް ކުރިއަށްދެވޭނެ ހުރިހާ ދޮރެއް ބަންދުވިއިރު އެ ޓީމު މުބާރާތް މިފަހަރު ފެށީ ވަރަށް ވަރުގަދަކޮށެވެ. ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ޕީއެސްޖީ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗް 2-1 އިން ކާމިޔާބުކޮށް އޭގެ ފަހުން އާރުބީ ލައިޕްޒިގާ ދެކޮޅަށް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-5 އިން ކާމިޔާބުކުރުމާއެކު ގްރޫޕްގެ ފޭވަރިޓުންނަކީ ޔުނައިޓެޑް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރިއެވެ. އެކަމަކު ގުރޫޕް ސްޓޭޖްގެ ތިންވަނަ މެޗުގައި އިސްތަންބޫލް އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން 1-2 އިން ބަލިވުމާއެކު ޔުނައިޓެޑާ މެދު ގިނަ ބަޔަކު ދެކެމުން އައި ގޮތް ބަދަލުވި އެވެ. އެއާއެކު ޔުނައިޓެޑަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 1-3 އިން ބަލިވުމުންނެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅުނު ލައިޕްޒިގާ ދެކޮޅަށް ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ލައިޕްޒިގުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ފުރަތަމަ 15 މިނެޓްގެ ތެރޭގަ އެވެ. މެޗު ފަށައިގެން ދެވަނަ މިނެޓްގެ ތެރޭގައި އެންޖެލީނޯ ލައިޕްޒިގަށް ލީޑު ނަގައިދިންއިރު އޭގެ އެގާރަ މިނެޓް ފަހުން އެ ޓީމަށް ދެވަނަ ގޯލެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ ސްޕެއިންގެ އެންޖެލީނޯ ދިން ބޯޅައަކުން އަމަޑޫ ހައިދަރާ އެވެ. އެންޖެލީނޯ އަކީ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑާ އެންމެ ވާދަވެރި މެންޗެސްޓަރ ސިޓީން ލައިޕްޒިގަށް ދޫކޮށްފައިވާ ކުޅުންތެރިއެކެވެ. ލައިޕްޒިގުން ދެ ލަނޑު ޖަހައި ކުރި ހޯދައިފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ޔުނައިޓެޑްގެ ގޯލަށް އިތުރު ބޯޅައެއް ވައްދާލި އެވެ. އެކަމަކު ލައިޕްޒިގުގެ ވިލީ އޯބާން ޔުނައިޓެޑްގެ ގޯލަށް މެޗުގެ 30 ވަނަ މިެޓްގައި  ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަރަށް ބޮޑުތަން ކުޅުން ރަގަޅު ކުރި ނަމަވެސް އަނެއްކާވެސް ގޯލު ޖެހިތަން ފެނުނީ ލައިޕްޒިގުންނެވެ. ލައިޕްޒިގަށް މެޗުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ 69 ވަނަ މިނެޓްގައި ޖަސްޓިން ކިވާޓް އެވެ. ޔުނައިޓެޑް މެޗުގައި ޔުނައިޓެޑުންޖެހި ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑެސް އެވެ. އޭގެ ދެ މިނެޓް ފަހުން ޔުނައިޓެޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *