އޭސީ މިލާން އިޓާލިއަން ލީގުގެ އެއްވަނައިގައި އުދުހެނީ

Advertisement

އޭސީ މިލާން އިޓާލިއަން ލީގުގެ އެއްވަނައިގައި އުދުހެނީ

ޢަބްދުﷲ އަޝްރަފް

އިޓާލިއަން ލީގުގައި ރޭ ސަމްޕްޑޯރިއާ އާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް މަޝްހޫރު އޭސީ މިލާނުން ޓޭބަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ. ރަށުން ބޭރުގައި ރޭ އޭސީ މިލާނުން ސަމްޕްޑޯރިއާގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ.

ރޭގެ ނަތީޖާއާ އެކު އޭސީ މިލާނަށް މިހާރު ވަނީ ކުޅުނު 10 މެޗުން 26 ޕޮއިންޓް ލިބިފައެވެ. ހަމަ އެއަދަދަށް މެޗު ކުޅެގެން 21 ޕޮއިންޓާ އެކު ދެވަނައިގައި އިންޓަރ މިލާން އޮތްއިރު ތިންވަނައިގައި 20 ޕޮއިންޓާއެކު އޮތީ ނަޕޯލީ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަށްވެސް 20 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން އެ ޓީމު މިވަގުތު އޮތީ ޓޭބަލްގެ ހަތަރު ވަނައިގަ އެވެ.

މިފަހަރުގެ ސީޒަން ފަށައިގެން މިހާތަނަށް ލީގުގެ ހަތަރު ބައިކުޅަ އެއްބައި ނިމިފައިވާއިރު އޭސީ މިލާނުން އަންނަނީ ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓަމުންނެވެ. ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށްފައިވާއިރު އަނެއް ދެ މެޗު ވީ އެއްވަރެވެ. މިއީ 2003 ވަނަ އަހަރުގެ ސީޒަންގެ ފަހުން ލީގު ފަށައިގެން އޭސީ މިލާނުން މިހާތަނަށް ދެމެހެއްޓި އެންމެ ރަގަޅު ރެކޯޑެވެ.

ރޭގެ މެޗުގައި ފެނުނު ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އޭސީ މިލާނުންނެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހުމިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ފްރޭންކް ކެސީ އެވެ. އޭސީ މިލާނަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސަމޫ ކަސްޓިލޭޔޯ އެވެ. ސަމްޕްޑޯރިއާ އަށް މެޗުގައި ސުން ކަނޑުވައިދިނީ އެ ޓީމަށް ލިބުނު ކޯނަރެއްގައި އަލްބިން އެކްޑާލް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *