ޗެލްސީ އެއް ވަނަ އަށް، ޔުނައިޓެޑް އަނެއްކާ ވެސް ފަހަތުން އަރައި މޮޅުވެއްޖެ
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީން ޓޭބަލްގެ އެއްވަނައަށް އެރިއިރު މެންޗެސްޓަރ ޔުނައިޓެޑް ލީގުގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ފަހަތުން އަރައި މޮޅުވެއްޖެ އެވެ. ޗެލްސީން އަމިއްލަ ދަނޑުގައި ލީޑްސްގެ މައްޗަށް 1-3 އިން ކުރި ހޯދިއިރު ވެސްޓްހޭމް ޔުނައިޓެޑާ ވާދަކޮށް ޔުނައިޓެޑް ރަށުން ބޭރުގައި މޮޅުވީވެސް ހަމަ އެ ނަތީޖާއިންނެވެ.
ރޭގެ ނަތީޖާއާއެކު މީހާތަނަށް 11 މެޗު ކުޅެގެން ޗެލްސީން 22 ޕޮއިންޓް ހޯދައިފައިވާއިރު އެއަށްވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ވަނައިގައި މިހާރު އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. މިވަގުތު ޓޭބަލްގެ އެއްވަނައިގައި ޗެލްސީ އޮތް ނަމަވެސް ޓޮޓެންހަމާއި، ލިވަޕޫލް މިރޭ ކުޅޭ މެޗްތައް ކާމިޔާބުކޮށްފި ނަމަ އެ ޓީމު ތިންވަނައަށް ވެއްޓޭނެ އެވެ.
ޗެލްސީން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ރޭ ކުރި ހޯދި މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ލީޑްސް އިން މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށެވެ. މެޗުގެ ލީޑް ހަތަރު ވަނަ މިނެޓްގައި ލީޑްސް އަށް ހޯދައިދިން ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކުރިން ޗެލްސީގައި ފަސް އަހަރު ހޭދަކުރި ޕެޓްރިކް ބެމްފޯޑެވެ. މެޗުގެ ނަތީޖާ ޗެލްސީ އަށް އެއްވަރުކޮށްދިން ލަނޑު 27 ވަނަ މިނެޓްގައި ކާމިޔާބުކުރީ މިފަހަރުގެ ލީގުގައި އަލަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނުކުތް އޮލިވިއޭ ޖިރޫޑް އެވެ.
ސަޕޯޓަރުން ނުވައްދައި ނުވަ މަސްދުވަސް ހޭދަވުމަށްފަހު ދެ ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި ޗެލްސީއަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކުރީ މޭސަން މައުންޓް ނަގައިދިން ކޯނަރެއް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ޑިފެންޑަރު ކާޓް ޒޫމާ އެވެ. މެޗުގައި ޗެލްސީން ޖެހި ތިންވަނަ ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗެވެ.
ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން މިދިޔަ ހަފްތާގައި ސައުތުހެމްޕްޓަން ފަހަތުން އަރައި ބަލިކޮށްފައި ވަނިކޮށް ރޭ ޔުނައިޓެޑުން ވެސްޓްހޭމް ޔުނައިޓެޑްގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދ އިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މި ދެމެޗުވެސް ޔުނައިޓެޑް ކުޅެފައިވަނީ ރަށުން ބޭރުގައި ކަމެވެ. ޔުނައިޓެޑުން ވަނީ މިހާތަނަށް މިފަހަރުގެ ލީގުގައި ރަށުން ބޭރުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފަ އެވެ.
ޔުނައިޓެޑްގެ ކުރީގެ ކޯޗު ޑޭވިޑް މޮޔަސްގެ އިރުޝާދުގެ ދަށުން ކުޅެމުން އައި ވެސްޓްހޭމްއިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވާއިރު އެ ޓީމަށް މެޗުގެ ލީޑް ނަގައިދީފައިވަނީ 38 ވަނަ މިނެޓްގައި ތޯމަސް ސޮސެކް އެވެ. ރޭގެ މެޗުގެ އޮއިވަރު ބަދަލުވީ ދެވަނަ ހާފަށް ޔުނައިޓެޑްގެ ޕޯޗުގަލް ތަރި ބްރޫނޯ ފެނާންޑެސް ކުޅެން ނުކުތް ހިސާބުންނެވެ. ޔުނައިޓެޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑަކީ 65 ވަނަ މިނެޓްގައި ފެނާންޑެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕައުލް ޕޮގްބާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ތިން މިނެޓް ފަހުން ޔުނައިޓެޑްގެ ޑިފެންޑަރު އެލެކްސް ޓެލޭސް ދިން ބޯޅައަކުން އެ ޓީމުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދިނެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ތިން ވަނަ ލަނޑު 78 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ރަގަޅު ކުޅުމެއް ދެއްކި މާކަސް ރެޝްފޯޑެވެ.
Advertisement
Leave a Reply