ނަޕޯލީ ސްޓޭޑިއަމްގެ ނަން މަރަޑޯނާގެ ނަމަށް ބަދަލުކޮށްފި
އިޓަލީގެ ނަޕޯލީގެ ފުޓްބޯޅަ ސްޓޭޑިއަމްގެ ނަން ޑިއޭގޯ މަރަޑޯނާގެ ނަމަށް ބަދަލުކޮށްފި އެވެ.
ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ މަރަޑޯނާ އުމުރުން 60 އަހަރުގައި މަރުވީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އާޖެންޓީނާ އަށް އުފަން މަރަޑޯނާ ކްލަބް ކެރިއަރުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އަށްޑިހައިގެ ފަހުގެ އަހަރުތަކުގައި ނަޕޯލީގަ އެވެ. ނަޕޯލީގައި ހޭދަކުރި ހަތް އަހަރު ދުވަހު މަރަޑޯނާ ވަނީ އެ ކްލަބާއެކު 1987 ވަނަ އަހަރާއި 1990 ވަނަ އަހަރުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން 1987 ވަނަ އަހަރުގެ ކޮޕާ އިޓަލިއާ އާއި 1989 ވަނަ އަހަރުގެ ޔޫއެފާ ކަޕް މަރަޑޯނާގެ އެހީގައި ނަޕޯލީން ހޯދި އެވެ. މަރަޑޯނާ ނަޕޯލީއާ ގުޅުނީ 1984 ވަނަ އަހަރު ބާސެލޯނާ އިންނެވެ. ނަޕޯލީގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ދުވަސްވަރަކީ ވެސް މަރަޑޯނާގެ ޖާދޫ އެ ކްލަބްގައި ދެއްކި ދުވަސްވަރެވެ.
ކުރިން ސްޓާޑިއާ ސަން ޕައޮލޯގެ ނަން ދީފައިވާ ނަޕޯލީ ސްޓޭޑިއަމްގެ ނަން މިހާރު ވަނީ ސްޓާޑިއޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާގެ ނަމަށް ރަސްމީކޮށް ބަދަލުކޮށްފަ އެވެ. ކްލަބްގެ ސްޓޭޑިއަމްގެ ނަން ބަދަލުކުރުމަށް ހުށަހެޅުމުން ނަޕޯލީ ސިޓީ ކައުންސިލުން މިހާރު ވަނީ އެކަމަށް ރުހުންދީފަ އެވެ. ސްޓޭޑިއަމްގެ ނަން މަރަޑޯނާގެ ނަމަށް ބަދަލުކުރަން ނިންމައި ސިޓީ ކައުންސިލަށް އެކަން ހުށަހެޅީ މަރަޑޯނާގެ ކުއްލި މަރަށް ފަހު ނަޕޯލީގެ އޯނަރު އައުރޭލިއޯ ޑި ލައުރެންޓިސް ފޮނުވި ސިޓީއެއްގަ އެވެ. ނަޕޯލީގެ މި ހުށަހެޅުން އެ ސިޓީގެ މޭޔަރު ވެސް ވަނީ ބަލައިގަނެފަ އެވެ.
މަރަޑޯނާގެ މަރާ ގުޅިގެން އެރޭ ނަޕޯލީގެ ސަޕޯޓަރުން ވަނީ އެ ކްލަބްގެ ސްޓޭޑިއަމް ކައިރިއަށް އެއްވެ ހިތާމަފާޅުކޮށްފަ އެވެ. އަދި، ޖެހިގެން އައި ދުވަހު ނަޕޯލީ އިން ކުޅުނު ޔޫއެފާ ޔޫރޮޕާ ލީގު މެޗު ފެށުމުގެ ކުރިން އެޓީމުގެ ކުޅުންތެރިން ދަނޑަށް އެރީ މަރަޑޯނާގެ ނަން ޖަހާފައިވާ ޖާޒީ ލައިގެންނެވެ. އަދި ލަނޑު ޖެހުމަށް ފަހު އެޓީމުގެ ކުޅުންތެރިން ވަނީ މަރަޑޯނާގެ ހަނދާން އާކޮށްފަ އެވެ.
ނަޕޯލީގައި ހޭދަކުރި ކާމިޔާބު އަހަރުތަކުގައި މަރަޑޯނާ ވަނީ އެޓީމަށް ކުޅުނު 188 މެޗުގައި 81 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އާއި ނަޕޯލީގެ އިތުރުން މަރަޑޯނާ ވަނީ ސެވިއްޔާ އަށް ވެސް ކުޅެފަ އެވެ. ފުޓްބޯޅަ ކެރިއަރުގައި މަރަޑޯނާ އެންމެ ބޮޑަށް ވިދާލީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕް ގަ އެވެ. އެ މުބާރާތުގައި ފަސް ލަނޑު ޖަހައި އިތުރު ފަސް ލަނޑު ޖަހަން އެހީތެރިވެދީ މަރަޑޯނާ ވަނީ އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރަން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވެފައެއްނުވެ އެވެ. އާޖެންޓީނާގެ ޖާޒީގައި ހަތަރު ވޯލްޑް ކަޕް ކުޅުނު މަރަޑޯނާ މިދިޔަ މަހު ފަހުކޮޅު މަރުވީ ގޭގައި އޮތްވައި ހިތް ހުއްޓިގެންނެވެ.
Advertisement
Leave a Reply