އަހަރެމެންގެ ކާމިޔާބީގެ ސިއްރަކީ އެކުވެރިކަން: ސަސްގެ ކެޕްޓަން

އެކުގައި އުޅުނު ކުދިންނާ އެކު ގޭދޮށުގައި ފުޓްބޯޅަ ކުޅެން ފަށައި އުފެއްދި ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގެ ސިއްރަކީ އެކުވެރިކަން ކަމަށް އެޓީމުގެ ކެޕްޓަން އަހުމަދު ފަރުހާން (ގައްބެ) ބުނެފި އެވެ.
މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނުން ސަސް ފުރުސަތު ހޯދީ މިއަހަރު ކުރީކޮޅު ނިމުނު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ. 2016 ވަނަ އަހަރު ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ފަށައި އެ މުބާރާތުން ސަސް ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވީ މިދިޔަ ސީޒަނުގަ އެވެ. ތިން ވަނަ ޑިވިޝަނުގައި ތިން އަހަރު ހޭދަކުރިއިރު ދެ ވަނަ ޑިވިޝަނަށް އެޓީމު ކޮލިފައިވީ 2018 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދައިގެންނެވެ.
އިއްޔެ ގަލޮޅު ދަނޑުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަސްގެ ކެޕްޓަން ގައްބެ ބުނީ ކްލަބްގެ ފެށުމަކީ ކުދިންތަކެއް އެއްކޮށްގެން ގޭދޮށުން ފުޓްބޯޅަ ކުޅުން “ސްޓާޓް” ކުރުން ކަމަށެވެ.
“މި ހިސާބަށް މި އާދެވުނީ އެކުވެރިކަން. އެންމެން އެކަތިގަނޑަކަށް ވެގެން ކުރި މަސައްކަތުގެ ނަތީޖާ. ސެކަންޑް ޑިވިޝަނުގައި ވެސް އަނެއްހެން ބުންނަންޏާ ފެށިއިރު އެހާ ބޮޑު ޓާގެޓަކަށް ނޫން ކުޅުނީ. އެކަމަކު ވަކި ހިސާބަކުން އެނގިއްޖެ ޓާގެޓަށް ދެވިދާނެކަން. އަސްލު ބުނަންޏާ ޓީމުގައި ވެސް މިދިޔަ އަހަރު ސެކަންޑް ޑިވިޝަން ކުޅުނުއިރު އިން އެކުވެރިކަން އެއީ ފަސްޓް ޑިވިޝަނަށް ޕްރޮމޯޓްވާން މެދުވެރިވި ސަބަބަކީ” ސަސްގެ އެއްބަސްވުން އާކޮށްފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ ބުންޏެވެ.

އެފްއޭއެމުން ކުރިއަށްގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަސްގެ މެނޭޖަރާއި ކޯޗު ނާދު އަދި ކެޕްޓަން ގައްބެ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ކްލަބް އުފެދިގެން އައުމުގައި މުހިއްމު ދައުރެއް އަދާކުރި ގައްބެ އިތުރަށް ބުނީ އެކުވެރިކަމުގައި ދެމިތިބެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ރަނގަޅު ކުޅުންތެރިންތަކެއް ގެނެސް ޓީމު ބިލްޑްކުރުން ކަމަށެވެ.
އާ ސީޒަނަށް އެޓީމުން އެކުލަވާލި ޓީމުގައި ބިދޭސީ ހަތަރު ކުޅުންތެރިންނާއި ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ. ގައްބެ ބުނީ ޓީމުގެ ކަންކަން ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ޕްރެކްޓިސް މެޗުތަކުގައި އެޓީމުން ކުރިއެރުން ހޯދާފައިވާކަމަށެވެ.
“ކޯޗު ބުނިހެން ޕްރެކްޓިސް މެޗުތަކެއް ވެސް ކުޅެވިފައިވަނީ. މެޗަކަށް ވުރެ މެޗެއް ކުޅުންތެރިންގެ ފަރާތުން ޕާފޯމަންސް ހަމަ ރަނގަޅުކަމަށް ފާހަގަކުރެވެނީ ނަތީޖާތައް ވެސް ހަމަ ހީކުރިވަރާ ބަލާފަ ރަނގަޅު. ދެން ފާހަގަކޮށްލަން ހަމަ މީގަ ތިބި ޔަންގް ޕްލެޔާސްގެ ފަރާތުން ހަމަ ކޯޗު ބުނާހެން އިކްޕްރޫވްމަންޓް އެބަފެނޭ. ޖުމްލަކޮށް ބުނަންޏާ ޓީމު ހަމަ ވަރަށް ރަނގަޅު. އިރާދަކުރެއްވިއްޔާ ޓާގެޓަށް ރީޗްވާން މަސައްކަތް ކުރާނަން” ގަދަ ހައެއްގެ ޓާގެޓް ކަނޑައަޅައި އާ ސީޒަނާ ކުރިމަތިލާ ޓީމުގެ ކެޕްޓަން ބުންޏެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަސްގެ މެނޭޖަރު ތޯރިގު ވާހަކަދައްކަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމާ އެކު ސަސް އިން ފެށި ފުރަތަމަ މަސައްކަތަކީ ކްލަބްގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން “ސަސް ކޮފީ ކްލަބް” ހިންގަން ފެށުމެވެ. މެނޭޖްމަންޓުން ވިޔަފާރީގެ ތެރެއިން ކްލަބް ހިންގުމުގެ ވިސްނުން ގެނައީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މާލީގޮތުން ދަތިކަން ކުރިމަތިވެ ދިމާވާ މައްސަލަތައް ކުޑަކުރުމަށެވެ. ރަނގަޅު ބިންގަލެއް އެޅުމަށް ފަހު ސަސްގެ މެނޭޖަރު އިސްމާއީލް ތޯރިގު ބުނީ އެޓީމުން އަމާޒުހިފާ ގަދަ ހައެއްގެ ޓާގެޓާ އެކު އިތުރަށް މައްޗަށް ދިއުމަށް މަސައްކަތްކުރާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ ޓާގެޓަކީ ގަދަ ހައެއްގައި އޮތުން. އުއްމީދުކުރަނީ އެއަށްވުރެ މައްޗަށް ދިއުން. ދެން ކުރިއަށް އޮތް ތާނގައި މިއަށްވުރެ ރަނގަޅު ޓީމެއް ނެރެވޭނެކަމުގެ އުއްމީދު އެބައޮތް. އަދި ދެއަހަރެއްތެރޭ މިއަށްވުރެ އިތުރަށް ރަނގަޅު ސްކޮޑަކާ އެކު ނުކުންނާނެކަމުގެ އުއްމީދު އެބައޮތް” ތޯރިގު ބުންޏެވެ.
އާ ސީޒަނަށް ސަސް އިން ނުކުންނަނީ ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކޯޗުކޮށްދީ ފަހުން އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް އިރުޝާދުދީފައިވާ އަހުމަދު ނާޝިދު (ނާދު) ގެ ކޯޗުކަމުގަ އެވެ. އެސިސްޓެންޓް ކޯޗުގެ ގޮތުގައި ފަރީދު މުހައްމަދު (ފަރިއްޓެ) ހަމަޖައްސާފައިވާއިރު ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ހަސަން ހަމީދު (ޑަކޭ) އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ އަންގާރާ ދުވަހު ފަށާނީ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަން މާޒިޔާ އާއި ލީގުގެ ދެ ވަނަ ހޯދި ކްލަބް އީގަލްސް އެވެ. އަށް ޓީމާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ސަސް އިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި 13 ވަނަ ދުވަހުގެ ރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
Advertisement


Leave a Reply