ސަސް އިން ނެރޭ ޓީމު އާދަޔާހިލާފު ކުޅުމެއް ދައްކާނެ: ނާދު
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުރިއަށް އޮތް ސީޒަނުގައި ގަލޮޅު ދަނޑަށް ނެރޭ ޓީމު އާދަޔާހިލާފަށް ކުޅޭތަން ފެނިގެންދާނެކަމަށް އެޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނުން އެޓީމުން އަލަށް ޖާގަ ހޯދީ މިއަހަރުގެ ކުރީކޮޅު އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިން ފުރުސަތު ލިބުމާ އެކު އެޓީމު ތައްޔާރުވަމުން އަންނަނީ ރަނގަޅު ޕްލޭނަކާ އެކު އެވެ. ބިދޭސީ ހަތަރު ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު އަދި ޒުވާން ކުޅުންތެރިންނާ އެކު އާ ސީޒަނަށް ސަސް އިން ވަނީ ރަނގަޅު ޓީމެއް އެކުލަވާލައިފަ އެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވް (އެފްއޭއެމް) އިން އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަސްގެ ކޯޗު ނާދު ވަނީ އެޓީމު ކިތަންމެ އާ ނަމަވެސް ދަނޑަށް ނެރޭ ޓީމުން އާދަޔާހިލާފު ކުޅުމެއް ފެނިގެންދާނެކަމަށް ބުނެފަ އެވެ.
“ދަނޑަށް އިރާދަކުރެއްވިއްޔާ ވަރަށް ވަރުގަދަ ޓީމެއް ނެރެވޭތޯ މަސައްކަތް ކުރާނަން. ފެންނާނެ އާދަޔާހިލާފު ޓީމެއް. އާދަޔާހިލާފަށް ކުޅޭތަން ފެނިގެން ދާނެ މުބާރާތުގައި ޓީމު” ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގެ ޓީމަކާ ހަވާލުވި ނާދު ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ އަންގާރަ ދުވަހުގެރޭ ކްލަބް އީގަލްސް އާއި މާޒިޔާ ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެއަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ސަސް އިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އެރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ނާދު ބުނީ ޓީމުގެ ސްކޮޑާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ސީނިއާ ބައެއް ކުޅުންތެރިން މިވަގުތު އަނިޔާގައި ތިބިނަމަވެސް އެކުޅުންތެރިންނާ އެކު ޓީމު ތައްޔާރުކުރެވިއްޖެ ނަމަ ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމަށެވެ.
“ސްކޮޑާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އެކަމަކު ވެސް ސީނިއާ ބައެއް ޕްލެޔަރުން އިންޖަރީގައި ތިބީމަ މައްސަލައަކީ. އެއީ ސީޒަނަކަށް ނުކުންނައިރު އެ ހުރިހާ ކުޅުންތެރިން ފިޓްވެގެން ނެރެން ބޭނުންވަނީ. ދެން އެ މަސައްކަތް ކުރަމުން މިދަނީ. ޓްރެއިނިންގައި ވެސް އެމީހުންނަށް ބޮޑަށް ބަލައިގެން އެ ކުޅުންތެރިންތަކާ އެއްކޮށް ޓީމު ސެޓް ކުރެވޭތޯ މި ބަލަނީ މުބާރާތުގެ ފުރަތަމަ މެޗާ ހަމައަށް ވެސް. އެކުޅުންތެރިން ފިޓްވެގެން ޓީމަށް ޖޮއިންކޮށް ބޭރުކުޅުންތެރިންނާ އެއްކޮށް ޓީމު ތައްޔާރު ކުރެވިއްޖެއްޔާމު މުބާރާތުގައި އަޅުގަނޑުމެން މި ބޭނުންވާ ނަތީޖާތައް ނެރެވޭނެ” ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބާއި އޭވައިއެލްގެ ހެޑް ކޯޗުކަން ކުރި ނާދު ބުންޏެވެ.
ޓީމު ވަރުގަދަކުރުމުގެ ގޮތުން ސަސް އިން ގެނައި ބިދޭސީ ހަތަރުކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އުޒްބެކިސްތާނުގެ ގޯލްކީޕަރަކާއި ސެޕެއިންގެ ފޯވާޑެއްގެ އިތުރުން ޖަޕާނުގެ ދެ މިޑްފީލްޑަރުންނެވެ. އެޓީމަށް ގެނައި ދިވެހި ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަންކަން ކުރި އަހުމަދު ފައްރާހް (ފައްރަ)، މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)، ކުރިން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު މުހައްމަދު ރަޝީދު (ހޮކޭ)، ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ). ޓީސީ ސްޕޯޓްސް ކްލަބުން 2018 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ޒުވާން ކުޅުންތެރިޔާ އަހުމަދު އައިހަމް، ދެ ވަނަ ޑިވިޝަނުގެ ކްލަބް ޕީކޭ އަށް ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ހަމީދު (ހެލްމެޓް)، މިދިޔަ ސީޒަނުގައި ޓީސީ ޓީމުގައި ހިމެނުނު ޒުވާން ކުޅުންތެރިޔާ އަރާޝް އައްސަދު، ފޯވާޑް މުހައްމަދު ސާދިން އަބްދުއްހަންނާން،ހަސަން ސޮލާހް އަދި މުހައްމަދު ސަޔަމް ސައީދު އެވެ. މި ކުޅުންތެރިންގެ އިތުރުން ވެސް ޒުވާން ގިނަ ކުޅުންތެރިންތަކެއް އެޓީގެ ލިސްޓުގައި ވަނީ ހިމަނައިފަ އެވެ. އެޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ކްލަބްގެ އެއްބަސްވުން އާކުރި އަހުމަރު ފަރުހާން (ގައްބެ) އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސަސްގެ ކޯޗުކަމާ ހަވާލުވި ނާދު ބުނީ ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާ އެކު ސީޒަނުގައި ސަސްގެ ޓާގެޓަށް ވާސިލްވުމުގެ އުއްމީދު ބޮޑު ކަމަށެވެ. ފުރަތަމަ ސީޒަންކަމަށްވުމާ އެކު ސަސް އިން ނާދު އަށް ކަނޑައަޅާފައިވާ ޓާގެޓަކީ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނުމެވެ. ނާދު ބުނީ އެ އަމާޒަށް ދިއުމަށް ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ޒުވާން ކުޅުންތެރިން ވެސް ސަސް އިން ފެންނާނެ ކަމަށެވެ. އަދި، ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ތަޖުރިބާ ހުރުމުގެ އިތުރުން ޓީމެއް ގޮވައިގެން އުޅެވޭނެ ފެންވަރު އެކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށް ނާދު ބުންޏެވެ. ތަޖުރިބާކާރު ކުޅުންތެރިންނަށް ބަރޯސާވަން ޖެހުނަސް ނާދުގެ އުއްމީދަކީ ސީޒަނުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިއުމެވެ.
“ޔަންގް ޕްލެޔަރުން ތިބެން ޖެހޭނެ. އޭގެ އިތުރަށް އެކްސްޕީރިއެންސް ކުޅުންތެރިން ވަރަށް މުހިއްމުވާނެ ލީގެއް ކުޅެމުންދާއިރު. އެކްސްޕީރިއެންސް ކުޅުންތެރިން ޓީމު ހިފަހައްޓާނީ މުބާރާތުގައި. އަންޑަ 19 ކުޅެފަ ތިބި ރަނގަޅު ކުޅުންތެރިން އެބަތިބި. އެކުޅުންތެރިން ވެސް ފެނިގެންދާނެ ވަކި ހިސާބަކުން. އުއްމީދު ކުރަނީ އެކުޅުންތެރިން ވެސް ރަނގަޅު ޕާފޯމެންސެއް ދައްކާނެކަމަށް. އިރާދަކުރެއްވިއްޔާ ކުޅުންތެރިންތަކެއް ނެރެވޭތޯ މަސައްކަތް ކުރާނަން. އެއީ އުއްމީދަކީ ވެސް” މިދިޔަ އަހަރުތަކުގައި ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކުންނާއި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ނާދު ބުންޏެވެ.
ނާދުއާ އެކު ސަސްގެ ކޯޗިން ޓީމުގައި ކުރިން ފުރަތަމަ ޑިވިޝަނާއި ޒުވާން ގައުމީ ޓީމުތަކުގައި މަސައްކަތްކުރި ޒުވާން ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) ހިމެނެ އެވެ. އެޓީމުގެ ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި މަސައްކަތްކޮށްފައިވާ ހަސަން ހަމީދު (ޑަކޭ) އެވެ.
Advertisement
Leave a Reply