ނޭޝަންސް ލީގު ސެމީ ފައިނަލުގެ ގުރު ނަގައިފި

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ކުޅޭ ސެމީ ފައިނަލް މެޗުތަކުގެ ގުރު މިރޭ ނަގައިފި އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އިޓަލީ އާއި ސްޕެއިން އެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް އެވެ. ފައިނަލް ބުރުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ކުރިން ޝެޑިއުލްކުރީ އަންނަ އަހަރުގެ ޔޫރޯގެ ކުރިން ފައިނަލް ބުރުގެ މެޗުތައް ކުޅުމަށެވެ. އެހެންނަމަވެސް ކްލަބްތަކަށާއި ގައުމީ ޓީމުތަކުގައި ކުޅުންތެރިން ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ ޔޫރޯގެ ފަހަށް ފައިނަލް ބުރު ހެދީ އެވެ.
ފައިނަލް ބުރުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ އިޓަލީގަ އެވެ. އިޓަލީ އާއި ސްޕެއިން ވާދަކުރާ ސެމީ ފައިނަލްގެ ފުރަތަމަ މެޗު އޮކްޓޫބަރު ހަ ވަނަ ދުވަހު ކުޅޭނީ މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގަ އެވެ. ބެލްޖިއަމް އާއި ފްރާންސް ވާދަކުރާ ސެމީ ފައިނަލް މެޗު އޮކްޓޫބަރު ހަތް ވަނަ ދުވަހު އޮންނާނީ ޓިއުރިންގެ ޔުވެންޓަސްގެ ސްޓޭޑިއަމްގަ އެވެ. ފައިނަލް މެޗު އޮކްޓޫބަރު 10 ވަނަ ދުވަހު ސެން ސީރޯގައި ކުޅޭއިރު ހަމަ އެދުވަހު ތިން ވަނަ ހޮވާ މެޗު ކުޅޭނީ ޔުވެންޓަސް ސްޓޭޑިއަމްގަ އެވެ.
? The 2021 #NationsLeague finals…
Who will win?
— UEFA Nations League (@EURO2020) December 3, 2020
ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގެ ކުޅުން އެއްވަރުވެގެން ނިމިއްޖެ ނަމަ އިތުރު ވަގުތުގެ ދެ ހާފު ކުޅޭނެ އެވެ. އެއަށް ފަހު ދެޓީމު އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު ތިން ވަނަ ހޮވާ މެޗުގައި 90 މިނެޓު ނިމޭއިރު ދެ ޓީމު އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ސީދާ ޕެނަލްޓީ ޖަހައިގެންނެވެ.
އިޓަލީ އާއި ސްޕެއިން ވަނީ ފުޓްބޯޅައިގެ ތާރީހުގައި 33 ފަހަރު ވާދަކޮށްފަ އެވެ. އޭގެތެރެއިން އިޓަލީ ނުވަ މެޗުން މޮޅުވިއިރު ސްޕެއިން ވަނީ 12 މެޗުން މޮޅުވެފަ އެވެ. އެއްވަރުވެގެން ނިމުނީ 12 މެޗެވެ. މިދެޓީމު އެންމެ ފަހުން 2017 ވަނަ އަހަރު ވާދަކުރި މެޗުން ސްޕެއިން ވަނީ 3-0 އިން މޮޅުވެފަ އެވެ.
ބެލްޖިއަމް އާއި ފްރާންސް ވަނީ މީގެ ކުރިން 74 ފަހަރު ވާދަކޮށްފަ އެވެ. މީގެ ތެރެއިން ފްރާންސުން 25 މެޗު ކާމިޔާބުކޮށްފައިވާއިރު ބެލްޖިއަމް ވަނީ 30 މެޗުން މޮޅުވެފަ އެވެ. މި ދެޓީމުގެ މެޗުތަކުގެ ތެރެއިން 19 މެޗު ވަނީ އެއްވަރުވެފަ އެވެ. އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ބެލްޖިއަމަށް ފްރާންސް ބަލިކުރެވުނީ ދެ ފަހަރު އެވެ. މި ދެޓީމުގެ ފުރަތަމަ ވާދަވެރިކަން ފެނުނީ 1904 ވަނަ އަހަރު އެވެ. އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ ޕޯޗުގަލް އެވެ. ޕޯޗުގަލްގެ އިތުރުން މިދިޔަ އަހަރު ފައިނަލް ބުރުގައި ވާދަކުރި ސްވިޒަލެންޑާއި އިންގްލެންޑް އަދި ނެދަލެންޑްސް އަށް މިފަހަރުގެ ފައިނަލް ބުރުން ފުރުސަތެއް ނުލިބުނެވެ. ޔޫއެފާ އިން ނޭޝަންސް ލީގު ތައާރަފްކުރީ ކުރިން ކުޅެމުން އައި ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ މެޗުތައް ވާދަވެރި މެޗުތަކަކަށް ބަދަލުކުރުމުގެ ގޮތުންނެވެ.
Advertisement


Leave a Reply