ލ. ގަމު ޓާފް ފުޓްބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

Advertisement

ލ. ގަމު ޓާފް ފުޓްބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

ޢަލީ ޝަހީމް
ގަމު ޒޯން ސްޓޭޑިއަމް ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ލ. ގަމުގައި ތަރައްގީކުރި ޓާފް ފުޓްބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެރަށުގެ ޓާފް ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވީ ހައްދުންމަތީ ކައްދޫ އަދި ގަމަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އެރަށަށް ވަޑައިގެންނެވުމަށް ފަހު ހަވީރު ޒޯން ދަނޑުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ރައީސްގެ އަރިހުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އާއި ގަމު ދައިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވިސާމް ބައިވެރިވެވަޑައިގަތެވެ.

ދަނޑު ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ފެށި ދަނޑުގެ މަސައްކަތް ދަތި އުނދަގޫ ދުވަސްވަރެއްގައި ވެސް ފުރިހަމަކޮށްދެއްވިކަމަށްޓަކައި އެމްޓީސީސީ އަށާއި އަމީން ކޮންސްޓްރަކްޝަންސް އަށް ޝުކުރުއަދާކުރައްވާފަ އެވެ.

“ވަރަށް ދަތި އުދަނގޫ ދުވަސްވަރެއްގައިވެސް އެއް އަހަރުގެ ތެރޭގައި މި މަޝްރޫއު ފުރިހަމަކޮށްދެއްވި ކަމަށްޓަކައި އެމްޓީސީސީ އަށާއި އަމީން ކޮންސްޓްރަކްޝަނަށް ގަމު ރައްޔިތުންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިހްލާސްތެރިކަމާއެކު ޝުކުރުދަންނަވަން. މިތަނުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވެސް އިންނެވުމާ އެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރު ވެސް ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖައްސައިގެން ކުރިއަށްގެންދެވުމަށް. ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ ހަގީގީ ނަތީޖާ ފެންނާނީ އޭރުން” ގަމު ޒޯން ސްޓޭޑިއަމްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ.

ގަމު ޒޯން ސްޓޭޑިއަމަކީ މީގެ ކުރިން ވަރަށް ބޮޑަށް ވީރާނާވެފައި އޮތް ދަނޑެކެވެ. އެރަށުގައި ފެންވަރު ރަނގަޅު ޓާފް ދަނޑެއް އެޅުމަކީ ޒުވާނުންގެ އެންމެ ބޮޑު އެދުމެވެ. އެކަން ފުރިހަމަކޮށްދެއްވުމަށްޓަކައި ދާއިރާގެ މެމްބަރު ވިސާމް ވަނީ ސަރުކާރާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ގަމު ދަނޑުގައި ޓާފް އަޅައި ނިންމާލިއިރު ގާތްގަނޑަކަށް ހަތް މިލިއަނެއްހާ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތަށް 2.59 މިލިއަން ރުފިޔާ ހަރަދުވިއިރު އެ މަސައްކަތް ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެއަށް ފަހު އަމީން ކޮންސްޓްރަކްޝަންސް އިން ކުރިއަށްގެންދިޔަ ޓާފް އެޅުމުގެ މަސައްކަތަށް 4.36 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިރޭގެ ވަގުތެއްގައި ލ. ގަމު މުކުރިމަގު އަވަށުގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާނެ އެވެ.

ގަމުގެ ޓާފް ދަނޑާ އެކު މި ސަރުކާރުން ޓާފް އަޅައިގެން ނިންމާލި ދަނޑުތަކުގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ. އެހެންނަމަވެސް މިއީ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެން ރަސްމީކޮށް ހުޅުއްވައިދެއްވި ފުރަތަމަ ދަނޑެވެ. މީގެ ކުރިން އެޅި ދަނޑުތައް ރަސްމީކޮށް ހުޅުވުމުގައި ގޮންޖެހުންތައް ކުރިމަތިވީ އޭރު ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން ދިއުމާއި ގުޅިގެންނެވެ.

ކުޅިވަރުގެ ތަރައްގީއަށް ޔޫތު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އޮކްޓޫބަރު މަހުގެ ފަހުކޮޅު އެ މިނިސްޓްރީން ވަނީ 22 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި ދަނޑުތަކުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި 13 ރަށް ވަނީ ފަސް ސަރަހައްދަކަށް ބަހާލާފަ އެވެ. ފުރަތަމަ ސަރަހައްދުގައި ހިމެނެނީ ށ. ފުނަދޫ އާއި ށ. ފޯކައިދޫ އަދި ށ. މިލަންދޫ އެވެ. ދެވަނަ ސަރަހައްދުގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫ އެވެ. ތިންވަނަ ސަރަހައްދުގައި ޅ. އޮޅުވެލިފުށްޓާއި ރ، ދުވާފަރު އަދި ރ. މާކުރަތު ހިމެނޭއިރު، ހަތަރުވަނަ ސަރަހައްދުގައި ހިމެނެނީ ކ. ގުޅި، ކ. ގުރައިދޫ އަދި ކ. މާފުށްޓެވެ.

ފަހުން ހަވާލުކުރި ނުވަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރާނީ މެލޭޝިއާގެ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓް ޕްރައިވެޓް ލިމިޓުންނެވެ. އެ ކުންފުނިން ޓާފް އަޅާނީ ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި އައްޑޫ ސިޓީގެ ރަށެއްގެ ދަނޑެއްގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *