މައްސަލައަކީ ފިޓްނެސް، އެކަމަކު ދުވަސްކޮޅެއް ފަހުން އީގަލްސް ބަރާބަރު ވާނެ: މޯހަން

Advertisement

މައްސަލައަކީ ފިޓްނެސް، އެކަމަކު ދުވަސްކޮޅެއް ފަހުން އީގަލްސް ބަރާބަރު ވާނެ: މޯހަން

ޢަލީ ޝަހީމް
ކޯޗު މޯހަން އީގަލްސްގެ ޕްރެކްޓިހުގައި ކުޅުންތެރިންނަށް ކިޔައިދެނީ. ފުރަތަމަ މެޗުތަކުގައި ފިޓްނެސްގެ މައްސަލަ ދިމާވި ނަމަވެސް ފަހުން ޓީމު ރަނގަޅުވާނެކަމަށް މޯހަން ވަނީ ބުނެފައި. - ފޮޓޯ: އީގަލްސް

ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ކްލަބް އީގަލްސް ޓީމުގެ ކުޅުންތެރިން އެންމެ ރަނގަޅު ފިޓްނެސްގައި ނުތިބެދާނެ ކަމަށާއި، އެކަމަކު ވަކި ހިސާބަކުން އެޓީމުން ރަނގަޅު ފޯމެއްގައި ކުޅޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އަންނަ އަންގާރަ ދުވަހު އީގަލްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މިއީ ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސް އިން ވާދަކުރާ ފުރަތަމަ ފަހަރެވެ. އެފްއޭއެމް އިން މިދިޔަ ހަފްތާ ގެނެސްދިން ލެޓްސް ޓޯކް ފުޓްބޯޅަ ޝޯގައި ވާހަކަދައްކަމުން މޯހަން ބުނީ ޕްރެކްޓިސް ލަހުން ފެށުމަކީ އެޓީމަށް ކުރިމަތިވި މައްސަލައެއް ކަމަށާއި، މިއަހަރަކީ ޕްރީ ސީޒަނެއް ފެށިއިރު ކުޅުންތެރިންގެ ފިޓްނެސް އެންމެ ދަށްކޮށް ހުރި އަހަރުކަމަށެވެ.

“ފުރަތަމަ މެޗަށް (ޗެރިޓީ ޝީލްޑް) އަދި ޓީމު އެންމެ ފިޓް ނުވެދާނެ. ލީގުގެ ފުރަތަމަ މެޗަށް ޓީމު އެންމެ ރަނގަޅަށް ފިޓް ނުވެދާނެ. ތިން ހަތަރު މެޗެއް ނިމޭއިރު ހަމަ ވަރަށް ޔަގީން ޓީމު ވަރަށް ރަނގަޅު ފޯމެއްގައި ކުޅެނިކޮށް ފެންނާނެ” މޯހަން ބުންޏެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް، އޭއެފްސީ ޕްރޯ ލައިސަންސް މިއަހަރު ހާސިލްކުރި މޯހަން ބުނީ ޕްރީ ސީޒަނުގައި ކުޅުންތެރިންގެ ފިޓްނެސް އަށް މިއަހަރު އިތުރަށް މަސައްކަތްކުރަން ޖެހުނު ކަމަށެވެ.

“މިއަހަރު ޕްރީ ސީޒަން ފެށިއިރު ދަށްކޮށް ތިބިވަރަކަށް ދުވަހަކު ވެސް އަދި ނުފެނޭ ކުޅުންތެރިންގެ ފިޓްނެސް ކަންތަކެއް. ވަރަށް ބޮޑަށް އެކަމަށް މަސައްކަތްކުރަން ޖެހުނު. ކުރިން ކުޅުންތެރިން ޕްރެކްޓިސް އަށް އަންނައިރު 60 ނޫނީ 70 ޕަސެންޓުގަ ފިޓްނެސް ހުރޭ. އެހެންނަމަވެސް މިފަހަރު އަޅުގަނޑު ދަންނަވާނީ 30 ނޫނީ 40 ޕަސެންޓަށް ވެސް ނާރާނޭ ހަމަ ގިނަ ކުޅުންތެރިންގެ ފިޒިކަލް ހުރި ހާލަތު. އެހެންވީމަ ވަރަށް ދަށްކޮށް ފަށަން ޖެހުނީ” މޯހަން ބުންޏެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އީގަލްސް އަށް އެންމެ ހާއްސަވަނީ ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވާތީ އެވެ. އީގަލްސް އަށް ކޮލިފައިން ބުރުން ފުރުސަތު ލިބުނީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކުރިއަށް ނުގެންގޮސް ސީޒަން ނިންމާލުމުން ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުނެވެ.

އީގަލްސްގެ ކުޅުންތެރިން ޕްރެކްޓިހުގައި. އެޓީމުން ކުރިއަށް އޮތް އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާނެ. – ފޮޓޯ: އީގަލްސް

މޯހަން ބުނީ އެޓީމުގެ އަމާޒަކީ ރަނގަޅު ނަތީޖާތަކެއް ނެރެ ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުން ކަމަށެވެ. މި އަމާޒަށް ވާސިލްވުމަށް އީގަލްސް އިން އަންނަނީ އާ ސީޒަނަށް ޓީމު ވަރުގަދަކުރަމުންނެވެ. އެޓީމު ދޫކޮށްދިޔަ އެންމެ މުހިއްމު ކުޅުންތެރިންނަކީ ކްލަބް ވެލެންސިއާ އަށް ބަދަލުވި އަލީ ފާސިރު (ސެންޓޭ) އާއި މިދިޔަ ފަސް އަހަރު އެޓީމުގެ ގޯލު ބެލެހެއްޓި ސްރީ ލަންކާގެ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. ސުޖަންގެ ބަދަލުގައި އީގަލްސްގެ ގޯލު މިފަހަރު ބަލަހައްޓާނީ ބްރެޒިލްގެ ކީޕަރެކެވެ. އަދި ބާކީނޯ ފާސޯގެ ޑިފެންޑަރަކާއި ބޮސްނިއާގެ ފޯވާޑެއް ކުރިއަށް އޮތް ސީޒަނުގައި އެޓީމުން ފެންނާނެ އެވެ. މޯހަން ބުނީ ބިދޭސީ ކުޅުންތެރިން ހަމަނުވުމާއި ދިވެހި ބައެއް ކުޅުންތެރިންގެ ފިޓްނެސް މައްސަލަތަކާއި ހެދި ކުރީކޮޅުގައި އެކުޅުންތެރިން ޓީމުން ނުފެނިދާނެ ކަމަށެވެ.

“ތިބި ކުޅުންތެރިންނާ ދޭތެރޭ ޔަގީންކަން އެބައޮތް. މި ސީޒަނުގައި އަޅުގަނޑުމެން ހަމަ ހުރިހާ ތައްޓެއް ހޯދަން ކުރަންޖެހޭ މަސައްކަތް ވަރަށް ރަނގަޅަށް ކުރާނަން. އިރާދަކުރެއްވިއްޔާ ކާމިޔާބުވުމުގެ ވަރަށް ޔަގީންކަން އެބައޮތް” 2018 ވަނަ އަހަރު އީގަލްސްގެ ކޯޗުކަމާ ހަވާލުވެ މިދިޔަ ދެ ސީޒަނުގައި ވެސް އެޓީމަށް ލީގުގެ ދެ ވަނަ ހޯދައިދިން ކޯޗު ބުންޏެވެ.

އީގަލްސް އަކީ ޒުވާން ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް ނެރުމުގައި އެންމެ ކާމިޔާބު އެއް ކްލަބެވެ. މިހާރު ކުރިއަށްގެންދާ ފަރިތަކުރުންތަކުގައި އެ ކްލަބުގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް އަންނަނީ ބައިވެރިވަމުންނެވެ. މޯހަން ބުނީ ޒުވާން ކުޅުންތެރިން ފުޓްބޯޅައިގައި ބައިވެރިކުރުވުމަކީ މުޖުތަމައަށް އޮތް ރަނގަޅެއް ކަމަށެވެ.

“އަހްލާގަކީ ފުޓްބޯޅައިގެ ތެރެއިން ދަސްވާ މުހިއްމު ކަމެއް. އެއަށް އަމަލުކުރުމާއި. މިކަހަލަ ކަންތައްތަކަކީ ކުޑަކުދިންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފިލާވަޅުތަކެއް. ފިޒިކަލީގެ އިތުރަށް ސައިކޮލޮޖިކަލް ގޮތުން ވެސް ފުޓްބޯޅައިގެ ތެރެއިން އިތުރު ފުރުސަތުތަކެއް ލިބިގެންދޭ. ބޮޑުވެގެން އަންނައިރު މާހައުލު ތެރެއަށް ފެތުމާއި މީހުންނާ އެކީ އުޅެން ދަސްވޭ”  ކުރިން ނިއު ރޭޑިއަންޓާއި އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫ އަށް ފުރަތަމަ ޑިވިޝަނުގައި އިރުޝާދުދިން ކޯޗު ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *