ހަތަރު އަހަރަށްފަހު އިޓަލީ ދުނިޔޭގެ ގަދަ 10 ގައި ހިމެނިއްޖެ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީ ހަތަރު އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ފީފާއިން އިއުލާނު ކުރާ ދުނިޔޭގެ ރޭންކިންގގެ ގަދަ 10 ގެ ތެރޭގައި އަލުން ހިމެނިއްޖެ އެވެ. އެންމެ ފަހުން ރަޝިޔާގައި ބޭއްވުނު ވޯލްޑް ކަޕުން ޖާގަ ނުލިބުނު އިޓަލީ އެންމެ ފަހުން ދުނިޔޭގެ ރޭންކިންގ ގެ ގަދަ 10 ގައި ހިމެނުނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕު ކޮލިފިކޭޝަނުބް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ދުނިޔޭގެ ރޭންކިންގ ގެ ފަހަތަށް ސޮއްސާލި ފަހުން އިޓަލީ އަށް ބޮޑު ކުރިއެރުމެއް ލިބިފައި މިވަނީ 2018 ވަނަ އަހަރު އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ހަވާލުވި ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން ޔޫރޯ ކޮލިފައިންގައި ނެރުނު ރަގަޅު ނަތީޖާތަކުގެ ސަބަބުންނެވެ. އިއްޔެ 56 އަހަރު ފުރުނު މަންޗީނީ 2018 ވަނަ އަހަރުގެ މެއި މަހު ގައުމީ ޓީމާ ހަވާލުވި އިރު އިޓަލީ އޮތީ ދުނިޔޭގެ ރޭންކިންގ ގެ 20 ވަނައިގަ އެވެ. އެކަމަކު މަންޗީނީގެ އިރުޝާދުގެ ދަށުން އިޓަލީގެ ގައުމީ ޓީމު ޔޫރޯ ކޮލިފައިންގައި ކުޅުނު 10 މެޗު ވެސް ކާމިޔާބުކޮށް އެ ޓީމުގެ އަސްލު ކުޅުމަށް ވަނީ އެނބުރި އައިސްފަ އެވެ.
މީގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުން އިޓަލީ ޖާގަ ހޯދައިފައިވާއިރު އެ ޓީމު މިހާރު ވަނީ ބަލިނުވެ ޖެހިޖެހިގެން 22 މެޗު ހަމަކޮށްފަ އެވެ. މިއީ 2006 ވަނަ އަހަރު އިޓަލީން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ޓީމުގެ އެންމެ ރަގަޅު ރެކޯޑެވެ. އިޓަލީގެ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ކާމިޔާބުކޮށްފައިވާއިރު 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕުގައި އިޓަލީ ހިމެނެނީ ސީޑްކޮށްފައިވާ ގައުމެއްގެ ގޮތުގަ އެވެ.
Advertisement


Leave a Reply