މުޅި ދުނިޔެ މަރަޑޯނާގެ މަރާ ގުޅިގެން ތައުޒިޔާ ކިޔަނީ

Advertisement

މުޅި ދުނިޔެ މަރަޑޯނާގެ މަރާ ގުޅިގެން ތައުޒިޔާ ކިޔަނީ

ޢަލީ ޝަހީމް

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާގެ ކުއްލި މަރާއި ގުޅިގެން މުޅި ދުނިޔޭގައި ހިތާމަފާޅުކުރަމުން އެބަގެންދެ އެވެ. އުމުރުން 60 އަހަރުގައި ހިތްހުއްޓިގެން މިއަދުގެ ވަގުތެއްގައި މަރުވި މަރަޑޯނާގެ ތައުޒިޔާގެ ޕޯސްޓްތަކުން ސޯޝަލް މީޑިއާ ވަނީ ފުރިފަ އެވެ.

މިމަހު ކުރީކޮޅު ޖެހުނު ސްޓްރޯކް އަކާއި ގުޅިގެން މަރަޑޯނާ ވަނީ ސާޖަރީއެއް ހައްދައިފަ އެވެ. ކާމިޔާބު ސާޖަރީއަކަށް ފަހު މަރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މަރަޑޯނާ ހިތް ހުއްޓިގެން މަރުވީ ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ރިޕޯޓުތައް ބުނާގޮތުން މަރަޑޯނާ މަރުވީ އާޖެންޓީނާގައި ހުންނަ އޭނާގެ ގޭގަ އެވެ.

އެންމެ ސިއްސުވާލި މަރާއެކު ސޯޝަލް މީޑިއާގައި ދިވެހިންގެ ގިނަ ބަޔަކު ވެސް އަންނަނީ ހިތާމަފާޅުކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ފުޓްބޯޅައިގެ ސަޕޯޓަރުން އަންނަނީ މަރަޑޯނާގެ މަރުގެ ހިތާމައިގައި ބައިވެރިވަމުންނެވެ.

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ މަރަޑޯނާ އަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރި ޓީމުގެ ކެޕްޓަނެވެ. އެ މުބާރާތުގައި މަރަޑޯނާ ވަނީ ފަސް ގޯލު ޖަހައި އިތުރު ފަސް ގޯލު ޖެހުމުގައި އެހީތެރިވެފަ އެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އެއްވެސް ކުޅުންތެރިއަކަށް އެއް މުބާރާތެއްގައި 10 ގޯލުގައި ހިއްސާވެފައެއްނުވެ އެވެ.

މަރަޑޯނާ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ 1976 ވަނަ އަހަރު އާޖެންޓީނާގެ އާޖެންޓީނޯސް ޖޫނިއާސް އިންނެވެ. 1981 ވަނަ އަހަރު ބޯކާ ޖޫނިއާސް އަށް ބަދަލުވިއިރު ޖެހިގެން އައި އަހަރު މަރަޑޯނާ ވަނީ ބާސެލޯނާއާ ގުޅިފަ އެވެ. ބާސެލޯނާގައި ތިން އަހަރު ހޭދަކުރުމަށް ފަހު 1984 ވަނަ އަހަރު މަރަޑޯނާ ބަދަލުވީ އިޓަލީގެ ނަޕޯލީ އަށެވެ.

ނަޕޯލީ ދޫކޮށް މަރަޑޯނާ ދެން ބަދަލުވީ ސްޕެއިންގެ ސެވިއްޔާ އަށެވެ. 1991 ވަނަ އަހަރު ސެވިއްޔާ އަށް ބަދަލުވެ ދެ އަހަރު ދުވަހު އެ ކްލަބްގައި ކުޅުމަށް ފަހު މަރަޑޯނާ ވަނީ އޭނާގެ އުފަން ގައުމު އާޖެންޓީނާ އަށް ބަދަލުވެފަ އެވެ. މަރަޑޯނާ ފުޓްބޯޅަ ކެރިއަރު 1997 ވަނަ އަހަރު ނިންމާލީ ބޮކާ ޖޫނިއަސް އަށް ކުޅުމަށް ފަހު އެވެ.

ކޯޗެއްގެ ގޮތުގައި 1994 ވަނަ އަހަރު މަސައްކަތްކުރަން ފެށި މަރަޑޯނާ ވަނީ 2008 އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އާޖެންޓީނާގެ ގައުމީ ޓީމަށް އިރުޝާދުދީފަ އެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް ކާމިޔާބީއެއް ނުލިބުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ކޮއްޓުމާއި ނެއްޓުމުގައި އާދަޔާހިލާފު ހުނަރެއް ލިބިފައިވާ މަރަޑޯނާ ވަނީ އާޖެންޓީނާގެ ޓީމަށް 91 މެޗުގައި 34 ލަނޑު ޖަހައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *