ލީޑްސްގެ ކޯޗު ބިއެލްސާ ފީފާ އެވޯޑަށް ވާދަކުރަނީ

Advertisement

ލީޑްސްގެ ކޯޗު ބިއެލްސާ ފީފާ އެވޯޑަށް ވާދަކުރަނީ

ޢަލީ ޝަހީމް

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ކޯޗުންގެ ތެރޭގައި އިނގިރޭސި ކްލަބް ލީޑްސް ޔުނައިޓެޑް ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިން އާޖެންޓީނާ އަށް އުފަން މާސެލޯ ބިއެލްސާ ހިމެނިއްޖެ އެވެ.

1980 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި މިހާރު އުމުރުން 65 އަހަރުގެ ބިއެލްސާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ލީޑްސް ވަނީ އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އަދި، 16 އަހަރު ފަހުން އެޓީމު ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމަށް ފަހު ބިއެލްސާގެ ކޯޗުކަމުގައި ލީޑްސް އިން މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބިއެލްސާ ވަނީ މީގެ ކުރިން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އަދި ފްރާންސްގެ ލިލް ގައި މަސައްކަތްކޮށްފަ އެވެ. އެންމެ ދިގު މުއްދަތެއްގައި ބިއެލްސާ އިރުޝާދުދިނީ އާޖެންޓީނާ އާއި މެކްސިކޯގެ ކްލަބްތަކުގަ އެވެ.

Advertisement

ބިއެލްސާއާ އެކު ފީފާގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ މި އެވޯޑް ހޯދާނެކަމަށް ބެލެވޭ ބަޔާން މިއުނިކްގެ ހަންސީ ފްލިކް އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް، ސެވިއްޔާ އަށް ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން ހޫލެން ލޮޕެޓެގީ އަދި ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އެވެ.

ފީފާ އެވޯޑަށް ވާދަކުރާ 11 ކުޅުންތެރިންގެ ނަންތައް ވެސް މިއަދު ވަނީ އިއުލާންކޮށްފަ އެވެ. މި ލިސްޓުގައި ހިމެނެނީ ލިވަޕޫލްގެ ތިއާގޯ އަލްކަންޓަރާ، ސަޑިއޯ މާނޭ، މުހައްމަދު ސަލާހް، ވާޖިލް ވެން ޑައިކް، ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޮސްކީ، ޕީއެސްޖީގެ ކިލިއަން އެމްބާޕޭ، ނޭމާ އަދި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އާއި މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނަލް މެސީ އެވެ.

އެންމެ މޮޅު ގޯލަށް ދޭ ފީފާ ޕުސްކަސް އެވޯޑަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ތަރި ސޮން ހެއުން މިން މިދިޔަ ސީޒަނުގައި ބާންލީއާ ދެކޮޅަށް ޖެހި ގޯލު ވަނީ ނޮމިނޭޓްވެފަ އެވެ.

ފީފާ އެވޯޑަށް ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ހެޑް ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން އޮންލައިންކޮށް ސަޕޯޓަރުންނަށް ހުޅުވާލާ ޕޯލްއެއްގެ އިތުރުން މީޑިއާގެ 200 ޖާނަލިސްޓުންނެވެ. އެވޯޑަށް ވޯޓު ލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު ވޯޓުލުން ބަންދުވާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ފީފާ އެވޯޑް ދިނުމުގެ ހަފްލާ އޮންނާނީ ޑިސެމްބަރު 17 ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *