ދަގަނޑޭ ވާދަކުރާ ފައިނަލް މެޗް މާދަމާ ފަށަނީ، އުނދަގޫ ޗެލެންޖެއް

ވޭތުވެދިޔަ 10 އަހަރު އޭއެފްސީ ކަޕްގައި ޖެހި އެންމެ މޮޅު 32 ގޯލު ހިމަނައިގެން އޭއެފްސީ ވެބްސައިޓްގައި ފެށި ބްރެކެޓް ޗެލެންޖުގެ ފައިނަލުގައި ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) މާދަމާ ވާދަކުރާނެ އެވެ.
މީގެ ހަ ހަފްތާ ކުރިން ފެށި ބްރެކެޓް ޗެލެންޖުގެ ފައިނަލުގެ ވަގުތު ޖެހިފައިވާއިރު ދަގަނޑޭއާ ދެކޮޅަށް ނުކުންނާނީ ފުރަތަމަ ސެމީގައި މެލޭޝިއާގެ އުމުރުން 23 އަހަރުގެ ފޯވާޑް ސަފާވީ ރާސިދުއާ ވާދަކޮށް ކުރި ހޯދި ހޮންގް ކޮންގެ އުމުރުން 35 އަހަރުގެ ފޯވާޑް ޗާން ސިއު ކީ އެވެ. ވާދަވެރިކަން ފެނުނު މި މެޗުގައި ސަފާވީ އަށް 48.4 އިންސައްތަ ވޯޓު ލިބުނުއިރު ޗާން ވަނީ 51.6 އިންސައްތަ ވޯޓު ހޯދައިފަ އެވެ.
އޮންލައިން ޕޯލްގެ ފުރަތަމަ ބުރުގައި ދަގަނޑޭ ކުރި ހޯދީ ކުވައިތުގެ ރޮޖާނިއާއާ ވާދަކޮށެވެ. ގަދަ 16 ގެ ބުރުގައި ދަގަނޑޭ ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހެލް ރާނާ ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި ވިއެޓްނާމްގެ އެންގުޔެން ވެން ކުޔެޓްއާ ވާދަކޮށް ދަގަނޑޭ އަށް މޮޅު ލިބުނީ ކުޑަ ތަފާތަކުންނެވެ. ދިވެހިންގެ ހިތްވަރުން ކުއާޓާގައި ދަގަނޑޭ ކުރި ހޯދިއިރު 135000 އަށް ވުރެ ގިނަ ވޯޓު ވަނީ ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގައި ދަގަނޑޭ އަށް 51.45 އިންސައްތަ ވޯޓު ލިބުނުއިރު ވިއެޓްނާމްގެ ކުޅުންތެރިޔާ އަށް ލިބުނީ 48.55 އިންސައްތަ ވޯޓެވެ.
ދަގަނޑޭ ފައިނަލުގެ ޖާގައެއް ހޯދީ މިދިޔަ އާދީއްތަ ދުވަހު ނިމުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ވިއެޓްނާމްގެ އެންގުޔެން ކުއާންގް ހާއީއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ހަތަރު ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ސެމީ ފައިނަލުގައި ދަގަނޑޭ 54.68 އިންސައްތަ ވޯޓު ހޯދިއިރު ކުއާންގަށް ލިބުނީ 45.32 އިންސައްތަ ވޯޓެވެ.
ޕޯލްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ ނިއު ރޭޑިއަންޓާ އެކު 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ލަނޑެކެވެ. 7-0 އިން ނިއު ރޭޑިއަންޓް ކާމިޔާބުކުރި އެ މެޗުގައި ދަގަނޑޭ ގޯލު ޖެހީ އެވަގުތު އޭނާ އަތުން ބޯޅަ ހޯދަން ކައިރިވި ހުރިހާ ކުޅުންތެރިން ކަޓުވާލުމަށް ފަހު ކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ. އޭއެފްސީ ކަޕްގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ދަގަނޑޭގެ އެ ގޯލަށް މިދިޔަ ޖޫން މަހު ވެސް ވަނީ އެއް ވަނަ ލިބިފަ އެވެ. އެފަހަރު ދަގަނޑޭގެ ގޯލަށް އެއްވަނަ ލިބުނީ 54 އިންސައްތަ ވޯޓާ އެކު އެވެ.
ޗެލެންޖުގައި ވާދަކުރާ ޗާންގެ ގޯލަކީ 2015 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މެލޭޝިއާގެ ޕަހާންގްއާ ދެކޮޅަށް ޖެހި ލަނޑެކެވެ. 2017 ވަނަ އަހަރު ސައުތު ޗައިނާ ދޫކޮށްލުމަށް ފަހު ޗާން ވަނީ ހޮންގް ކޮންގެ ޕެގަސުސް އަށް ކުޅެފަ އެވެ. މި އަހަރު އޭނާ ބަދަލުވީ ހޮންގް ކޮންގެ ސެމީ ޕްރޮފެޝަނަލް ކްލަބް އީސްޓާން ޑިސްޓްރިކްޓަށެވެ.
ފައިނަލް މެޗުގެ ވޯޓުލުން ފަށާނީ މާދަމާ މެންދުރު ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ. ވޯޓުލުން ބަންދުވާނީ އާދީއްތަ ދުވަހު އެވެ. އޭއެފްސީގެ ވެބްސައިޓުގައި ބުނެފައިވަނީ ޗެމްޕިއަންކަން ހޯދާ ކުޅުންތެރިޔާ އާދީއްތަ ދުވަހު އިއުލާންކުރާނެ ކަމަށެވެ. މުބާރާތުގައި މިހާރު ކުރިއަށްދަނީ ތިން ވަނަ ހޮވާ މެޗެވެ. ސަފާވީ އާއި ކުއާންގް ވާދަކުރާ ތިން ވަނަ ހޮވާ މެޗުގެ ވޯޓުލުން ނިމޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ދަގަނޑޭ އަށް ވޯޓު ހޯދުމަށް ރާއްޖޭގެ ސަޕޯޓަރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން ދަގަނޑޭގެ ކެމްޕޭން ވަރުގަދަކުރުމަށް މިހާރު ވައިބަރ ކޮމިއުނިޓީ ގްރޫޕެއް ވަނީ ހަދައިފަ އެވެ. ކެމްޕޭން ކަންތަކުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނެވެ.
Advertisement


Leave a Reply