ފުރިހަމަ މޮޅަކާއެކު ލިވަޕޫލަށް ގޮތް ހުސްނުވާކަން ކްލޮޕް ސާބިތުކޮށްދީފި

ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ވަނިކޮށް ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން އެ ޓީމު ފުރިހަމަ މޮޅެއް ހޯދައިފި އެވެ. ރޭގެ މެޗުން މޮޅުވެގެން ޓޭބަލްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އޮތް ލެސްޓަރ ސިޓީ އާ ވާދަކޮށް ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ 0-3 އިންނެވެ.
އަނިޔާގެ ސަބަބުން ރޭގެ މެޗަގައި ލިވަޕޫލް ޓީމުގައި ނުކުޅޭ ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރ ވާޖިލް ވެން ޑައިކް، ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް، ޖޯ ގޯމޭޒްގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރ ޖޯޑަން ހެންޑަސަން އަދި މި ސީޒަނުގައި ބަޔާން މިޔުނިކުން ލިވަޕޫލަށް ގެނައި ތިއާގޯ އަލްކަންޓާރާ ހިމެނެއެވެ. މީގެ އިތުރުން ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހްވެސް ކޯވިޑަށް ޕޮޒިޓިވެވެފައި ހުރުމުގެ ސަބަބުން ރޭގެ މެޗުގައި ކުޅެފައެއް ނުވެ އެވެ. ތިއާގޯ ފިޔަވައި ދެންތިބި ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ޕްރިމިއަރ ލީގުގެ ތަށި ކާމިޔާބުކޮށްދިނުމުގައި އެންމެ ބޮޑު ހިއްސާ އެއް އަދާކުރި ކުޅުންތެރިންނެވެ. މި ކުޅުންތެރިން އަނިޔާގައި ތިބުމުގެ އިތުރުން ލެސްޓަރ ސިޓީން މި ސީޒަނުގައި ދައްކަމުން އަންނަ ރަގަޅު ކުޅުމާއެކު ލެސްޓަރ އަތުން ލިވަޕޫލަށް ކުރި ހޯދިދާނެ ކަމާ މެދު މެޗުގެ ކުރިން ގިނަ ބަޔަކު ތިބީ ޝައްކެއްގައެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ހޯދި މޮޅާއެކު އެ ޓީމު މިހާރު އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި 20 ޕޮއިންޓާއެކު ލިވަޕޫލް ދެވަނައިގައި އޮތް އިރު ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއްވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައި ވަނީވެސް 20 ޕޮއިންޓެވެ. ޓޮޓެންހަމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އިންޓަނޭޝަނަލް ބްރޭކަށްފަހު އެނބުރި އައިސް ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި ރޭ އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ޙަފުގައެވެ. ފުރަތަމަ ލަނޑަކީ މެޗުގެ 21 ވަނަ މިނެޓްގައ ލިވަޕޫލުން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލެސްޓަރ ސިޓީގެ ޑިފެންޑަރު ޖޮނީ އިވާންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެންޑެރޭ ރޮބަޓްސަން ނަގައިދިން ރީތި ހުރަހަކުން ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ވޮލްވްސް އިން އެ ޓީމަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިއޮގޯ ޖޯޓާ އެވެ. 45 މިލިއަން ޕައުންޑަށް މިދިޔަ ސެޕްޓެމްބަރު މަހު ލިވަޕޫލާ ގުޅުނު އުމުރުން 23 އަހަރުގެ ޖޯޓާ ރޭ ކާމިޔާބުކުރި ލަނޑާއެކު ލިވަޕޫލްގެ ތާރީހް ފޮތްތަކުން އޭނާ ވަނީ ޖާގަ ހޯދައިފަ އެވެ. ޕޯޗުގަލް އަށް އުފަން މި ކުޅުންތެރިޔާ ރޭ އެންފީލްޑްގައި ކާމިޔާބުކުރި ގޯލާއެކު ކުލަބަށް ކުޅުނު ފުރަތަމަ ހަތަރު ހޯމު މެޗުގައި ގޯލު ޖެހި ލިވަޕޫލްގެ ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ޖޯޓާއަށް ވަނީ ލިބިފަ އެވެ. މެޗުގައި ލިވަޕޫލުން ޖެހި ފަހު ލަނޑު 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ރޮބާޓޯ ފިރްމީނޯ އެވެ.
ލިވަޕޫޅުން ރޭ ހޯދި ކާމިޔާބާއެކު އެ ޓީމުން ވަނީ ކުލަބްގެ އާ ރެކޯޑެއްވެސް ގާއިމްކޮށްފަ އެވެ. ރޭގެ މެޗާއެކު އެންފީލްޑްގައި ބަލި ނުވެ ލިވަޕޫލުން ޖެހިޖެހިގެން ކުޅުނު މެޗުގެ އަދަދު 64 އަށް އެރީ އެވެ. މީގެ ކުރިން އެންފީލްޑްގައި ބަލި ނުވެ ޖެހިޖެހިގެން އެންމެ ގިނަ މެޗު ކުޅެފައިވަނީ 1978 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 1981 ވަނަ އަހަރުގެ ޖެނުއަރީ މަހާ ދެމެދު އެވެ. އެފަހަރު ލިވަޕޫލްގެ މޮޅުވުމުގެ ރެކޯޑް މުގުރާލީ ލެސްޓަރ ސިޓީންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ރޭގެ މެޗުން ރަގަޅު ވަރަށް ގިނަ ކަންކަން ފެނުނު ކަމަށާއި ވަކި މިވެނި ކަމަކީ އެންމެ ރަގަޅު ކަންތަކޭ ބުނެ ދައްކަން އުނދަގޫ ކަމަށެވެ.
“ފަހަރެއްގަ ރޭގެ މެޗުގައި ފެނުނު އެންމެ ރަގަޅު ކަމަކީ ކަނާތް ފަޅިން ޑިފެންންސް ލައިންގައި ޖޭމްސް މިލްނާ ދެއްކި ކުޅުން ކަމަށް ވެދާނެ. އޭނަގެ ފަރާތުން ރޭގެ މެޗުގައި ފެނުނީ އާދަޔާ ހިލާފު ކުޅުމެއް. ފުރަތަމަ ޑިފެންސް ލައިންގައި. ދެން ފަހުން މިޑްފީލްޑް ތެރޭގައި. އެއީ އަހަރެމެންގެ ކުޅުންތެރިންގެ ފަރާތުން ފެންނަން އަހަރެން ބޭނުންވާ ކަމަކީ.” ކްލޮޕް ބުންޏެވެ.
“ގިނަ ކުޅުންތެރިންތަކަކަށް އެއްފަހަރާ އިންޖަރީ ވުމަކީ ލިބުނު ވަރަށް ބޮޑު ޝޮކެއް. އެކަމަކު އެއަށް ކުޅުންތެރިން ޖެހޭނީ ހައްލު ހޯދަން. އަހަރެމެންގެ ޓީމުގައި ފަހަތް ބަލަހައްޓަން ތިބި ދެޚުޅުންތެރިންނަކީ ވަރަށް ޒުވާން ދެ ކުޅުންތެރިން. އެ މީހުންގެ ތަޖުރިބާއެއް ނެތްއ. ތިޔަ އެންމެންނަށް ފެންނާނެ ރޭ އަހަރެމެންގެ ބެންޗުގައި ތިބި ކުޅުންތެރިން.” 30 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ލީގުގެ ތަށި ލިވަޕޫލަށް މިދިޔަ ސީޒަނުގައި ހޯދައިދިން ޖަރުމަނުގެ ކްލޮޕް މެޗަށް ފަހު ވާހަކަ ދައްކަމުން އިތުރަށް ބުނެފައިވެއެވެ.
Advertisement


Leave a Reply