ދަގަނޑޭ ބްރެކެޓް ޗެލެންޖުގެ ފައިނަލަށް

ދަގަނޑޭ ބްރެކެޓް ޗެލެންޖުގެ ފައިނަލަށް

ޢަލީ ޝަހީމް
ދަގަނޑޭ ނިއު ރޭޑިއަންޓަށް ގޯލެއް ޖަހައިދިނުމަށްފަހު. ފޮޓޯ: މިހާރު

އޭއެފްސީ ވެބްސައިޓުގައި ކުރިއަށްގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގެ ޖާގައެއް ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ހޯދައިފި އެވެ.

ދަގަނޑޭ ފައިނަލުގެ ޖާގައެއް ހޯދީ މިއަދު ނިމުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ވިއެޓްނާމްގެ އެންގުޔެން ކުއާންގް ހާއީއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ހަތަރު ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ސެމީ ފައިނަލުގައި ދަގަނޑޭ 54.68 އިންސައްތަ ވޯޓު ހޯދިއިރު ކުއާންގަށް ލިބުނީ 45.32 އިންސައްތަ ވޯޓެވެ.

މިއަދު ނިމުނު ސެމީ ފައިނަލް މެޗުގެ ނަތީޖާ. ދަގަނޑޭ ވަނީ ފައިނަލަށް ދަތުރުކޮށްފައި

އުމުރުން 23 އަހަރުގެ ކުއާންގަކީ 2017 ވަނަ އަހަރު ވިއެޓްނާމްގެ ގައުމީ ޓީމަށް ކުޅެން ފަށައި މިހާތަނަށް 24 މެޗުގައި ހަ ލަނޑު ޖަހާފައިވާ ކުޅުންތެރިއެކެވެ. ބްރެކެޓް ޗެލެންޖުގައި ވާދަކުރި ކުއާންގެ ލަނޑަކީ 2019 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ އިންޓަ ޒޯން ސެމީ ފައިނަލުގައި ހެނޯއީ އެފްސީގެ ޖާޒީގައި ތުރުކެމެނިސްތާނުގެ ޓީމަކާ ދެކޮޅަށް ޖެހި ހިލޭ ޖެހުމެކެވެ.

ޕޯލްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ ނިއު ރޭޑިއަންޓާ އެކު 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ލަނޑެކެވެ. 7-0 އިން ނިއު ރޭޑިއަންޓް ކާމިޔާބުކުރި އެ މެޗުގައި ދަގަނޑޭ އެ ގޯލު ޖެހީ އެވަގުތު އޭނާ އަތުން ބޯޅަ ހޯދަން ކައިރިވި ހުރިހާ ކުޅުންތެރިން ކަޓުވާލުމަށް ފަހު ކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ. އޭއެފްސީ ކަޕްގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ދަގަނޑޭގެ އެ ގޯލަށް މިދިޔަ ޖޫން މަހު ވެސް ވަނީ އެއް ވަނަ ލިބިފަ އެވެ. އެފަހަރު ދަގަނޑޭގެ ގޯލަށް އެއްވަނަ ލިބުނީ 54 އިންސައްތަ ވޯޓާ އެކު އެވެ.

އޭއެފްސީ ކަޕްގައި މިދިޔަ 10 އަހަރުތެރޭ ޖެހި އެންމެ މޮޅު 32 ގޯލު ހިމަނައިގެން ފެށި އޮންލައިން ޕޯލްގެ ފުރަތަމަ ބުރުގައި ދަގަނޑޭ ކުރި ހޯދީ ކުވައިތުގެ ރޮޖާނިއާއާ ވާދަކޮށެވެ. ގަދަ 16 ގެ ބުރުގައި ދަގަނޑޭ ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހެލް ރާނާ ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި ވިއެޓްނާމްގެ އެންގުޔެން ވެން ކުޔެޓްއާ ވާދަކޮށް ދަގަނޑޭ އަށް މޮޅު ލިބުނީ ކުޑަ ތަފާތަކުންނެވެ. ދިވެހިންގެ ހިތްވަރުން ކުއާޓާގައި ދަގަނޑޭ ކުރި ހޯދިއިރު 135000 އަށް ވުރެ ގިނަ ވޯޓު ވަނީ ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގައި ދަގަނޑޭ އަށް 51.45 އިންސައްތަ ވޯޓު ލިބުނުއިރު ވިއެޓްނާމްގެ ކުޅުންތެރިޔާ އަށް ލިބުނީ 48.55 އިންސައްތަ ވޯޓެވެ. އެވެ.

ދަގަނޑޭއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ފުރަތަމަ ސެމީގައި މެލޭޝިއާގެ އުމުރުން 23 އަހަރުގެ ފޯވާޑް ސަފާވީ ރާސިދުއާ ވާދަކޮށް ކުރި ހޯދި ހޮންގް ކޮންގެ އުމުރުން 35 އަހަރުގެ ފޯވާޑް ޗާން ސިއު ކީ އެވެ. ވާދަވެރިކަން ފެނުނު މި މެޗުގައި ސަފާވީ އަށް 48.4 އިންސައްތަ ވޯޓު ލިބުނުއިރު ޗާން ވަނީ 51.6 އިންސައްތަ ވޯޓު ހޯދައިފަ އެވެ.

ޗެލެންޖުގައި ވާދަކުރާ ޗާންގެ ގޯލަކީ 2015 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މެލޭޝިއާގެ ޕަހާންގްއާ ދެކޮޅަށް ޖެހި ލަނޑެކެވެ. 2017 ވަނަ އަހަރު ސައުތު ޗައިނާ ދޫކޮށްލުމަށް ފަހު ޗާން ވަނީ ހޮންގް ކޮންގެ ޕެގަސުސް އަށް ކުޅެފަ އެވެ. މި އަހަރު އޭނާ ބަދަލުވީ ހޮންގް ކޮންގެ ސެމީ ޕްރޮފެޝަނަލް ކްލަބް އީސްޓާން ޑިސްޓްރިކްޓަށެވެ.

ބްރެކެޓް ޗެލެންޖުގެ ފައިނަލް އޮންނަ ތާރީހް އޭއެފްސީގެ ވެބްސައިޓުގައި މާދަމާގެ ވަގުތެއްގައި އިއުލާން ކުރާނެކަމަށް ބެލެވެ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.