ޒަމާންގަނޑަކަށް ފަހު ޔުނައިޓެޑުން ސިޓީއަށްވުރެ މައްޗަށް އަރައިފި

ޒަމާންގަނޑަކަށް ފަހު ޔުނައިޓެޑުން ސިޓީއަށްވުރެ މައްޗަށް އަރައިފި

ޢަބްދުﷲ އަޝްރަފް

ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް މެންޗެސްޓަރ ސިޓީން ކުޅުނު މެޗުން އެ ޓީމު ބަލިވެފައިވަނިކޮށް ވެސްޓް ބޮރޮމް އާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗު ޔުނައިޓެޑް ކާމިޔާބުކުރުމުން ލީގު ޓޭބަލްގައި ސިޓިއަށްވުރެ ކުރިއަށް ޔުނައިޓެޑް ޖެހިލައިފި އެވެ. މިއީ މިދިޔަ ސީޒަނުގެ ފުރަތަމަ ހަފްތާގެ މެޗުތަކާއެކު ޔުނައިޓެޑަށް ސިޓީއަށްވުރެ ކުރި ލިބުނު ފަހުން އެކަން ހާސިލްވި ފުރަތަމަ ފަހަރެވެ.

ޓޭބަލްގެ އެއްވަނައިގައި މިވަގުތު އޮތް ޓޮޓެންހަމް އަތުން ރޭ 0-2 އިން ސިޓީ ބަލިވިއިރު އެ ޓީމު މިވަގުތު އޮތީ ކުޅުނު އަށް މެޗުން ލިބުނު 12 ޕޮއިންޓާއެކު ޓޭބަލްގެ 11 ވަނައިގަ އެވެ. މެންޗެސްޓަރ ޔުނައިޓެޑްވެސް ހަމަ އެ އަދަދަށް މެޗު ކުޅެފައިވާއިރު އެ ޓީމު އޮތީ 13 ޕޮއިންޓާ އެކު ޓޭބަލްގެ ނުވަ ވަނައިގަ އެވެ. މިއީ މި ސީޒަނުގައި ޓޭބަލްގެ ކުރީ ހާފަށް ޔުނައިޓެޑަށް އެރުނު ފުރަތަމަ ފަހަރެވެ.

މެންޗެސްޓަރ ސިޓީން ރަށުން ބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމުން ޖެހި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަސްވަނަ މިނެޓްގައި ދެކުނު ކޮރެޔާގެ ފޯވާޑް ސޮން އެވެ. ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ޓޮޓެންހަމް އަށް ކާމިޔާބުކޮށްދީފައިވަނީ އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އެވެ.

ރޭ މެންޗެސްޓަރ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް އާ ދެކޮޅަށް ކުޅުނު މެޗު 0-1 އިން ކާމިޔާބުކުރިއިރު މެޗުގައި ޔުނައިޓެޑުންޖެހި ހަމައެކަނި ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް އެވެ. ރޭ ވެސްޓްބްރޮމް އާ ދެކޮޅަށް ޔުނައިޓެޑުން ހޯދި މޮޅަކީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން މިފަހަރުގެ ލީގުގައި ޔުނައިޓެޑުން އޯލްޑް ޓްރެފޯޑްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.